ޕާކިސްތާނުގައި ފޯލިއޯ ބަލި ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެއްޖެ

ޕާކިސްތާނުގައި ފޯލިއޯ ބަލި ނައްތާލުމަށް މިއަހަރު ހިންގާ ޤައުމީ ވެކްސިން ދިނުމުގެ ކެމްޕޭނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ހާމަވެއްޖެއެވެ. އެ ޤައުމުން މިއަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު 9ވަނަ ފޯލިއޯ ކޭސް ރިޕޯޓުކޮށްފައިވާއިރު، މިއީ ޚައިބަރު ޕަޚްތުންޚުވާ ސަރަޙައްދުން ފެނުނު ހަތް މަހުގެ ފިރިހެން ކުއްޖެއްކަމަށް ރަސްމީ ރެކޯޑުތަކުން ދައްކައެވެ.

ގާތގަނޑަކަށް ތިން އަހަރު ދުވަހުގެ ދިގު މުއްދަތެއްގައި ބިލިއަން ރުޕީސް ޚަރަދުކޮށް އަދި 400,000 އަށްވުރެ ގިނަ ވެކްސިން ދޭ މުވައްޒަފުންގެ ބިޔަ ލަޝްކަރެއް ބޭނުންކޮށްގެން ޕާކިސްތާން ސަރުކާރުން މަސައްކަތް ކުރިނަމަވެސް، މި ބަލި މުޅިން ކޮންޓްރޯލް ކުރުމުގައި އަދިވެސް ވަނީ ނުކުޅެދިފައެވެ. މި މައްސަލައަކީ ހަމައެކަނި ލޮޖިސްޓިކް ދަތިތަކާއި ވެކްސިން ލިބުމުގެ ދަތިކަމެއް ނޫން ކަމަށާއި، މިއީ ސަރުކާރުގެ މުއައްސަސާތަކާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާމެދު އާންމުންގެ މެދުގައި އުފެދިފައިވާ އިތުބާރު ގެއްލުމުގެ ފުން ކާރިސާއެއްކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ޞިއްޙީ މާހިރުން ބަޔާންކުރާގޮތުގައި، ސަލާމަތީ ކަންބޮޑުވުންތަކާއި، އާންމުން ދިރިއުޅޭ ވެށި ބަދަލުވުމާއި، އުނަދޫ ސަރަހައްދީ ޙާލަތުގެ އިތުރުން ވެކްސިނާ ދެކޮޅަށް ފެތުރޭ ވާހަކަތަކަކީ މި މަސައްކަތަށް އެޅޭ ބޮޑު ހުރަހެކެވެ. ޚާއްޞަކޮށް، ޚިދުމަތް ލިބުން ދަތި ސަރަޙައްދުތަކުގައި އަސާސީ ޞިއްޙީ ޚިދުމަތްތަކާއި، މައިންނަށް ދޭ ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން ސާފު ބޯފެން ނުލިބުމުގެ ސަބަބުން ރައްޔިތުންގެ ނުރުހުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ގިނަ އާއިލާތަކަކަށް ވެކްސިން ޓީމުތަކަކީ ގޭބިސީ ތަކަށް ޒިޔާރަރް ކުރާ ސަރުކާރުގެ މަންދޫބުންކަމަށް ވާއިރު، އެހެން އަސާސީ ޚިދުމަތްތައް ނުލިބި ވެކްސިން ދިނުމަށް އެކަނި އިސްކަންދިނުމުން ރައްޔިތުންގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

ބްރިޓިޝް މެޑިކަލް ޖާނަލްގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކަށް ޙަވާލާދީ ނޫސްތަކުން ބުނެފައިވާގޮތުގައި، ދެކުނު ޚައިބަރު ޕަޚްތުންޚުވާގެ ޤަބީލާ ތަކުގެ މަޖިލިސްތަކުން ވަނީ ވެކްސިން ދިނުމުގެ ކެމްޕޭންތައް ބޮއިކޮޓުކުރުމަށް އެތައް ފަހަރަކު ނިންމާފައެވެ. އެ މީހުން މިފަދަ ފިޔަވަޅުތައް އަޅަނީ ކަރަންޓާއި، މަގުތަކާއި، ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން އަސާސީ ޢުމްރާނީ ތަރައްޤީ ހޯދުމަށް ސަރުކާރުއަށް ބާރުއެޅުމުގެ ގޮތުންނެވެ.

މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ކުއްލި ޙާލަތުގައި ހިންގާ ފޯލިއޯ އޮޕަރޭޝަންތައް ޕްރޮވިންސުގެ އާންމު ޞިއްޙީ ނިޒާމާ ގުޅުވާލުމަށާއި، ވެކްސިން ދިނުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، އިތުބާރު ހުރި މަންދޫބުން މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ތަޖުރިބާކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!