މަރުގެ އަދަބަކީ ޤާނޫނީ ގޮތުން ދެވޭ ޙައްޤު އަދަބެއްކަމަށް އިންޑިއާއިން އދއަށް އަންގައިފި

މަރުގެ އަދަބު ހުއްޓުވުމަށް ގޮވާލައި އދ. ގެ އާންމު މަޖިލީހަށް ހުށަހެޅު ހުށަހެޅުމަކަށް އިންޑިއާއިން ދެކޮޅު ހަދައިފިއެވެ. އެ ޤައުމުން ބުނީ މަރުގެ އަދަބާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި އެއްބަސްވުމެއް އޮތްކަމަށް ޤަބޫލުނުކުރެވޭ ކަމަށާއި، ކޮންމެ ސިޔާދަތީ ދައުލަތަކަށްވެސް އަމިއްލަ ޤާނޫނީ ނިޒާމުގެ ދަށުން އަދަބު ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު ލިބިގެވާ ކަމަށެވެ.

އދ. ގެ 81 ވަނަ އާންމު މަޖިލީހުގެ ތިންވަނަ ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އދ. ގައި ހުންނަ އިންޑިއާގެ ދާއިމީ މިޝަންގެ ފުރަތަމަ ސެކްރެޓަރީ ބަވީކާ މަންގަލަނަންދަން ވިދާޅުވީ، ޤާނޫނީ ހަރުދަނާ އިޖުރާއަތްތަކަކަށްފަހު މަރުގެ އަދަބު ދިނުމަކީ ދައުލަތުން ގަސްތުގައި މީހުން މެރުން ކަމަށް ސިފަކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުއާހަދާ ގެ 6 ވަނަ މާއްދާއިން ވަކި ޝަރުޠުތަކެއްގެ މެތިން މަރުގެ އަދަބު ދިނުން ހުއްދުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ވެސް ވަނީ މި ގަރާރާ ދެކޮޅަށް ވޯޓުލާފައެވެ. ނަމަވެސް ރާއްޖެއިން ދެއްކި ވާހަކައިގެ ތަފްސީލެއް ލިބިފައެއް ނެތެވެ.

އިންޑިއާއިން މި މަޤާމު ހާމަކޮށްފައިވަނީ، ޝަރީޢަތުން ބޭރުން ނުވަތަ ޤާނޫނާ ޚިލާފަށް މީހުން މެރުން ހުއްޓުވުމާ ގުޅޭގޮތުން ހުށަހެޅުނު ޚާއްޞަ ޤަރާރަކަށް ބަހުސްކުރުމުގެ ތެރެއިންނެވެ. އެ ޤަރާރުގެ ބޮޑުބަޔަކަށް އިންޑިއާއިން ތާއީދުކުރި ނަމަވެސް، ޤާނޫނީ ގޮތުން ދޭ މަރުގެ އަދަބު ބޮޑެތި ކުށްތަކުގައި ދިނުމަކީ އިންސާނީ ޙައްޤުތަކާ ޚިލާފުކަމެއް ކަމަށް ބަޔާންކޮށްފައިވާ ޕެރެގްރާފްަށް އެ ޤައުމުން ވަނީ ފާޅުގައި ދެކޮޅު ހަދާފައެވެ.

އިންޑިއާގެ ޤާނޫނީ ނިޒާމުގައި މަރުގެ އަދަބު ކަނޑައަޅާފައިވަނީ ވަރަށް މަދު، އަދި އެންމެ ނުރައްކާތެރި ޙާލަތްތަކުގައި އެކަނި ކަމަށާއި، ކޯޓުތަކުގެ މަރުޙަލާތަކުން އެކަން ކަށަވަރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަރުގެ އަދަބާ ދެކޮޅަށް ހުށަހެޅުނު ވަކި ޤަރާރަކަށް އިންޑިއާއިން ވޯޓުދީފައިވަނީ މީގެ ކުރީގެ އަހަރުތަކުގައިވެސް އެ ޤައުމުން ޢަމަލުކުރަމުން އައިގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލާގައި އެމެރިކާއިންވެސް ވަނީ އަމިއްލަ ސިޔާސަތުތައް ހާމަކޮށްފައެވެ. އެމެރިކާގެ މަންދޫބުގެ ނައިބް ވިދާޅުވީ، ޤައުމުތަކުގެ ސިޔާދަތީ ޙައްޤުތަކަށް އެމެރިކާއިން އިޙްތިރާމުކުރާ ކަމަށާއި, ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ މިންގަނޑުތަކުގެ ތެރެއިން މަރުގެ އަދަބު ދިނުމަކީ ޤައުމުތަކުގެ އަމިއްލަ އިޚްތިޔާރެއް ކަމަށެވެ. ނަމަވެސް، މި ޤަރާރުގެ ސަބބުން އދ. ގެ އަސާސީ މަޤުޞަދުތަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭތީ, އެމެރިކާއިން މި ޤަރާރާ ދެކޮޅަށް ވޯޓުދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!