އިންޑިއާގެ ޖައްމޫ ކަޝްމީރުގެ ކުލްގާމް ސަރަޙައްދުގައި ހަނގުރާމަވެރިންނާ ދެކޮޅު އޮޕަރޭޝަނެއްގައި، ލަޝްކަރޭ ތޮއިބާ (ލެޓް) ޖަމާޢަތުގެ އިސް ކޮމާންރު މުޙައްމަދު ލަޠީފް ބަޓް އާއިއެކު ދެ ޓެރަރިސްޓުން މަރާލައިފިއެވެ. މި ޚާއްސަ އޮޕަރޭޝަނަކީ ސެންޓްރަލް ރިޒަރވް ފޯސް އާއި ޖައްމޫ ކަޝްމީރު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ކަމާބެހޭ އޮފިޝަލުން ހާމަކުރައްވައެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ކުލްގާމްގައި ސަލާމަތީ ބާރުތަކުގެ އޮފިސަރުންނަށް އަމާޒުކޮށް ދިން ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި ސީއާރުޕީއެފްގެ ތިން އޮފިސަރުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އިންޑިއާގެ ސަލާމަތީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މަރާލެވުނު ކޮމާންޑަރު ލަޠީފް ބަޓަކީ މީގެ ކުރިންވެސް އެ ސަރަޙައްދުގައި ހިންގާފައިވާ ނުރައްކާތެރި އެތައް ހަމަލާތަކެއްގެ އަޑީގައި ހުރި ފަރާތެވެ.
ސީއާރުޕީއެފްގެ ސްޕެޝަލް ޑިރެކްޓަރ ޖެނެރަލް ސަންދީޕް ޚިރުވާރު ހޯމަ ދުވަހު ވިދާޅުވީ، ނޮވެމްބަރު 11 ވަނަ ދުވަހު ކުލްގާމްގައި ދިން ހަމަލާއާ ގުޅިގެން ޖައްމޫ ކަޝްމީރުގެ އެކި ސަރަޙައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި ހަމަލާދިން ފަރާތްތަކާ ބެހޭ ސައްޙަ މަޢުލޫމާތާއި ހެއްކެތް ސިފައިންނަށް ލިބިފައިވުމުގެ ސަބަބުން، ހަލުވިކަމާއެކު މި ޖަމާޢަތާ ދެކޮޅަށް ފިޔަވަޅު އެޅިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ޙާދިސާއާ ގުޅިގެން ސީއާރުޕީއެފްގެ ޑިރެކްޓަރ ޖެނެރަލް ވަނީ ކަޝްމީރަށް ޒިޔާރަތްކުރައްވައި، ސަލާމަތީ ކަންކަން ހުރި ނެތްގޮތް ވަޒަންކުރައްވާފައެވެ.
ކުލްގާމްގެ ހަމަލާ ހިނގާތާ 24 ގަޑިއިރުގެ ތެރޭގައި، ކިޝްތުވާރް ޑިސްޓްރިކްޓްގައިވެސް އިތުރު ހަމަލާއެއް ހިންގާފައިވެއެވެ. އެ ހަމަލާގައި ސްޕެޝަލް ފުލުސް އޮފިސަރުން ކަމަށްވާ ބާބީ ނަންދު އަދި ޔަޝްޕާލް ކުމާރު ވަނީ މަރާލެވިފެވެ. ރިޕޯޓުތައް ބުނާ ގޮތުން، މި ދެ އޮފިސަރުން މަރާލާފައިވަނީ ސިފައިން ހިންގާ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއްގައި ބައިވެރިވުމަށް ދަތުރުކުރަމުން ދަނިކޮށެވެ.






