ބައިނަލްއަޤުވާމީ ކުށުގެ ނެޓްވޯކްތަކާއި ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޖަމާޢަތްތަކުގެ އިރުޝާދުގެ ދަށުން، އިންޑިއާގެ މުމްބާއީގެ ހައްސާސް ސަރަޙައްދުތަކާއި ޔަހޫދީންގެ މަރުކަޒެއް ކަމަށްވާ "ޗަބަޑް ހައުސް" އަށް ޖާސޫސްކޮށް، އެ ތަންތަނުގެ މަޢުލޫމާތު އެއްކުރި ކަމުގެ ތުހުމަތުގައި އުމުރުން 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ނަވީ މުމްބާއީގެ ޔާޝް ސިންގް ނަމަކަށް ކިޔާ މި ޒުވާނާ އެންމެ ފުރަތަމަ ހިފަހައްޓާފައިވަނީ މަހާރާޝްޓްރާ އެންޓި-ޓެރަރިސްޓް ސްކޮޑް (އޭ.ޓީ.އެސް) އިންނެވެ. އެއީ މީސް މީޑިއާ މެދުވެރިކޮށް ބޭރުގެ ނުރައްކާތެރި ފަރާތްތަކާ އޭނާ ގުޅުން ބާއްވަމުންދާ ކަމަށް ލިބުނު ޖާސޫސީ މަޢުލޫމާތަކާ ގުޅިގެންނެވެ. އޭގެ ފަހުން، ކެރެލާގެ ތްރިޝޫރު ޑިސްޓްރިކްޓްގައި ރަޖިސްޓްރީކޮށްފައިވާ މައްސަލައަކާ ގުޅިގެން ކެރެލާ ފުލުހުން ވަނީ އޭނާ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ތަޙުޤީޤީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ޔާޝް ސިންގް ފުލުހުންނަށް ދިން ބަޔާނުގައި އެއްބަސް ވެފައިވަނީ، މާފިއާ ގޭންގުތަކާއި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާ ގުޅުންހުރި މީސް މީޑިއާ އެކައުންޓްތަކަކުން އޭނާއަށް ދެކުނު މުމްބާއީގެ، ޚާއްސަކޮށް ކުލާބާ ސަރަޙައްދުގެ މުހިންމު ތަންތަން ބަލައި ދިރާސާކުރުމަށް ހަވާލުކުރި ކަމަށެވެ.
އޭނާއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ޗަބަޑް ހައުސްއާއި، ޔަހޫދީން ހިންގާ ވިޔަފާރިތަކުގެ އިތުރުން ބޭރު ޤައުމުތަކުގެ މީހުން ގިނައިން ގޮސްއުޅޭ ސަރަޙައްދުތަކުގެ ފޮޓޯ ނެގުމާއި، އެ ތަންތަން ހުރި ސީދާ ލޮކޭޝަން ފާހަގަކޮށް ފޮނުވުން ހިމެނެއެވެ. މި މަސައްކަތްތަކުގެ ބަދަލުގައި އޭނާއަށް ފައިސާ ލިބެމުންދިޔަ ކަމަށްވެސް އޮފިޝަލުން ކަށަވަރުކޮށްދެއެވެ.
މި މައްސަލައިގައި އަމާޒުކޮށްފައިވާ ޗަބަޑް ހައުސްއަކީ 2008 ވަނަ އަހަރުގެ ނޮވެމްބަރު 26 ވަނަ ދުވަހު ޕާކިސްތާނުގެ ޓެރަރިސްޓުން މުމްބާއީއަށް ދިން ނުރައްކާތެރި ހަމަލާތަކުގައިވެސް އަމާޒުކުރި މުހިންމު އެއް މަރުކަޒެވެ.
އިތުރަށް ކުރިއަށްގެންދިޔަ ތަޙުޤީޤުތަކުން ހާމަވެފައިވާ ގޮތުގައި، ސިންގް ވަނީ ޓެލެގްރާމް މެދުވެރިކޮށް ބޭރުގެ ނުރައްކާތެރި ފަރާތްތަކާ ސީދާ މުޢާމަލާތްކޮށްފައެވެ. މި ގުޅުންތަކުގެ ސަބަބުން، ކެރެލާގެ ތްރިޝޫރު އީސްޓް ޕޮލިސް ސްޓޭޝަންގައި ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު (ޔޫ.އޭ.ޕީ.އޭ) ގެ ދަށުން ކުރިން ހައްޔަރުކޮށްފައިވާ ކުށްވެރިއަކާ އޭނާއާ ގުޅުން އޮތްކަން ވަނީ ފަޅާއަރާފައެވެ.
މަހާރާޝްޓްރާ އޭ.ޓީ.އެސް އިން ދިން މަޢުލޫމާތާ ގުޅިގެން ތްރިޝޫރު ފުލުހުންގެ ޚާއްސަ ޓީމެއް ނަވީ މުމްބާއީއަށް ދަތުރުކޮށް، މި ރޭވުމުގައި އޭނާގެ ބައިވެރިވުން އޮތްކަން ކަށަވަރުވުމުން ރަސްމީކޮށް އޭނާ ހައްޔަރުކުރީއެވެ.
ސަލާމަތީ އިދާރާތަކުން ފާހަގަކުރާ ގޮތުގައި، ޕާކިސްތާނުގައި ހަރަކާތްތެރިވާ "ޝަހްޒާދު ބައްޓީ ނެޓްވޯކް" ފަދަ ބޭރުގެ ކުށުގެ ޖަމާޢަތްތަކުން ދަނީ ޓެލެގްރާމް، އިންސްޓަގްރާމް އަދި ވަޓްސްއެޕް ފަދަ މީސް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން، ވަޒީފާއެއް ނެތް އަދި މާލީ ގޮތުން ދަތި ހާލުގައި އުޅޭ ޒުވާނުން ހޯދައި، ފައިސާގެ ދަހިވެތިކަމުގައި ޖާސޫސްކުރުމާއި ޤައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ޢަމަލުތަކުގައި ބައިވެރިކުރަމުންނެވެ.






