މ. ދިއްގަރުގައި ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސްގެ "ބޭންކް ފަންޑު" ގެ އެހީތެރިކަމާއެކު، މ. ދިއްގަރުގައި ހިންގި "ސަސްޓެއިނަބަލް އަރބަން ފާމިންގ ކޯޕަރޭޝަން" މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ދެލައްކަ ރުފިޔާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ، ޒަމާނީ ދަނޑުވެރިކަމުގެ އުޞޫލުތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށް ހިންގާފައިވާ ޕްރޮޖެކްޓެކެވެ.

މި މަޝްރޫޢު ޢަމަލީގޮތުން ހިންގާފައިވަނީ ދިއްގަރުގެ ޖަމްޢިއްޔާއެއް ކަމަށްވާ "ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން" ގެ ފަރާތުންނެވެ. އެފަރާތަށް ބެންކުން ދޫކުރި 200,000 ރުފިޔާގެ ހިލޭ އެހީގެ އެހީގައި، ހައިޑްރޯޕޯނިކްސް އާއި ވާޓިކަލް ފާމިން ގެ ޒަމާނީ އުޞޫލުތައް މި މަޝްރޫޢުގައި ބޭނުންކޮށްފައިވެއެވެ. މިއީ ބިމުގެ ޖާގައިގެ ދަތިތަކާއި މަދު ވަސީލަތްތަކާއެކުވެސް، މުޖުތަމަޢުގެ ބޭނުންތަކަށް ފުދޭވަރަށް ކާބޯތަކެތި އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

މި ޕްރޮޖެކްޓުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި، ދިއްގަރުގައި އުފައްދާ ތާޒާ މޭވާއާއި ތަރުކާރީ އެ ރަށުގެ ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. ހަމައެއާއެކު، ޒަމާނީ ދަނޑުވެރިކަމުގެ ޢަމަލީ ތަޖުރިބާއާއި ޚާއްސަ މަޢުލޫމާތު މުޖުތަމަޢުގެ އެހެން ފަރާތްތަކަށް ފޯރުކޮށްދިނުމަކީވެސް މި މަޝްރޫޢުގެ މުހިންމު ބައެކެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގެ ދާއިރާއިން އެރަށުގެ ރައްޔިތުންނަށް އިޤްތިޞާދީ އައު ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް މި މަޝްރޫޢު ފަރުމާކުރުމުގައި ބެލި މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

ރާއްޖޭގެ އެކި ރަށްތަކުގއި ދެމެހެއްޓެނިވި ތަރައްޤީއަށާއި، ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށް އެހީތެރިވެދޭ މިފަދަ ޕްރޮޖެކްޓުތަކަށް ބީއެމްއެލް ގެ "ބޭންކް ފަންޑު" ގެ ދަށުން މެދުކެނޑުމެއްނެތި އެއްބާރުލުން ދެމުންގެންދެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް