އަލްޖީރިއާގައި ފެށި "رجال الفجر" ހަރަކާތަށް ދުނިޔޭގެ ބޮޑު ސަމާލުކަމެއް
ފަތިސް ނަމާދުގެ ޖަމާއަތަށް ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިން ހާޒިރުކުރުމަށް އަލްޖީރިއާގައި ފެށި ދީނީ އަދި ތަރުބަވީ ހަރަކާތެއް ކަމަށްވާ "رجال الفجر" "ރިޖާލުލް ފަޖުރު" (ފަތިހުގެ ފިރިހެނުން) ގެ ހަރަކާތަށް މުޅި އަރަބި ދުނިޔޭގެ ބޮޑު ސަމާލުކަމެއް ލިބިއް ޖެއެވެ.
ފިނި މޫސުމުގެ ފަތިހުގެ ވަގުތުގައި ބޯ ހެދުމުގައި ތިބޭ ކުޑަކުދިން މިސްކިތްތަކުގެ ކުރީ ސަފުތައް ފުރާލާ މަންޒަރު ފެންނަ ވީޑިއޯތައް ނޮވެމްބަރު މަހު މީސް މީޑިއާގައި ވައިރަލްވުމާއެކު، މި ހަރަކާތަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
މި ހަރަކާތް އެންމެ ފުރަތަމަ ފެށުނީ އަލްޖީރިއާގެ ސެތީފް ޕްރޮވިންސްގެ އައިލް އަލްކަބީރާ ސަރަހައްދުގަ އެވެ. މި މަސައްކަތް ފެށީ އެ ސަރަހައްދުގެ ގުރުއާން ކިޔަވައިދޭ މުދައްރިސުންނާއި ބެލެނިވެރިންގެ އިސްނެގުމުގެ މަތިންނެވެ. އެކަމުގައި އިސްކޮށް އުޅުނީ އުމަރު އައިސާއޫއީ އެވެ.
މި ދީނީ ހޭލުންތެރިކުރުމުގެ ހަރަކާތް ފެށި މިސްކިތަކީ، މީގެ ކުރިން ތަރާވީހު ނަމާދަށް ހުންނަވަނިކޮށް ބުޅަލެއް ކޮނޑަށް އެރުމުން މުޅި ދުނިޔޭގެ ސަމާލުކަން ހޯއްދެވި އިމާމް ވަލީދު މެހްސާސް އިމާމުވެ ނަމާދުކުރައްވާ މިސްކިތެވެ.

މަދު ކުދިން ކޮޅަކާއެކު ފެށި މި ހަރަކާތް ވަރަށް އަވަހަށް ސެތީފް ޕްރޮވިންސާއި އަވަށްޓެރި ބުރުޖު ބޫ އަރީރިޖް ފަދަ ޕްރޮވިންސްތަކަށް އާންމު ވިއެވެ. އަދި މިކަން މިހާރު މުޅި އަލްޖީރިއާގައި ފެތުރި އެތައް ހާސް ކުދިންނެއް މިކަމުގައި ބައިވެރިވެ އެވެ. ބުރުޖު ބޫ އަރޭރިޖްގެ އެންމެ މިސްކިތަކަށް އެކަނިވެސް ގަވާއިދުން 80 އަށްވުރެ ގިނަ ކުދިން ފަތިސް ނަމާދަށް ހާޒިރުވެ އެވެ.
މި ހަރަކާތް ރާވާ ފަރާތްތަކުން އިންތިޒާމު ހަމަޖައްސާފައިވަނީ ފަތިހުގެ އަނދިރީގައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޮޑެތި މީހުންގެ ބެލުމުގެ ދަށުން ޖަމާއަތްތަކަކަށް ބަހާލައިގެން ކުދިން މިސްކިތަށް ގެންދާ ގޮތަށެވެ.
މިކަމުގައި ބައިވެރިވާ ކުދިންގެ ކިބައިގައި އަޚުލާގާއި ޒިންމާދާރުކަން އަށަގެންނެވުމުގެ އިތުރުން، ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން ތަފާތު އިނާމުތައް ވެސް ދެ އެވެ. އެގޮތުން ބުރުޖު ބޫ އަރޭރިޖްގައި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި، ގަވާއިދުން ނަމާދަށް ހާޒިރުވި ކުދިންނަށް ވަނީ އުމްރާ ދަތުރު ހަދިޔާކޮށްފަ އެވެ.
އަލްޖީރިއާގެ މި މަންޒަރުތަކާއެކު މެދުއިރުމައްޗާއި އުތުރު އެފްރިކާގެ އެހެން ގައުމުތަކުގައި ވެސް ތަފާތު ނަންނަމުގައި މިފަދަ ކެމްޕޭންތައް ވަނީ ފަށާފަ އެވެ.
އޭގެ ތެރޭގައި އުރުދުންގައި "ނަޝާމާ އަލްފަޖުރު"، މޮރޮކޯގައި "ފުރުސާން އަލްފަޖުރު" އަދި މިސްރުގައި "ރިޖާލާތުލް ފަޖުރު" ގެ ނަމުގައި ހިންގާ ހަރަކާތްތައް ފާހަގަކޮށްލެވެ އެވެ.
މީގެ އިތުރުން ސޫދާން، ޔަމަން، ސީރިޔާ، ސައޫދީ އަރަބިއްޔާ އަދި ގަތަރުގައި ވެސް މިފަދަ ކަންކަމުގެ ވީޑިއޯތައް އަންނަނީ އާންމުވަމުންނެވެ.
ދީނީ އިލްމުވެރިންނާއި ޖަމިއްޔާތަކުން މި ހަރަކާތަށް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
އޭގެ ތެރޭގައި ބައިނަލްއަގްވާމީ ދަންނަބޭކަލުންގެ ޖަމުއިއްޔާއާއި އޮމާންގެ މުފްތީ ޝައިޚް އަހުމަދު ބިން ހަމަދު އަލްޚަލީލީ ހިމެނިވަޑައިގަންނަވަ އެވެ. އަލްޚަލީލީ ވިދާޅުވި ގޮތުގައި މިއީ އަންނަން އޮތް ޖީލުތަކުގެ ކިބައިގައި ރިވެތި އަހުލާގު ބިނާކުރުމަށް އޮތް ނަމޫނާ މަސައްކަތެކެވެ.
މި ހަރަކާތް ފެށި އަލްޖީރިއާގެ އެތެރޭގައި އިލްމާނީ ޚިޔާލުގެ ތައުލީމީ ދާއިރާގެ ބޭފުޅުންނާއި ބެލެނިވެރިންގެ މެދުގައި މިކަމާ ގުޅޭ ޚިޔާލު ތަފާތުވުންތައް ވަނީ އުފެދިފަ އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ފަތިހު ކުދިން ހޭލެއްވުމަކީ ކުދިންގެ ނިދުމުގެ ނިޒާމަށް ބުރޫއަރާނެ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ކިޔެވުމަށް ނޭދެވޭ އަސަރު ކުރާނެއެވެ. އަދި އަނދިރީގައި ބޭރަށް ނުކުމެ އުޅުމަކީ ކުދިންގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެ އެވެ. އެހެންނަމަވެސް، މި ހަރަކާތަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ ރޭގަނޑު އަވަހަށް ނިދުމުގެ އާދަ އަށަގެންނެވުމާއި ބޮޑެތި މީހުންނާއެކު މިސްކިތަށް ދިއުމުން އެފަދަ އެއްވެސް މައްސަލައެއް ކުރިމަތިނުވާ ކަމަށެވެ.
މި ބަހުސް އިތުރަށް ހޫނުވެގެން ދިޔައީ މީޑިއާގައި މި މިކަމަށް ފާޑުކިޔައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ވާހަކަތަކަކީ މިސްކިތްތަކާއި އިމާމުންނަށް ކުޑައިމީސް ކުރުމުގެ ބަސްތަކެއް ކަމަށް ބުނެ، އަލްޖީރިއާގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒް އެންޑް އެންޑޯވްމަންޓްސް އިން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އަދި މި މައްސަލައިގައި އަޅާނެ ގާނޫނީ ފިޔަވަޅުތަކާ ގުޅޭގޮތުން އެ ގައުމުގެ ޕާލަމެންޓް މެންބަރަކު ވަނީ ޖަސްޓިސް މިނިސްޓަރާ ލިޔުމުން ސުވާލު ވެސް ކުރައްވާފަ އެވެ.
