ސިޑްނީގެ މަލަމަތި ރީކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ސިޑްނީގެ މަސްމާރުކޭޓް އަލުން އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ނިންމައިފިއެވެ. ސިޑްނީ ފިޝް މާކެޓަކީ 750 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.
ތިން ބުރިއަށް ހަދާ މި އެކުވެނީގައި ޖުމުލަ 30 ހާސް އަކަފޫޓު ހުންނާނެއެވެ.
މޫދަށް ކުރިމަތިވާ ގޮތަށް ހަދާ މި އިމާރާތުގައި ކަނޑުމަހުގެ ތަފާތު ވައްތަރުތައް ވިއްކާ ގޮޅިތަކާއި، ޚާއްސަ ރެސްޓޯރެންޓްތަކާއި، ކެފޭއާއި ބަރތަކާއި މާރުކޭޓު ހޯލުތައް ހަދާފައި ވާނެއެވެ.
މި އެކުވެނީގެ ފުރާޅު ޑީޒައިން ކޮށްފައި ވަނީވެސް މަހުގެ ހުޅުނބާ އެއްގޮތް 350 އެލްމެނިއަމް ޕެނަލް ބޭނުންކޮށްގެން އިރުގެ އަލި އަބަދުވެސް ލިބޭ ގޮތަށެވެ.
މި އިމާރާތަށް ވެހޭ ފެން ސާފުކޮށް ރައްކާ ކުރެވި އެފެން، އަލުން ބޭނުން ކުރާނެއެވެ.
އެކުވެންޏަށް ޒިޔާރަތް ކުރާ އުނޅަނދު ޕާކުރުކުމަށް ޖާގަ ކަނޑައަޅާފައި ވެއެވެ. އެގޮތުން އެކުވެނީގެ ބިންގަރާހުގައި 420 ކާރަށް ޕާކް ކުރެވޭނެއެވެ. އަދި ޓެކްސީއާއި ބަސް ހުއްޓުމަށް ޚާއްސަ އޭރިއާތައް ކަނޑައަޅާފައި ވެއެވެ. އަދި ސީފުޑް ސްކޫލަކަށްވެސް ޖާގަ ކަނޑައެޅިފައި ވެއެވެ.
އިމާރާތުގެ ބޭރުން ވަށައިގެންވާ ބަގީޗާގެ މަލަމަތި ފެންނާނޭހެން މީހުން އިށީދެލައިގެން ތިބެވޭ ގޮތަށް ބޭރު މައިދާނަށް ވާގޮތަށް ސިޑި ބަރީގައި އޯޕަން އެއަރ ތިއޭޓާރއެއްވެސް ހަދާފައި ވެއެވެ. ލައިވް ޝޯތައް ބޭއްވުމަށް މި މައިދާން ބޭނުން ކުރެވޭނެއެވެ.
ސިޑްނީގެ ސިޓީ މަސްއޫލުވެރިންގެ މަގްސަދަކީ، 2024 އަންނަން ވާއިރަށް މިހިސާބަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ފަސް މިލިއަނަށް އިތުރު ކުރާށެވެ.
1996ގައި ހަދާފައިވާ މިހާރު ބޭނުންކުރާ މަސް މާރުކޭޓަކީވެސް ގިނަ ބަޔަކު ޒިޔާރަތް ކުރާ ތަނެކެވެ. މިތަނަށް ޒިޔާރަތް ކުރާ މީހުންގެ 22 އިންސައްތައަކީ ބިދޭސީންނެވެ. މިއީ ދުނިޔޭގެ ދެކުނު ބިތުގެ އެންމެ ބިޔަ މަސްމާރުކޭޓެވެ.
މި ޕްރޮޖެކްޓްގައި 4700 އަކަ މީޓަރުގެ ހުސް ޖާގަ އާންމުންނަށް ޚާއްސަ ކޮށްފައި ވާނެއެވެ.
ބޯޓްތައް ލަފާނެ ޖެޓީއަކާއި، މުނިފޫހިފިލުވުމަށް ކަނޑުގެ ކުޅިވަރުގެ ހަރަކާތްތަކުގައި އުޅޭ މީހުން ބޭނުން ކުރުމަށް ޚާއްސަ ޖާގައެއް ވެސް އޮންނާނެއެވެ.
މި މަސްމާރުކޭޓުގައި އުފެދޭ ހަ ހާސްޓަނުގެ މަހުގެ ކަރު ގޮހޮރު އަލުން ބޭނުން ކުރެވޭ ގޮތަށް ރިސައިކަލް ކުރެވޭނެއެވެ. މިއީ އަންދާސާ ކޮށްލާއިރު ގާތްގަނޑަކަށް ހަތަރުހާސް ގެއިން އުކާލެވޭ ވަރުގެ ކުންޏެވެ.
މި އިމާރާތުގައި ބޭނުން ކުރާ ޕްލާސްޓިކް ގެ 50 ޕަސެންޓް ރިސައިކަލް ކުރާނެއެވެ. އަދި ބޯން ނޫން ގޮތަށް ބޭނުންކުރާ ފެންވެސް ރިސައިކަލް ކުރާނެއެވެ.
މިއިމާރާތުގެ މަސައްކަތް ހިނގަމުންދާ އިރު ހަތަރު ހާސް މީހުންނަށް ވަޒީފާ ލިބޭނެއެވެ. އަދި ތަން އޮޕަރޭޓް ކުރަން ފެށުމުން ސީދާކޮށް 900 މީހުންނަށް ވަޒީފާ ހަމަޖެހޭނެއެވެ.
250 މިލިއަން ޑޮލލަރުގެ މި ޕްރޮޖެކްޓްގެ ޑިޒައިނަރަކީ، ޑެންމަރކްގެ 3އެކްސްއެން ކުންފުންޏެވެ.