ބައިޑެންގެ ނާއިބް ރައީސަށް ދޫކުރައްވައި އެކަހެރިވެ ވަޑައިގެންފާނެ ބާ؟

ކަމެލާ ހެރިސްއަށް ފުތުސަތު ދެއްވައި ބައިޑެން އިންތިޚާބީ ރޭހުން ދުރަށް ޖެހިވަޑައިގެންފާނެ ބާވައެވެ؟ ބައިޑެން ވަނީ، މިފަހުން ހެރިސް އަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވފައެވެ. އޭނާ ވިދާޅުވެފައި ވަނީ އެއީ ހަމައެކަނި ނާއިބް ރައީސްގެ މަގާމަށް ކުޅަދާނަ ބޭފުޅެއް ނޫނެވެ. ގައުމުގެ ރައީސްގެ މަގާމަށްވެސް އެކަމަނާ ކުފޫ ހަމަވާކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބައިޑެންއަށް ހެރިސް އަށް އެފުރުސަތު ދޫކޮށްލެވިދާނެ ތޯއެވެ؟ އަދި އެހީ އެހާ ފަސޭހަ ކަމެއް ބާވައެވެ؟

ބައިޑެން ރިއާސީ ރޭސް ދޫކުރައްވައިފިނަމަ އުފެދޭ ސުއާލުތައް ކިތަންމެހާވެސް ގިނައެވެ. އަދި ބައިޑެންއަށް ހެރިސްއަށް އެފުރުސަތު ދެއްވައި ރިއާސީ ރޭހުން އެކަހެރިވެވަޑައިގެންނެވިދާނެ ތޯއެވެ؟

ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތު ވުމެއް އުފެދިފައި ވެއެވެ. ކޮންގްރެސްގެ ކުރީގެ ރައީސް ނެންސީ ޕެލޯސީ ވިދާޅުވަނީ ބައިޑެންއަށް އެފަދައިން އަމަލު ކުރެއްވުމަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި އެންމެ ރަނގަޅު ވާނީ ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގައި ވާދަވެރިކަމަށް އެކަން ދޫކޮށްލެއް ވުމެވެ. އަދި ހެރިސްވެސް ވާދަ ކުރެއްވުމަށްފަހު ރިއާސީ ޓިކެޓް ހޯއްދަވައިފިނަމަ މޮޅު އިތުރު ކަމަށް ޕެލޯސީ ވިދާޅުވެއެވެ.

މިއާ ޚިލާފަށް ވާހަކަ ދައްކަވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ހެރިސްއަކީ މި ވަގުތުގެ ހާލަތަށް ރިއާޔަތްކޮށް އެންމެ މުނާސިބު ޝަޚުސިއްޔަތު ކަމަށެވެ. އަދި އޭނާއަށް އެފުރުސަތު ގެއްލޭގޮތަށް އެއްވެސް ފަރާތަކުން ވާހަކަ ދައްކައިފިނަމަ އެކަން ވާނީ ނަސްލީ ތަފާތު ކުރުމުގެ އަމަލެއް ކަމަށެވެ. އަދި އެއީ އަންހެނަކަށް ވުމުން ތަފާތު ކުރުމެއް ކަމަށް ބެލުމުގެ ފުރުސަތުވެސް ބޮޑުކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ.

އެމެރިކާގެ ރައީސުން އެބޭފުޅުންގެ ނާއިބު ރައީސުންނަށް ރިއާސީ ޓިކެޓް ލިބޭ ގޮތަށް ދީލަތިކަމާއެކު މަސައްކަތް ކުރައްވާފައިވާ ތަނެއް ނުފެނެއެވެ. ބޮޑު ހަނގުރާމައަށްފަހު ވަޑައިގަތް ހުރިހައި ރައީސުންހެން އެބޭފުޅުންގެ ނާއިބުންނަށް ރިއާސީ ޓިކެޓް ދެއްވުމުގައި ފަހަތު ފަޔަށް ބުރަވެވަޑައިގަތްތަން ފެނިފައި ވެއެވެ.

ހިއްސާ ކުރައްވާ!