މަޖިލިސް ރައީސް ޢަބްދުއްރަޙީމު އެގޮތަށް ކަން ކުރައްވައިފިނަމަ؟

އެމެރިކާގެ ކޮންގްރެސްގެ ދަށުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް  މައިކް ޖޯންސަން ވިދާޅުވަނީ ޒަޔަނިސްޓުންގެ ބޮޑު ވަޒިރު ނަތަންޔާހޫ ކޮންގްރެސްގައި ތަޤްރީރު ކުރާއިރު އޭނާގެ ވާހަކައަށް މެމްބަރުން ހުރަސް އަޅުއްވައި އަޑުގަދަ ކުރައްވައިފިނަމަ އެ މެމްބަރުން ހައްޔަރު ކުރުމަށް އަންގަވާނެ ކަމަށެވެ.

ޒަޔަނިސްޓުންގެ ބޮޑު ވަޒީރު ނަތަންޔާހޫ މިއަދު އެމެރިކާއަށް ދަތުރެއް ފަށާނެއެވެ. އޭނާގެ ދަތުރުގައި ފަލަސްތީނުގައި ހިންގަމުންގެންދާ ގަތުލުއާންމަށް އެމެރިކާގެ ވާގިވެރިކަމާއި އިތުރު މަދަދު ހޯދުމަށް މަސްއޫލުވެރިންނާ އޭނާ މަޝްވަރާ ކުރާނެ ކަމަށް ބެލެވެއެވެ.

ބުދަ ދުވަހު، ކޮންގްރެސްގައި ނަތަންޔާހޫ ތަގްރީރު ކުރާނެއެވެ. ކޮންގްރެސްގެ ބައެއް މެމްބަރުން ވަނީ ނަތަންޔާހޫގެ ތަގްރީރަށް ހުރަސް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

އޭގެ ރައްދުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސް، ދަށުގޭގެ ރައީސް ޖޯންސަން ވަނީ އަޑުގަދަކޮށް ހުރަސް އަޅާ މެމްބަރުން ހައްޔަރުކުރުމަށް ސާޖެންޓް އެޓް އާރމްސްއަށް އަންގަވާފައެވެ.

ރާއްޖޭގެ ޑިމޮކްރެސީގައި އެތައް ފަހަރެއްގެ މަތިން މަޖިލީހުގައި އަޑުގަދަ ކޮށް ރިއާސަތަށް ހުރަސްއަޅާފައި ވެއެވެ. އަދި އެތައް ފަހަރަކު، ރިއާސީ ބަޔާން އިއްވުމަށް ހުރަސް އަޅައިފައި ވެއެވެ. ނަމަވެސް ދުނިޔޭގެ އެންމެ ދުވަސްވީ ޑިމޮކްރެސީކަމަށް ދައުވާ ކުރާ އެމެރިކާއިން މިފެންނަފަދަ ސުލޫކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސުންގެ ފަރާތްޕުޅުން ފެނިފައެއް ނުވެއެވެ. (މިވާހަކައިން މަޖިލީހުގެ ކުރީގެ ރައީސް މަސީޙު އިސްތިސްނާކުރާނަމެވެ.)

ހިއްސާ ކުރައްވާ!