އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު އިންތިޒާމު ކުރި ފަރާތުން ވަނީ އިންސާނުން މިއަދާހަމައަށް ބަލައިގެންފައިވާ ޤިޔަމްތަކާއި އަގުތަކަށް މަލާމާތްކޮށްފައެވެ. ޝައިޠާނީ ޢަމަލުތަކަށް ހިތްވަރުދިނުމަށް ހުޅަނގުން ކުރަމުންދާ މަސައްކަތް ފާޅުގައި ފެންނަމުން ދެއެވެ. ސަމޮއާ އެގްރިމެންޓް، ޕޯސްޓް ކޮޓަނޫ މުޢާހަދާ ފަދަ އިޤްތިޞާދީ އެއްބާރުލުމުގެ މުޢާހަދާއެއް އެކުލަވާލާއިރުވެސް ފޮރުވާފައިވާ މަޤްޞަދަކަށް އޮންނަނީ ޤައުމުތަކުގެ އިޖުތިމާޢީ ފޭރާން ދޭސީކޮށް، ބައިބައިވުން އުފައްދައި، އެއްޖިންސުން ގުޅުންހިންގުމާއި ފާޙިޝް ޢަމަލުތައް ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ ނިޔަތެވެ.
ހުޅަނގުގެ ޤައުމުތަކުން ފެންނަ ފާޙިޝް ޢަމަލުތަކަށް ހިތްވަރު ދިނުމުގެ ޢަމަލުތަކާ މެދު ހައިރާން ވާކަށް ނުޖެހެއެވެ. އެމީހުންގެ ރައުސްމާލީ ނިޒާމު ދެމެހެއްޓުމަށްޓަކައި އެހެން މުޖުތަމަޢުތަކުގެ އިންސާނީ އަގުތައް ޤުރުބާން ކުރުމަކީ އެމީހުންގެ ފަލްސަފާއެކެވެ.
ޕެރިސް އޮލިމްޕިކްސްގައި ފެނިގެން ދިޔަ މަންޒަރުތައް ސިފަ ކުރައްވަމުން ފާރިސް މައުމޫނު ވިދާޅުވީ، އެއީ އަޚުލާޤީ ގޮތުން ހުތުރު، ބަލާލަން ފޫހި، ފަސާދަވަމުންދާ ޙަޟާރާތެއް ދައްކުވައިދިން މަންޒަރުތަކެއް ކަމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރޭން، ފާރިސް ފިޔަވައި އެހެން ބޭފުޅަކު މިހުތުރު މަންޒަރުތައް ކުށްވެރިކުރެއްވި ތަނެއް ނުފެނެއެވެ. ފާހިޝް ސަޤާފަތެއް ދައްކައިދިން، މި ހަފްލާގައި ފެނިގެން ގޮސްފައި ވަނީ އަންހެން ހެދުންއަޅައިގެން ތިބި ތުނބުޅިލީ ފިރިހެނުންގެ ހަރަކާތްތަކެވެ. ފްރާންސްގެ ރައީސް ވަނީ ޓުއިޓާގައި، މިޢަމަލުތަކަށް ތަޢުރީފުކުރައްވާފައެވެ. އިސްލާމޯފޯބިއާގެ ސިޔާސަތުތަކަކަށް ހިތްވަރު ދެއްވާ ރައީސެއްގެ ފަރާތްޕުޅުން އެފަދަ ހިތްވަރު ދެއްވުމަކީ ހައިރާން ވާންޖެހޭފަދަ ކަމެއް ނޫނެވެ.
އިންސާނީ ޙައްޤާއި ހަމަކަމުގެ ނިވަލުގައި ހުޅަނގުން އެމީހުންގެ އެޖެންޑާތައް އެހެން މީހުންގެ މައްޗަށް މަޖުބޫރު ކުރުވައެވެ. ހުޅަނގުގެ އިންސާނީ ޙައްޤަކީ، ވަޟްޢީ ޤާނޫނުތަކާއި ހަމަތަކުގެ މައްޗަށް ބިނާކޮށްފައިވާ އެމީހުން ބޭނުންވާ ހާލަތާއި ފަރާތްތަކަށް ހެޔޮވަރުކޮށް ފައްތާލެވޭ ހަމައެކެވެ.
ފެރިސް އޮލިމްޕިކްގައި ރަޝިޔާ ބައިވެރި ކޮށްފައެއް ނުވެއެވެ. ރަޝިޔާ ބާކީކޮށްފައި ވަނީ ޔުކްރެއިން ހަނގުރާމައާ ގުޅުވައިގެންނެވެ. ނަމަވެސް އިޒްރޭލު ބައިވެރިކޮށްފައި ވެއެވެ. ބިންތަކެއް ހިފައިގެން އެބިމުގެ އަސްލު ވަޒަންވެރިންނާ ދެކޮޅަށް ނަސްލު ނައްތާލުމާއި ބަނޑަށް ޖެއްސުމުގެ ހަނގުރަމައިގެ ޢަމަލުތައް ހިންގާ ކަމަށް ބައިނަލްއަޤްވާމީ ކޯޓުން ކަނޑައަޅާފައިވާ އިޒްރޭލު ބައިވެރިކުރުމަކީ އެމީހުންނަށް މައްސަލައަކަށް ނުވިއެވެ.
އިންސާނީ ޙައްޤާއި ހަމަހަމަކަމަށް ވާހަކަ ދައްކާއިރު އޮލިމްޕިކްސްގައި އިޒްރޭލު ބައިވެރިކުރުން ހެޔޮވަރުވެފައި ރަޝިޔާއަށް ފުރުސަތު ނުދިނުމަކީ، ހުޅަނގުގެ މިންގަނޑު ހާމަކޮށްދޭ ކަމެކެވެ.
ހުޅަނގުން އިންސާނީ ޙައްޤާއި ހަމަހަމަކަމަށް ވާހަކަ ދައްކާއިރު އެމީހުންގެ އަޞްލު މަޤްޞަދަކީ އެއީ އެއް ނޫނެވެ. ހުޅަނގުގެ ސިޔާސަތުދާން ފަރާތްތަކުން އަމިއްލައަށް ބުނަމުން ދަނީ، ހުޅަނގުގެ އިންސާނީ ޙައްޤާއި ހަމަކަމުގެ ފަލްސަފާތައް ފަރުމާކޮށް ޝިއާރުތައް ބައްޓަންކޮށްފައި ވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އޮޅުވާލުމުގެ ނިޔަތުގައެވެ.
ހުޅަނގުގެ ރައުސްމާލީ ނިޒާމުގެ މަޤްޞަދަކީ، އެފްރިކާއާއި މަޢުދަނުން މުއްސަނދި ޤައުމުތަކުގެ ޤުދުރަތީ ވަސީލަތްތައް އެމީހުންގެ މަންފާއަށް ފޭރިގަނެ އެއިން ފައިދާ ހޯދުމުގައި ދެމިތިބުމެވެ. އެޤައުމުތަކުގެ ވަސީލަތްތައް ފޭރިގަނެ، އެ ވަސީލަތްތައް ކޮންޓްރޯލު ކުރުމުގެ މަޤްޞަދުގައި ހުޅަނގުން ކުރިއަށް ނެރެފައިވާ ޝިއާރުތަކަކީ އިންސާނީ ހައްޤާއި ހަމަހަމަކަމެވެ. އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމެވެ. މިކަންކަމަކީ އާންމު ފިޠުރަތުގެ އުސޫލަށް ތަބާވާ، އެފްރިކާއާއި އޭޝިއާގެ ޤައުމުތަކުގެ މުޖުތަމަޢުތަކަށް ފާޅުގައި ބީރަށްޓެހި ސަޤާފަތެކެވެ.
ހުޅަނގުގެ ސިޔާސަތުދާން ފަރާތްތަކުން ބުނާ ގޮތުގައި އިޤްތިޞާދީ މައްސަލަތަކަށް ވުރެން ބޮޑަށް އެ ޤައުމުތަކުގެ ރައްޔިތުން ޙާއްސާސް ވާނީ، އިޖުތިމާޢީ ބަދަލުތަކަށެވެ. އެމީހުންގެ އިޖުތިމާޢީ ފޭރާން ދެސީވާފަދަ ކޮންމެ ކަމަކާ ދެކޮޅަށް ފިޠުރަތުގެ އުސޫލަށް ތަބާވާ، މުޖުތަމަޢުތަކުގައި މީހުން ނިކުމެ ދެކޮޅު ހަދާނެއެވެ. އެހެންވެ، ހުޅަނގުގެ ސިޔާސަތު ބައްޓަން ކުރާ ފަރާތްތަކުގެ މަޤްޞަދަކީ އެމީހުންގެ ވަޙްޝީ ފަލްސަފާ ތަޢާރަފްކޮށް ރައްޔިތުން ބައިބައިކޮށް، އެކަންކަމާމެދު ދެކޮޅު ހެދުމާއި ޒުވާބު ދިނުމަށް މީހުން މަޝްޣޫލުކޮށްލުމެވެ. އަދި އެކަމުގެ ނިވަލުގައި ތިބެ، އެތަންތާނގެ ޤުދުރަތީ ވަސީލަތްތައް ފޭރިގަތުމެވެ.
މިހާތަނަށް ހުޅަނގުން އަމަލުކޮށް ފައިވާ އުޞޫލަށް ބަލާއިރު ފެންނާން އޮތީ މިފަދަ މަންޒަރެކެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށްފަހު މިއަދާހަމައަށް އައިއިރު، ޤުދުރަތީ މުއްސަނދިކަން ލިބިފައިވާ އެއްވެސް ޤައުމަކަށް ހިންދެމި ލެވިފައެއް ނުވެއެވެ. ހުޅަނގުން އެޤައުމުތަކުން ވައްކަން ކުރި ނިސްބަތާއި އަޅައިބަލާއިރު، އެޤައުމުތަކުގެ ޢުމުރާނީ ތަރައްޤީއަށް ފައިދާވާ ގޮތަށް މަސައްކަތްތަކެއް ކޮށްދީފައެއް ނުވެއެވެ. މިދިޔަ 13 އަހަރުގެ ތެރޭގައި އޭޝިއާއާއި އެފްރިކާއިން ފެނިގެން ގޮސްފައިވާ ޢުމުރާނީ ތަރައްޤީއަކީ ޗައިނާއިން އިސްވެ އޮވެގެން ގެނެސްދީފައިވާ ތަރައްޤީއެވެ.