ބަނގްލަދޭޝްގައި ރޭލާއި ބަސް މުޑިއެރި ނުރައްކާތެރި ހާދިސާއެއް

ބަންގްލަދޭޝްގެ އިރުދެކުނު ކޮމިލާ ޑިސްޓްރިކްޓްގައި ފަތިހުގެ ވަގުތެއްގައި ފަސިންޖަރުން އުފުލާ ބަހަކާއި ރޭލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 12 މީހުން މަރުވެ 26 މީހުންނަށް އަނިޔާވެއްޖެއެވެ. އެ ސަރަހައްދުގެ ފަޔަރ ސާވިސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ދެ އަންހެނުންނާއި ތިން ކުޑަކުދިން ހިމެނެއެވެ.

މި ހާދިސާ ހިނގާފައިވަނީ ކޮމިލާ ސިޓީގެ ޕަދުއާ ބާޒާރު ރޭލު ކްރޮސިންގައެވެ. މި ހާދިސާ މެދުވެރިވީ ޗިޓަގޮންގުން ފުރައިގެން ޑާކާއަށް ދަތުރުކުރި ރޭލެއް، ހުޅަނގުގެ ޗަޕައިނަވާބްގަންޖް ޑިސްޓްރިކްޓުން ޗިޓަގޮންގަށް ދަތުރުކުރި ބަހެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގެ ނުރައްކާތެރިކަމުން، ރޭލު ދަގަނޑުމަތިން ގާތްގަނޑަކަށް ކިލޯމީޓަރަކަށް ބަސް ދަމާފައި ގެންގޮސްފައިވެއެވެ. އަނިޔާވި މީހުންގެ ތެރެއިން ދިހަ މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ފަޔަރ ސާވިސް އެންޑް ސިވިލް ޑިފެންސްގެ ޑެޕިއުޓީ އެސިސްޓަންޓް ޑައިރެކްޓަރު މުހައްމަދު އިދްރީސް ވިދާޅުވި ގޮތުގައި، ފުރަތަމަ ހޯދުންތަކުން އެނގޭ ގޮތުގައި ބަސް ރޭލު ދަގަނޑުމައްޗަށް އެރީ އެހިސާބުގެ ސިގްނަލް މަސައްކަތް ނުކުރާތީއެވެ. މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ ސިގްނަލް ނިޒާމު ރަނގަޅަށް ގާއިމުވެފައި ނެތުން ކަމަށް ބެލެވެއެވެ.

ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މި ހާދިސާ ތަހުގީގު ކުރުމަށް ދެ ކޮމިޓީއެއް އެކުލަވާލާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އެ ކްރޮސިން ބެލެހެއްޓުމާ ހަވާލުވެ ތިބި ދެ ގޭޓްމަނުން ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބަންގްލަދޭޝްގެ އީދު ބަންދާ ދިމާކޮށް، ޑާކާ ފަދަ ސިޓީތަކުން އެތައް މިލިއަން މީޙުން ރަށްރަށަށް ދަތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ސަބަބުން އެ ގައުމުގެ ބާވެފައިވާ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބާރު ބޮޑުވެފައެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، މާޗް 18 ވަނަ ދުވަހުވެސް ބޮގްރާ ޑިސްޓްރިކްޓްގެ ބަގްބާރިއާ ސަރަހައްދުގައި ވެސް ނީލްސާގަރް އެކްސްޕްރެސް ރޭލު ދަގަނޑުން ކަހާލައިގެން 66 މީހުންނަށް އަނިޔާވެފައިވެއެވެ.

ހިއްސާ ކުރައްވާ!