އިންޑިއާ ދަރިކޮޅުގެ މީހުންގެ ނުފޫޒު އެމެރިކާގެ ސިޔާސީ މައިދާނުގައި ކީއްވެ؟

އެމެރިކާގެ ސިޔާސީ އުދަރެހުގައި އިންޑިއާ ދަރިކޮޅުގެ މީހުން ގިނަ އަދަދަކަށް ފެނުމުން އެމެރިކާގެ ސިޔާސީ މަސްރަޙުގައި އިންޑިއާ ދަރިކޮޅުގެ މީހުންގެ ނުފޫޒާމެދު ވާހަކަތަކެއް ދެވިފައި ވެއެވެ. މި މަޒްމޫނުގައި މި ބަލާލަނީ އިންޑިއާ މީހުން އެމެރިކާގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަވި ގޮތުގެ މައްޗަށެވެ.

އެމެރިކާގެ ސިޔާސީ މައިދާނުން ފެނިގެން ދިޔަ އެކަކީ، ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަންއިން ފެނިގެން ދިޔަ ރިއާސީ ރޭހުގައި ވާދަކުރަން އުޅުނު ވިވެކް ރަމާސްވާމީއެވެ. އެއަށްފަހު، ނިކީ (ނަމްރަތާ) ހޭލީވެސް އެޕާޓީން ފެނުނެވެ.

ރައީސް ބައިޑެން، ރިއާސީ ރޭހުން ވަކިވެވަޑައިގަތުމުން ދެން ފެނިގެން ދިޔައީ،  ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގެ އެންމެ ކުރީގައި، އިންޑިއާ ދަރިކޮޅުގެ ކަމަލާ ހެރިސް ހުންނެވި ތަނެވެ.

އިންޑިއާ ދަރިކޮޅުގެ މީހުންނަނީ އެމެރިކާގެ އާބާދީގެ އެންމެ 1.5 ޕަސެންޓެވެ. ނަމަވެސް އެމީހުންގެ އާބާދީގެ އަދަދަށް ވުރެން ބޮޑަށް އެމީހުން ވަނީ ނުފޫޒާއި މަޝްހޫރުކަން ދައްކާފައެވެ. އިންޑިއާ ދަރިކޮޅުގެ މީހުންނަކީ، ނިސްބަތުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ނަސްލުގެ މީހުންނެއްވެސް ނޫނެވެ. ނަމަވެސް މައިކްރޮސޮފްޓް، ގޫގުލް، އައިބީއެމް، އެޑޯބް، އަދި ފެޑެކްސްގެ މަތީ މަގާމުތައް ފުރަމުން ދިއުމުން އެމީހުންގެ ނަން ހުރިހައި ދިމާއަކުން އިވެމުން ދެއެވެ.

އިންޑިއާ ދަރިކޮޅުގެ މީހުންނަކީ މަތީ ފެންވަރަށް ތަޢުލީމު ޙާސިލުކޮށްފައިވާ ބަޔެއްކަމުން، ސައިންސާއި ޓެކްނޮލޮޖީއާއި އިންޖިނިއަރިންއާއި މެތެމެޓިކްސް (ސްޓެމް)ގެ ދާއިރާއާއި މެޑިސިންގެ ދާއިރާގައި އެމީހުން ވަނީ ވަކި ހިއްޕާފައެވެ. އަދި އެމެރިކާގެ ސިޔާސީ ދެ ޕާޓީންވެސް އެމީހުން ފެންނަމުން ދެއެވެ.

އެމެރިކާގެ 1980 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކަނީ އެމެރިކާގެ އާބާދީގައި އެއިރު އިންޑިއާއިން ހިޖުރަ ކޮށްފައިވާ މީހުންގެ ޢަދަދަކީ އެންމެ 206،000 ކަމަށެވެ. މިހާރުގެ ރިއާސީ ކެންޑިޑޭޓް ކަމަލާ، އަދި ޓްރަމްޕްގެ ރަނިންގމޭޓްގެ އަނބިކަނބަލުން އުޝާ، އަދި ރިއާސީ އިންތިޚާބުގައި ވާދަ ކުރަން އުޅުއްވި ނިކީ، އަދި ވިވެކް، މިއެންމެންގެ މައިންބަފައިން ނިސްބަތްވަނީ އިންޑިއާއިން އޭރު ހިޖުރަކޮށްފައި ތިބި މި ދެލައްކަ މީހުންގެ ގްރޫޕަށެވެ.

ކަމަލާ ހެރިސްގެ މައިންބަފައިންނަކީ، އިންޑިއާގެ ތަމަޅަ އާއިލާއެއްގެ އެންމެ މަތީ ފަންތި ކަމަށްވާ ބްރަހަމަން އާއިލާއަކަށް ނިސްބަތްވާ އެތައް ޖީލަކަށް ދެމިގެންދާ ގޮތަށް މަތީފެންވަރުގެ ތަޢުލީމު ޙާޞިލުކޮށްފައިވާ ބަޔެކެވެ.

އިންޑިއާގައި އަދިވެސް ޔުނިވާސިޓީ ޑިގްރީ ލިބުމުގެ ފުރުސަތު ނުލިބޭ އެތައް ބަޔަކު އުޅޭއިރު މި ބައި މީހުންގެ ޢާއިލާތަކަށް އެތައް ޖީލަކަށް މަތީ ތަޢުލީމު ލިބިފައި ވުމަކީ އެމީހުންގެ ތަނަވަސްކަމާއި ބިންވެރިކަމާއި މުޖުތަޢުގައި އެމީހުންގެ ނުފޫޒު ދައްކައިދޭ ކަމެކެވެ. ހެރިސްގެ މަންމަ ޝިޔަމަލާ އަކީ އިންޑިއާއިން މަތީ ތަޢުލީމު ޙާޞިލުކުރުމަށްފަހު، އެމެރިކާގެ ބަރކަލީ ޔުނިވާސިޓީގައި ކިޔެވުމަށް އައި މީހެކެވެ. އޭނާ ކައިވެނި ކުރީ ޖެމެއިކާއިން އައިސް ހުރި ބަރކަލީ ޔުނިވަސިޓީގައި އެކުގައި ކިޔަވަން އުޅުނު ޑޮނަލްޑާ އެވެ. އެމީހާއަކީ ޖެމެއިކާގެ އަޅުންނާއި މަތީ ބިންވެރި އާއިލާއަކަށް ނިސްބަތްވާ މަތީފަންތީގެ މީހެކެވެ. ޑޮނަލްޑަކީ މިހާރުވެސް އެމެރިކާގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރެކެވެ.

އެދުވަސްވަރު، އިންޑިއާއިން އެމެރިކާއަށް ހިޖުރަކުރި ކޮންމެ މީހަކީ، އިންޑިއާގެ ތަނަވަސް އާއިލާއަކަށް ނިސްބަތްވި މީހެކެވެ. އަދި އެތަނަވަސްކަމުން އެމީހުން އިންޑިއާގައި ތިބެގެން ތަޢުލީމު ޙާޞިލުކޮށްފައި ވަނީ އެންމެ މަތީ ފެންވަރުގެ ޢިލްމީ މުއައްސަސާތަކުންނެވެ. އަދި އެމެރިކާއަށް އެތެރެވުމުގައި އެމީހުންނަށް ވިސާ ލިބިފައިވަނީ އެމީހުންގެ ފައިސާވެރިކަމާއި އެމީހުންގެ ޢިލްމީ ޤާބިލުކަމުންނެވެ.

އިންޑިއާއިން އެމެރިކާއަށް ހިޖުރަކުރި އެންމެ މުހިންމު އަދި އެންމެ މޮޅެތި މީހުން ތަޢުލީމު ޙާޞިލުކޮށްފައި ވަނީ އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ) އިން ނެވެ. މިއީ، އެ ޔުނިވާސިޓީއަށް ކުރިމަތިލާ ކޮންމެ 50 ކުއްޖެއްގެ ތެރޭން ވާދަވެރި އިމްތިޙާނަކުން އެކަކު ބަލައިގަންނަ ޔުނިވާސިޓީއެކެވެ. ނިސްބަތުން ބަލާއިރު އެމެރިކާގެ ހާރވާރޑް ޔުނިވަސިޓީއަކީ ކުރިމަތިލާ ކޮންމެ 19 މީހުންގެ ގެރޭން އެކަކު ބަލައިގަންނަ ޔުނިވާސިޓީއެކެވެ. އަދި އޮސްފޯޑް ޔުނިވާސިޓީން ނަގަނީ ކޮންމެ 6 މީހެއްގެ ތެރޭން އެކަކެވެ.

ޓްރަމްޕްގެ ރަނިންގމޭޓް ޖޭޑީ ވެންސްގެ އަނބިކަނބަލުން، ސެން ޑިއޭގޯއަށް އުފަން އުޝާ ޗިލޫކުރީ އަކީ، އިންޑިއާއަށް އުފަން ޓެލަގޫ ބަހުން ވާހަކަ ދައްކާ ޕްރޮފެސަރުންގެ ދަރިކަލެކެވެ. އެނާގެ ބައްޕަ ޗިލޫކުރީ ރާމަސާސްތްރީއަކީ، މަޝްހޫރު އައިއައިޓީ މެޑްރާސް ގެ އެއަރޮސްޕޭސް އިންޖިނިއަރެކެވެ. އަދި އައިއައިޓީގެ ފައުންޑިން ފެކަލްޓީގެ މެމްބަރެއްގެ އިތުރުން އޭނާގެ ނަމުގައި ފިޒިކްސްގެ އެންމެ މޮޅު ދަރިވަރުންނަށް ހަނދާނީ ޢިނާމުވެސް ދެވެއެވެ.

އުޝާގެ މަންމަ ލަކްޝްމީ އަކީ މިހާރުވެސް ޔުނިވާސިޓީ އޮފް ސެންޑިއޭގޯގެ މެރިން ބަޔޮލޮޖިސްޓެކެވެ. އުޝާގެ ބޮޑު ދައިތަ އުމުރުން 96 އަހަރުގެ ޝަންތައްމާ ޗިލޫކުރީ އަކީ އިންޑިއާގެ ވިސާކަޕަޓްނަމްގައި ފިޒިކްސް ޕްރޮފެސަރެކެވެ.

އޫޝާއަކީ ޔޭލް ޔުނިވަރސިޓީ ނިންމުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ލޯ ކްލާކްގެ ގޮތުގައި ވަޒީފާ އަދާކުރެއްވި ބޭފުޅެކެވެ.

އުޝާ ފަދައިން ވިވެކް ރާމާސްވާމީ ވެސް ތަޢުލީމު ޙާސިލުކުރީ ހާވަޑް ޔުނިވާސިޓީއާއި ޔޭލް އިންނެވެ. ވިވެކްގެ މައިންބަފައިންނަކީ ތަމަޅަ ނަސްލުގެ މަތީ ފަންތީގެ ބްރަހަމިން ޢާއިލާގެ ބައެކެވެ. އޭނާގެ ބައްޕަ ވަނީ ޖެނެރަލް އިލެކްޓްރިކްގެ އިންޖިނިއަރެއްގެ ގޮތުންނާއި އަދި ޕޭޓެންޓް އެޓާނީއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. މަންމަ ގީތާ އަކީ އުމުރުން ދުވަސްވީ މީހުންނަށް ނަފްސާނީ ފަރުދޭ މީހެކެވެ.

އިސްވެ ބަޔާން ކުރެވުނު ކޮންމެ މީހަކީވެސް އިންޑިއާގެ ބިންވެރި ނުފޫޒު ގަދަ ޢާއިލާއެއްގެ ބަޔެކެވެ. އެމީހުންގެ ކާބަފައިންނަކީ އެމީހުންގެ ސަރަހައްދުތައް ކޮންޓްރޯލު ކުރި ބިންވެރިންނެވެ.

ކުރިން އިންޑިއާ ދަރިކޮޅުގެ މީހުން އިންޑިއާގެ އާބާދީގައި އިތުރުވެފައި ނުވަނީ އިންޑިއާ މީހުން އެމެރިކާއަށް ނުވައްދަން ވެގެން އެމެރިކާއިން ނަސްލީ ތަފާތުކުރާ ގޮތަށް އިމިގްރޭޝަން ގާނޫނު ފާސްކޮށްފައި އޮތުމުގެ ސަބަބުންނެވެ. އެހެންވެ، 1900 ން 1965އަށް އެމެރިކާގައި ތިބީ އިންޑިއާއަށް އުފަން ނުވަތަ އިންޑިއާގެ އަސްލަށް ނިސްބަތްވާ މަދު އެތައް ހާސް މީހުންނެކެވެ.

އަދި 1965 ވަނަ އަހަރު ފާސްކުރި އިމިގްރޭޝަނަށް އިޞްލާޙު ގެނައުމުގެ ގާނޫނާ އެކު ނަސްލީ ތަފާތު ކުރުމެއް ނެތި ހިޖުރަވެރިންނަށް ދޮރުހުޅުވިގެން ދިޔައެވެ. އެއަސްފަހު، އިންޑިއާ މީހުން އެމެރިކާއަށް ހިޖުރަ ކުރީ ތިން މަރުޙަލާއަކަށް ބެހިގެންނެވެ.

1965ވަނަ އަހަރުން 1979ށް އެމެރިކާއަށް ދިޔަ ހިޖުރަވެރިންނަށް ފަހު، 1980ން 1994ށް ހިޖުރަ ކުރި މީހުން އެމެރިކާއަށް ދިޔައީ ކުރިން ދިޔަ މީހުންގެ އާއިލާތަކާ ގުޅި ވަޒަންވެރިވާށެވެ. 1995ވަނަ އަހަރުން ފެށިގެން ހިޖުރަ ކުރި މީހުންނަކީ އައިޓީގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކޮށްފައި ތިބި ހުނަރުވެރިންނެވެ.

މިހާރު ސިޔާސީ މައިދާނުގައި އުޅޭ އިންޑިއާގެ އެމެރިކާގެ ޖީލުގެ ގިނަ މީހުންނަކީ ކުރީގެ ޖީލުތަކުގެ މީހުންގެ ދަރިންނެވެ.

އިންޑިއާ މީހުންގެ ހިޖުރަކުރުމާއެކު އެމެރިކާގެ ރަށްފުށުގެ ހިސާބުތަކުގައި އެމީހުން އާބާދުވެ، އެތަންތާނގައި ހިންގަންފެށީ މޯޓެލްތަކެވެ. މީގެ 25 އަހަރު ކުރިން ހުރިހައި މޯޓެލްތަކެއްގެ 25 އިންސައްތައަކީ އިންޑިއާ ދަރިކޮޅުގެ މީހުންގެ ތަންތަނެވެ. ނަމަވެސް މިހާރު އެޢަދަދު ވަނީ 75 އިންސައްތައަށް އަރާފައެވެ.

ފަހުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ވަޒީފާތަކަށް އިންޑިއާ ދަރިކޮޅުގެ މީހުން އެމެރިކާއަށް ހިޖުރަ ކުރުމުގެ ސަބަބުން، 2013 ވަނަ އަހަރު، އެމެރިކާގެ ލޭބަރ ފޯސްގެ (ކޮމްޕިއުޓަރ ސައިންސް އާއި އިންޖިނިއަރިން، އަދި އިލެކްޓްރިކަލް އިންޖިނިއަރިން އަދި ޓެކްނޮލޮޖީ ފަދަ) ދައިރާތަކުގައި ވަޒީފާގައި ތިބި މީހުންގެ 10 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ އިންޑިއާ ދަރިކޮޅުގެ މީހުންނެވެ.

އިންޑިއާ ދަރިކޮޅުގެ މީހުންގެ ގިނަ މީހުންނަކީ ޑިމޮކްރެޓިކް ޕާޓީއަށް ތާއީދު ކުރާ ބައެކެވެ. 2020 ވަނަ އަހަރުގެ ކާނޭޖީ އެންޑޯމެންޓް އިން ކުރި ސާވޭއިން ދައްކާ ގޮތުގައި އިންޑިއާ ދަރިކޮޅުގެ %56 މީހުންނަކީ ޑިމޮކްރެޓުންގެ ސަޕޯޓަރުންނެވެ. އެއިރު %72 މީހުން ބުނެފައި ވަނީ ބައިޑެންއަށް ރިޔާސީ އިންތިޚާބުގައި ވޯޓުލާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!