އެމެރިކާގެ ސުޕްރީމް ކޯޓު އިޞްލާޙު ކުރުމަށް ބައިޑެންގެ ޚާއްޞަ ހުށަހެޅުންތަކެއް

އެމެރިކާގެ ރައީސް ޖޯ ބައިޑެން ސުޕްރީމް ކޯޓު އިޞްލާޙު ކުރުމަށް ހުށަހަޅުއްވާ ހުށަހެޅުންތަކަކީ ރާއްޖެއަށް އެކަށީގެންވާ ހުށަހެޅުންތަކެއް ބާވައެވެ؟ ބައިޑެން ވަނީ ސުޕްރީމް ކޯޓު އިޞްލާޙު ކުރެއްވުމަށް ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ފެންމަތިވުމާ ގުޅިގެން، ރައްޔިތުންގެ މެދުގައި ސުޕްރީމް ކޯޓުގެ އިތުބާރު ވަނީ ގެއްލިފައެވެ. ފޮކްސް ނިއުސްގެ ޚިޔާލު ހޯދުމެއްގައި އާބާދީގެ 60 ޕަސެންޓު މީހުން ބުނެފައި ވަނީ ސުޕްރީމް ކޯޓަށް އިތުބާރެއް ނެތް ކަމަށެވެ. އިތުބާރު އޮތްކަމަށް ބުނި މީހުންގެ އަދަދު 38 އަކަށް ވަނީ ތިރވެފައެވެ.

ބައިޑަން، ސުޕްރީމް ކޯޓު އިޞްލާޙު ކުރުމަށް ހުށަހަޅުއްވާ ބަދަލުތައް، ގާނޫނަކަށް ހެދުމުގެ ފުރުސަތެއް މިވަގުތަކު ނެތެވެ. ނަމަވެސް މި ހުށަހެޅުންތައް އޭނާ ހުށަހަޅުއްވަނީ، ދުސްތޫރީ މާހިރުންގެ ތަޖުރިބާއާ އެކުގައެވެ. ބައިޑެން ވިދާޅުވީ ދުސްތޫރީ މާހިރުން ވަނީ އޭނާގެ ހުށަހެޅުއްވުމަށް ތިން މަސްވަންދެން މިމައްސަލަ ދިރާސާ ކުރައްވާފައެވެ.

ވޮޝިންޓަން ޕޯސްޓްގައި ލިޔުއްވާފައިވާ އޮޕްއެޑެއްގައި ބައިޑެން ވިދާޅުވީ އެއްވެސް މީހަކީ ޤާނޫނަށް ވުރެން މަތީގައި ހުރެގެންވާނެ މީހެއް ނޫން ކަމަށެވެ. އެމެރިކާގެ ސުޕްރީމް ކޯޓުން 1 ޖަނަވަރީގައި ޓްރަމްޕަށް ކޮށްފައިވާ ދަޢުވާގެ ޙުކުމަށް އިޝާރާތް ކުރައްވަމުން ބައިޑެން ވިދާޅުވީ އެޙުކުމުން ދޭހަވަނީ ރައީސަށް މުޠުލަޤު ބާރެއް ލިބިގެންވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ބޭނުން ކަމެއް ނިންމުމުގެ އިޚުތިޔާރު އެ ޙުކުމުން ލިބިގެންވާ ކަމަށެވެ.

ބައިޑެން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުވެއްޓިފައިވާ ކަމަށާއި ފަނޑިޔާރުން ހެޔޮއެދޭ ފަރާތްތަކުން ސައި ހޯއްދަވާ ކަމަށްވެސް ވިދާޅުވެފައެވެ.

އޮންލައިން ނޫސް އެކްސިއޮސްއިން ފާހަގަކޮށްފައިވާ ގޮތުގައި ފަނޑިޔާރުން ސައި ހޯއްދަވާ މައްސަލަ އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ، ފަނޑިޔާރު ތޯމަސް ކްލަރެންސް، ހެޔޮއެދޭ ސިޔާސީ ފަރާތަކުން ލަގްޒަރީ ޗުއްޓީ ދަތުރުތަކެއް ހޯއްދެވުމާއި، ޖަސްޓިސް ސެމުއެލް އެލިޓޯ، ގޭގެ ބޭރުގައި އެމެރިކާ ދިދައެއް އެކޮޅުކޮޅުން ނެންގެވުމާއި އަދި އޭގެ އިތުރުން، ހައްދުފަހަނައަޅާފައިވާ ކްރިސްޓިއަން ޖަމާޢަތެއްގެ ބަޔަކަށް ތާއީދުކޮށް އެމީހުންގެ ދިދަ އޭނާގެ ގޭގެ ބޭރުގައި ނެންގެވުމުންނެވެ. މިމައްސަލަތަކަށް ފަހު މިދިޔަ ނޮވެންބަރު މަހު ފަނޑިޔާރުންނަށް ސުލޫކީ މިންގަނޑެއް ވަނީ ތަޢާރަފް ކޮށްފައެވެ. އެސުލޫކީ މިންގަނޑު ޚާއްސަކޮށްފައި ވަނީ ފަނޑިޔާރުންގެ މަސްލަހަތު ފުށުއަރާ މައްސަލަތަކުގައި ތަނާޒުލް ވުމުގައި އަމަލުކުރަންވީ ހަމަތަކާ ބެހޭ ގޮތުންނެވެ.

އެމެރިކާގެ ސުޕްރީމް ކޯޓު އިޞްލާޙު ކުރުމަށް، ބައިޑަން ހުށަހަޅުއްވަނީ ދެ ކަމެކެވެ. އެއްކަމަކީ ފަނޑިޔާރުންނަށް ޚާއްޞަ ސުލޫކީ މިންގަނޑެއް ތަޢާރަފް ކުރުމެވެ. ދެވަނަ ކަމަކަށް، ފަނޑިޔާރުން ސުޕްރީމް ކޯޓުގައި ޢުމުރުދުވަހަށް ތިއްބެވުމުގެ ބަދަލުގައި ކަނޑައެޅޭ ވަކި މުއްދަތަކަށް އެބޭފުޅުންގެ ޓާމް ލިމިޓް ކުރުމެވެ.

ނޮވެމްބަރު މަހުގެ އިންތިޚާބަށް ފަހު ޑިމޮކްރެޓުން ކޮންގްރެސްގެ ދެގެ ކޮންޓްރޯލް ކުރި ކަމުގައި ވިއަސް، ބައިޑަން ހުށަހަޅުއްވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޓާމް ލިމިޓް ކުރުމުގެ ވާހަކަ ޤާނޫނެއްގެ ސިފައިގައި ފާސްކުރަން ބޭނުންވާ 60 ވޯޓު ލިބުމަކީ ގާތް ކަމެއް ނޫން ކަމަށް ބެލެވެއެވެ.

އެމެރިކާގެ ރިއާސީ އިންތިޚާބުގެ ކެމްޕޭންގެ ޚާއްސަ ބަހުސަކަށް ޑިމޮކްރެޓިކް ޕާޓީން ވަނީ މި ހުށަހެޅުންތައް ހަދާފައެވެ. އެޕާޓީން ކުރިމަތިލައްވާ ކަމެލާ ހެރިސްވެސް ވިދާޅުވަނީ، މި ބަދަލުތަކުގެ ސަބަބުން “ސުޕްރީމް ކޯޓަށް އަލުން އިތުބާރު ހޯދުމަށް އެހީތެރިވެދޭނެ” ކަމަށާއި، “މިއިން އެމެރިކާގެ ޑިމޮކްރަސީ ހަރުދަނާވާނެ” ކަމަށެވެ.

މަޤާމުގެ ދައުރު ހަމަވުމާ ހަމައަށް ބައިޑަންއަކީ، ސުޕްރީމް ކޯޓު އިޞްލާޙު ކުރެއްވުމަށް ދެކޮޅު ހެއްދެވި ބޭފުޅެކެވެ. ނަމަވެސް އާންމުން ވަނީ ޖަނަވަރީ 6ގެ ޙުކުމަށްފަހު، އެމެރިކާގެ ސުޕްރީމް ކޯޓު ސިޔާސަވެފައިވާ ކަމަށް ބުނަން ފަށާފައެވެ. ބައިޑެންގެ ޚިޔާލު ބަދަލުވެފައި ވަނީ ސުޕްރީމް ކޯޓަށް ކަނާތު ފިޔައިގެ ހަރުކަށި ފިކުރުވަދެފައިވާ ކަމަށް ބެލެވިގެންނެވެ. އެމެރިކާ ސުޕްރީމް ކޯޓު ކަނާތުފިޔައިގެ ޚިޔާލަށް ބުރަވާކަމަށް ތުހުމަތު ކުރެވިގެން އެވާހަކަ ދެކެވުނުއިރުވެސް ބައިޑެން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ. 2020ގެ ރިއާސީ ޕްރައިމަރީގައި އެވާހަކަ ބަހުސްކުރެވުމުން ބައިޑެން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ހިއްސާ ކުރައްވާ!