ޕެރިހުގައި ބޭއްވި އޮލިމްޕިކް ގޭމްސްތައް ނިމުނު އިރު، އެންމެ ގިނައިން މެޑަލްތައް ގެންގޮސްފައި ވަނީ އެމެރިކާއާއި ޗައިނާއިންނެވެ.
އެމެރިކާ، މެޑެލް ލިސްޓުގެ މައްޗަށް އަރާފައި ވަނީ ސްޓެންފޯޑް ޔުނިވާސިޓީ ގެ ސަބަބުންނެވެ. އެ ޔުނިވަރސިޓީގެ ދަރިވަރުން ވަނީ އެމެރިކާއަށް 39 މެޑަލް ހޯދައި ދީފައެވެ. މިއީ ގިނައިން މެޑަލް ހޯދާފައިވާ ލިސްޓުގައި ހިމެނޭ، ނެދަލެންޑްސް، ޖަރުމަނު ނުވަތަ ދެކުނު ކޮރެއާއިން ހޯދާފައިވާ މެޑެލްތަކަށް ވުރެން ގިނަ މެޑެލްތަކެވެ.
ޤައުމުތަކުން ހޯދި މެޑެލްތަކާ ބެހޭ ގޮތުން ފައިނޭންޝަލް ޓައިމްސްގެ ސައިމަން ކުޕާ ބުނެފައި ވަނީ މެޑެލް ލިސްޓްގެ ދެވަނައިގައި އޮތް ޗައިނާއަށް ފަހު މެޑަލް ތާވަލުގައި ދެން ކުރީގައި ހިމެނޭ 14 ޤައުމަކީ ވެސް މަތިން އާމްދަނީ ލިބޭ މިނިވަންކަމަށް ބާރުއަޅާ ޤައުމުތައް ކަމަށެވެ. އަދި އެ ޤައުމުތަކުން ކުޅިވަރަށާއި ތަޢުލީމަށް ސަމާލުކަން ދިނުމަކީ މިކާމިޔާބީގެ މައިގަނޑު ސަބަބުކަން ފާހަގަ ކުރެވޭ ކަމަށެވެ.
އޭނާ ބުނެފައި ވަނީ ގިނަ ޑިމޮކްރަސީތަކުގައި އެންމެންނަށް ކުޅިވަރު ދަނޑުތަކާއި ކޯޗުން ފޯރުކޮށްދިނުމަށް މަސއްކަތް ކުރާ ކަމަށާއި، އެ ދާއިރާއިން ކުރިއަރާ ޤައުމުތަކަކީ، އެންމެންނަށް ޞިއްޙީ ފަރުވާއާއި ތަޢުލީމު ފޯރުވައި ދިނުމުގައިވެސް މުހިންމުކަން ދޭ ޤައުމުތައް ކަމަށެވެ.