އިންސާނީ ޙައްޤަށް އަރައިގަނެ އެމެރިކާއިން ހިންގި ބޮޑު ޖަރީމާ: ގުއަންތަނާމޯބޭގެ ޖަލުގެ އަނިޔާތަކުގެ ހަނދާންތައް

މިސްރުގެ އަލްޤައިދާ ޖެނެރަލެއް

އެއީ މީގެ 21 އަހަރު ކުރިން މިފަދަ މަހެއްގައި ހިނގި ހާދިސާއެކެވެ. އެމެރިކާގެ މަރުކާ ޖަހާފައިވާ މުދާ އުފުލާ ކާގޯ މަތިންދާ ބޯޓެއްގެ ބަނޑުގައި، އަހަރެންނާއި އަހަރެން ނުވެސް ދަންނަ އެހެން ބަޔަކާއެކު އަހަރެމެން އެންމެން އުފުލީ، ނޫމު މަތީގައި ފޮތިކޮތަޅެއް އަޅައި ނިވާކޮށްގެންނެވެ. ކަނު ބަނދެގެންނެވެ. ބޮލަށް ފައްތާފައި އޮތީ ނޭވާ ހާސްކޮށްލާފަދަ ކޮތަޅެކެވެ.

ގަޔަށް މަހާފައި ވަނީ، އޮރެންޖު ކުލައިގެ ޖަމްޕްސޫޓެކެވެ. މީހާ އޮތީ ހިރި ނުލެވޭ ގޮތަށް އަތާއި ފަޔާ އެއްކޮށް ހިލިހިލާ ޖަހާފައެވެ. 40 ގަޑިއިރަށް ވުރެ ގިނައިރުގެ ދަތުރެއްގައި އުދުހޭ ބޯޓެއްގެ އުދުހުމެއްގެ ދަތުރެއް ހޭދަކުރީމެވެ. އަހަރެން ގެންދަނީ ކޮންތާކަށް ކަމެއް ނޭނގެއެވެ. އަހަރެން ޖަނަވާރެއް ހެން އުފުލަނީ ކީއްވެގެން ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އެހެން މީހުންނަކަށްވެސް ނޭނގެއެވެ. ވާން އުޅޭ ގޮތެއް ނޭނގެއެވެ. ވާނުވާ ކިޔައި ދީފައެއްވެސް ނުވެއެވެ. އަދި ޖަހާފައިވާ ވާނުވާއެއްވެސް ނެތެވެ.

ގޮތް ނޭނގޭ މަންޒިލަކަށް އަހަރެންގެ ދަތުރު ފެށިގެން ދިޔައީ 2001 ވަނަ އަހަރު އެމެރިކާއިން އަފްޣާނިސްތާނަށް އަރައިގަތުމަށްފަހުއެވެ. ބަޔަކު މީހުން ވަނީ، އަހަރެންނަކީ، “އަލްޤައިދާއަށް މަސައްކަތް ކުރާ މިސްރުގެ ޖެނެރަލެއް” ކަމަށް ބުނެ، އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއަށް އަހަރެން ވިއްކާލާފައެވެ. އެއިރު އަހަރެންނަކީ 18 އަހަރުގެ ޝާއްބަ ޒުވާނަކީމެވެ. އަހަރެންނަކީ ޖެނަރަލެއްވެސް ނޫނީމެވެ. އަދި މިސްރު މީހެއްވެސް ނޫނީމެވެ. އަހަރެންނަކީ ޔަމަނުގެ ރަށްވެއްސަކީމެވެ.

ފުރަތަމަ އަހަރެން ބަންދުކޮށްގެން ގެންގުޅުނީ އަފްޣާނިސްތާނުގެ ކަނު އަނދިރި ބިންގަރާހެއްގައި ގާތްގަނޑަކަށް ތިން މަސް ދުވަސް ވަންދެންނެވެ. އެތާނގައި އަހަރެން އެއްތަނުން އަނެއް ތަނަށް އުފުލައި ހެއްޖެވެ. ހިލިހިލާޖަހައިފައިވާ ހާލު ދަމައި ކޫއްތަމުންނެވެ. އެންމެ ފަހުން އަހަރެން ގެންދިޔައީ ވަގުތީ މަންޒިލެއްގެ ގޮތުގައި ބޭނުން ކުރާ ޓްރާންސިޓް ސްޓޭޝަނަކަށެވެ. އެއީ، އަފްޣާނިސްތާންގެ ކަންދަހާރުގައި އެމެރިކާ ވައިގެ ސިފައިން ބޭނުންކުރާ އަސްކަރީ މަރުކަޒެއްގެ ބިރުވެރި ޖަލެކެވެ. އެތާނގައިވެސް ހހިލިހިލާ ޖަހައިގެން އެމީހުން ގެންގުޅުނީ އަހަރެން އެކަންޏެއް ނޫނެވެ.

އެތަނަށް އަހަރެން ގެންދިޔަތާ ތިން ހަފްތާ ފަހުން މާސިންގާ މުދާ އުފުލާ ކާގޯ ބޯޓެއް ކަންދަހާރަށް ޖެއްސިއެވެ. އެއީ އަހަރަމެން އުފުލުމަށް ގެނައި ބޯޓެއް ކަން އަހަރަމެންނަށް އިހުސާސް ވެގެން ދިޔައެވެ. އަހަރަމެންން އަސީރުންގެ މެދުގައި އުފެދިފައިވާ އުޚުއްވަތްތެރިކަމުން އަހަރަމެންގެ ބިރަކަށްވީ އަހަރަމެން އެއްބަޔަކު އަނެއް ބަޔަކަށް އަހަރަމެން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރެވެ.

ކަނު ބަނދެފައި ހުންނަ މީހަކަށް ފެންނާނީ ކޮން ތަނެއް ހެއްޔެވެ؟ އަނގަ މަތީ މަލަން އަޅާފައި ބާރަށް ބަންދުކޮށްފައި ނެރެވޭނީ ކޮން އަޑެއް ހެއްޔެވެ؟

ހިލިހިލާ ގަނޑަށް ދަމަމުން ގެން ގޮސް ވައްޓާލީ މުދާ އުފުލާ އުދުހޭ ބޯޓުގެ ބަނޑުފިލާގެ ތައްޓުމައްޗަށެވެ. ހިލިހިލާ ގަނޑަށް ރަނގަޅަށް ވާންކޮށްލައި، ބޯޓުގެ ތަށްޓާއެކޮށް އަހަރެންގެ ހިލިހިލާގަނޑު މަލަރުކޮށްލިއެވެ.

އެއީ ފުރާނައަށް ކެތް ނުކުރެވޭފަދަ ވޭނާއި ތަކުލީފުގެ ދަތުރެކެވެ. އެ ބޯޓު އެތައް ގަޑިއިރުގެ ދަތުރަކަށް ފަހު، އޭގެ މަންޒިލަށް ތިރިކުރިއިރު އަހަރެންނާއި އަހަރެންނާއެކު ދެން ތިބި އެންމެހައި އަޚުން އުއްމީދުކުރީ އެއީ އަހަރެމެންގެ ތަކުލީފަށް ނިމުމެއް އައީ ކަމަށެވެ. އެކަމަކު، ވީކީ އެހެނެއް ނޫނެވެ. މިއީ އަދި ފެށުމެކެވެ. ދެން އޮތީ އެއަށް ވުރެން ދިގު، މާ އަނިޔާވެރި ދަތުރެއްގެ ފެށުމެކެވެ.

ގުއަންޓަނާމޯ

ގުއަންޓަނާމޯގެ ޖަލަކީ އެމެރިކާއަށް އައު އީޖާދެއް ނޫނެވެ. އަދި އެއީ އެމެރިކާގެ ވުޖޫދުގެ ތާރީޚުން ބައެކެވެ. މިފަދަ މަރުކަޒުތަކަކީ އެމެރިކާއިން ކުރިންވެސް ބޭނުންކޮށް، ހިންގައި، ތަޖުރިބާކޮށްފައިވާ މަރުކަޒުތަކެވެ. ފޯޓު ފިނިކްސްއާއި ސެއިންޓް އޮގަސްޓިން އަކީ އެމެރިކާއިން ކުރިން އިނގިރޭސިންނާ ފެސިސްޓުން ބަންދުކޮށްގެން ގެންގުޅުނު މަރުކަޒުތަކެވެ.

ގުއަންޓަނާމޯގައި އެމެރިކާއިން ވަނީ މީގެ ކުރިން ހެއިޓީން ބޮއްކުރާގައި ފިލައިގެން، އެމެރިކާއަށް ވަނުމަށް މަސައްކަތް ކުރި ހެއިޓީގެ މީހުންވެސް ބަންދުކޮށްފައެވެ.

އޭގެ މާކުރިންވެސް އެމެރިކާއިން “ރިޒަވޭޝަން”ގެ ނަމުގައި ކަށިނަރުދަމައި އެމެރިކާގެ އަސްލު ވަޒަންވެރިން ކަނޑައަޅާފައިވާ ވަކި ސަރަހައްދެއްގައި ބަންދުކޮށްގެން ގެންގުޅެފައެވެ. މިއަދުވެސް އެމެރިކާގައި އެމީހުންނަށް ކަނޑައަޅާފައިވާ “ރިޒަވޭޝަން” ސަރަހައްދުތައް އެބަހުއްޓެވެ. ތަފާތަކީ ގުއަންޓަނާމޯގައި ހެން އަނިޔާކޮށް ތަހުގީގު ނުކުރާ ކަމެވެ.

ގުއަންތަނާމޯއަކީ އެމެރިކާގެ ރައީސް ބުޝް އެމެރިކާ ރައްޔިތުންނަށް ކާމިޔާބީއެއްގެ ގޮތުގައި ދައްކަން ބޭނުންވި ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓްގައި ސެޕްޓެމްބަރު 11 ނޫނީ 9/11އަށް ތުހުމަތު ކުރެވޭ މީހުން ބަންދުކޮށް އަނިޔާ ކުރުން ހިމެނެއެވެ. އެކަމަކު ހަގީގަތުގައި 9/11 ރާވައި އެކަން ހިންގި މީހުންނަށް އަދަބެއް ނުދެވެއެވެ. އަދި އެމީހުން ހައްޔަރެއްވެސް ނުކުރެވެއެވެ. ސުއާލެއްވެސް ނުކުރެވެއެވެ. މިއީ އެމެރިކާގެ ޚާޖިރީ ސިޔާސަތު ހިންގަން ތިބި ނެއޯ ކޮންޒަރވެޓިވް ބަޔަކު މެދުއިރުމައްޗަށް ގެންނަން ބޭނުންވި ބަދަލެއް ގެނައުމަށް ބޭނުން ކުރި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުން އެކަމުގައި އުޅުނު ބަޔަކަށް މާލީ މަންފާތަކެއްވެސް ލިބުނެވެ.

ގުއަންތަނާމޯއަކީ ކިއުބާގެ ޖަޒީރާގެ ދެކުނު މުލީގައި ހަދާފައިވާ އަސްކަރީ މަރުކަޒެކެވެ. އެމެރިކާއިން އެތަން އަސްކަރީ މަރުކަޒަކަށް ހެދީ، 1903 ވަނަ އަހަރުއެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެތަން މަޝްހޫރުވެފައި ވަނީ ގިޓްމޯގެ ނަމުންނެވެ.

އެމެރިކާގެ އަނިޔާ ކުރާ މަރުކަޒު ހަދާފައިވާ ގުއަންޓަނާމޯއަކީ ކިއުބާއިން ފޭރިގެންފައިވާ ބިމެއްގައި އެމެރިކާއިން ހަދާފައިވާ މަރުކަޒެކެވެ. ކިއުބާ މިނިވަން ވުމަށް އެކުލަވާލި، އައު ގާނޫނުއަސާސީ އެކުލަވާލި އިރު އެމެރިކާއިން ވަނީ ކިއުބާގެ މިނިވަންކަމަށް އެއްބަސްވާނީ ކިއުބާއިން ދެކުނު މުލި އެމެރިކާއަށް ދިނުމުން ކަމަށް ބުނެ އެކަމަށް މަޖުބޫރު ކުރުވާފައެވެ. މިނިވަންކަމުގެ ބަދަލުގައި ކިއުބާ މީހުން އެކަމަށް އެއްބަސްވީ ނުރުހި ތިބެގެންނެވެ. މިއީ މުއްދަތެއް ނެތް ގޮތަށް އެމެރިކާއިން އެތާގައި ތިބޭ ގޮތަށް ފޭރިގެންފައިވާ ބިމެކެވެ.

ކުއްތާތަކުގެ ވައްވައް ޖެހުން

އެމެރިކާ ސިފައިންގެ ރަހުމު ކުޑަ، އަނިޔާވެރިކަމާއި މުގުރުން ވީއްލާލާ އެތިފަހަރާއި އަނިޔާވެރި ތެޅުންތަކާއި، އެމީހުންގެ ކަރު ބުޑުން ނެރޭ ހަޅޭއް ލެވުމަކުން ދުވަހަކުވެސް އެމީހުން ވަރުބަލިވާ ހެނެއް ހިއެއް ނުވެއެވެ. އަހަރެން އުފުލި ދެވަނަ އުދުހޭ ބޯޓުގެ ދަތުރު ނިމުނުއިރުވެސް އަނިޔާގެ ދަތުރަށް ނިމުމެއް ނާދެއެވެ. އެމެރިކާގެ މެރިންސް ސިފައިން އަހަރެންގެ ހިލިހިލާގަނޑު ޖަހައިގަނެގެން އަތަށް މަހައިގެން ދަމައި ކޫއްތައި ބަހަކަށް އެއްލައިލީ ބަސްތާއެއް އެއްލައިލާ ހެންނެވެ. ބަސް ދަތުރަށްފަހު، އެން ފެށީ ކަނޑު ދަތުރެކެވެ. އޮޑީގައި އަހަރެން ގެންދިޔައީ ކޮންތާކަށް ހެއްޔެވެ؟

އަހަރެންނަށް އެ ވޭނީ ދަތުރުގައި ފުރަތަމަ ފިލާވަޅެއް ލިބުނީ އޮޑީގެ ބަނޑުފިލާގައި ބިންދާލާ ރާޅުތަކުންނެވެ. އެ ރާޅުތަކުގެ ހަލަބޮލި އަޑާއި އެ ލޮނު ވައިގެ ވަހުން އަހަރެންނަށް ފުރަތަމަ ފަހަރަށް ގުދުރަތުގެ ތޮބީއަތުގެ ރަހަ އިހުސާސް ވިއެވެ. މޫދުގެ އަޑާއި އެލޮނު ވައި ވެގެން ދިޔައީ، އަހަރެންނަށް މަރުހަބާގެ ބަސްތައް އިއްވައިލި ފުރަތަމަ އެކުވެރިޔާއަށެވެ. މާޝާﷲ!

އެމެރިކާގެ މެރިން ސިފައިންގެ މީހަކު އިނގިރޭސި ބަހުން ކަރު ބުޑުން އަޑު ބޭރުކޮށްލައިގެން އަހަރެންގެ ސަމާލުކަން ހޯދައިފިއެވެ. އަރަބި ބަސް ދަންނަ މެރިން ސިފައިންގެ މީހަކު އެމެރިކާ ސިފައިންގެ މީހާ އިނގިރޭސިން ޖެހިވައްވައް ހަމަ އެރާގަށް އަރަބި ބަހުން އިއްވައި ތަރުޖަމާ ކޮށްލިއެވެ. ބުންޏެވެ.

“ކަލޭ މިހާރު ތިޔަ އޮތީ އެމެރިކާގެ މެރިންސްގެ ކޮންޓްރޯލްގެ ދަށުގައި!” އެއަށްފަހު ދެން އިއްވި ބައި އަހަރެންނަށް ފަހުމުވާ ވަރަށް ވުރެން ވަރުގަދަ ވޭނެއް ހަށިގަނޑުގައި އެޅިއެވެ. އެމީހުންގެ ޖިސްމާނީ އަނިޔާތައް އެހަރަގެން ފެށުނީއެވެ.

އެންމެ ފަހުން އެ އޮޑި ބަނދަރު ކުރުމުން ދަތުރުގެ އެންމެ ފަހު މަންޒިލަށް އުފުލީ ބަހެއްގައެވެ. އެވެސް ބަސްތާއެއް އުފުލާ ބީދައިންނެވެ. އެތައް އިރެއް ވަންދެން އުޑަފައިން އިށީދެ އިންނަން އަހަރެންނަށް މަޖުބޫރު ކުރި އެވެ.

އެކަމަކު އެހިސާބުން، އަނގަމަތީގައި ބާރަށް ބަނދެފައި ތަތްކޮށްފައި އޮތް މަލަންގަނޑު ދަމައިގަތެވެ. އެ މަލަންގަނޑުގެ ތަތްގަދަކަމުން ލިބުނު ވޭނަށް ވުރެން އެ މަލަންގަނޑު ނައްޓާލުމުން ކުރި ވޭނާއި ތަދުގެ އިހުސާސް މާބޮޑުވިއެވެ.

އެކަމަކު ވަށައިގެންވާ މާހައުލުން ހަށިގަނޑުގެ އެތެރެއަށް ސާފު ވައިކޮޅެއް ދަމައިގަތުމަށް އިތުރު ގުނަވަނެއް އިޙުސާސް ކުރެވުމުން އަހަރެންގެ ކެކުޅުމަށް ކޮންމެވެސް މިންވަރެއްގެ ލުޔެއް ލިބުނެވެ. އެކަމަކުވެސް އަހަރެންގެ ހަށިގަނޑުގެ ކޮންމެ ސެލްއަކުން ދިޔައީ އަޅަމުން ދިޔަ ވޭންތަކަށް، ހަޅޭއް ލަވަމުންނެވެ. އެރުއިމަކީ އަހަރެންގެ އެތެރޭގެ އަޑެވެ. އެއީ، މީހަށް އިވޭނެ އަޑުތަކެއް ނޫނެވެ.

އަހަރެންނަށް އަނިޔާ ކުރުމުގެ މަސައްކަތާ ހަވާލުވެ ތިބި ޒާލިމު ޖައްލާދުންނަށް އަހަރެންގެ ވޭންތައް އިހުސާސް ނުވިއަސް އެމީހުންނަށް އަހަރެންގެ ފުށުން އަހަރަންގެ ކެކުޅުންތައް ފެނެއެވެ. އެމީހުންގެ އިންސާނިއްޔަތު ކަމާއި ޒަމީރު އެމީހުންނާ ދިމާއަށް ހަޅޭއްލަވާހެންވެސް އަހަރެންނަށް ބައެއް ފަހަރު ހީވިއެވެ.

ޕްރޮސެސިންގ ސްޓޭޝަން

އަހަރެން ފުރަތަމަ ގެނަސް ވެއްދި މަންޒިލަކީ ޕްރޮސެސިންގ ސްޓޭޝަނެވެ. މިއީ އަސީރުން ގެނަސް އެމީހުން ގިންތިކޮށް ނަންބަރުޖަހައި ބަލަންވާ ކަންކަން ބަލަން އޮންނަ މަރުކަޒެވެ.

މިތަނަށް ވެއްދުމާއެކު މީހާގެ އިއްޒަތުއްނަފްސާއި ކަރާމާތާއި އިންސާނީ ވަންތަކަން އެއްކޮށް ނިގުޅައި ގަނެއެވެ. މީހާ “ޕްރޮސެސް” ކުރަނީ ބަރަހަނާ ހާލުގައި ބަހައްޓައިގެންނެވެ. އިންތިހާއަށް އިހާނެތިކަމާއެކުގައެވެ. އިންސާނީ ވަންތަކަމުގެ އެއްވެސް އިހުސާސެއް މީހާއަށް ނުދިނުމަކީ އެމީހުންގެ ޕްރޮސެސް ކުރުމުގެ މަގްސަދެވެ.

ޕްރޮސެސް ކޮށް ނިމުނީމައި ގެންދަނީ ހިލިހިލާގަނޑު، އަނެއްކާވެސް ޖައްލާދުގެ އަތަށް މަހައިގެން ދަމައި ކޫއްތަމުންނެވެ. އަހަރެން ކޫއްތާފައި ގެން ދިއުމަކީ އެމީހުންގެ ވަޒީފާގެ ބައެކެވެ. އަހަރެން ބިންމައްޗަށް ވައްޓައިލިއެވެ.  ކަށިވެލިގަނޑު މަތީގައި އަހަރެންގެ ހަންގަނޑު ބީހެމުން، މިނިހަންތައް ހިމުންކޮށް ގޭނޭ ގޮތަށް ގެންދިއުމަކީ ވަޒީފާގެ ވާޖިބުގެ ބައެކެވެ.

އެއަށް ފަހު ދެން ގެންދިޔަ މަރުކަޒުގައި އެމެރިކާ ސިފައިން އަހަރެންނާ ދިމާއަށް ކުއްތާތަކެއް ހެން އަރައިގަތެވެ. އެއީވެސް ކަންކުރަން ގޮތް ބަޔާން ކުރާ ފޮތް ސްޓޭންޑަރދް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ)ގެ ބައެކެވެ. އެކަން ކުރަނީ އިމިޑިއޭޓް ރިއެކްޝަން ފޯސް (އައިއާރުއެފް) ޓީމެކުންނެވެ.

އެމީހުންނާ ހަވާލުވެފައި އޮންނަ މަސައްކަތަކީ، އަނިޔާވެރި ގޮތަކަށް އަހަރެންގެ ހިލިހިލާގަނޑު، ލަސްލަހުން، ތަދުވާ ގޮތަށް ނެއްޓުމެވެ. ބޮލަށް ފައްތާފައި އޮތް ކޮތަޅު ނަގައެވެ. ކަނު ބަނދެފައި ހުރި ފޮތިގަނޑު މޮހެލައެވެ. ކޮންމެ ކަމެއްވެސް ތަދު އިހުސާސް ކުރެވޭ ގޮތަށެވެ.

އެކަން ކުރާ އިރުވެސް އެއިން ކޮންމެ ހަރަކާތަކަށް ޚާއްސަ އިރުޝާދެއް އިއްވާނީ ކަންފަތް ބަތްކޮށްލާފަދަ ވައްވައް ޖެހުމަކުންނެވެ.

“ޑިޓެއިނީ 441! ސްޓޮޕް ރެސިސްޓިންގ!” މިއީ ވައްވައް ޖަހުމުގެ އާންމު ރާގެކެވެ. އަހަރެންގެ ގައިގައި ވޭން އަޅަނީއެވެ. އަހަރެން ފެން ބޮވައިގެންފައި ބަންޑުހައި ހޫނުކަމުގައި ހުރިއިރު، ޖާނުން ބިޔަ، ޖައްލާދުންނަށް އަހަރެންގެ ފުށުން ފެންނާނީ ކޮން ދެކޮޅު ހެދުމެއް ހެއްޔެވެ؟ ހަށިގަނޑުގައި އަޅަމުންދާ ވޭންތަކާ ހެދި އަހަރެންނަށް ނޭވާލެވެނީވެސް ހަމަ ކިރިޔާއެވެ.

ކޮންމެ ހިނދުކޮޅަކީވެސް ކޮންމެވެސް ކަމެއް ދަސްވާ ހިނދުކޮޅެކެވެ. ނޭނގި ނަމަވެސް އަހަރެންގެ ޖައްލާދުން، އަހަރެންނަށް ކޮށްދިން ހެޔޮކަމަކީ އަހަރެންގެ ޒަމީރަށާއި ސިކުނޑިއަށް (ރެސިސްޓެންސް) “ދެކޮޅުވެރިކަން ދެއްކުން” މި ލަފުޒު ތަޢާރަފް ކޮށްދިނުމެވެ. އެކަމަކީ ދިރިހުރިމަށް އަހަރެން ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަން އަހަރެންނަށް ދަސްކޮށްދިނެވެ. އެ ހިނދުކޮޅާ ހަމައަށް އަހަރެންނަށް ދެކިޅުވެރިކަން ދެއްކުމުގެ އެއްވެސް ވިސްނުމެއް އައިސްފައި ނެތެވެ.

ކަނުއަނދިރީގައި

އަހަރެންގެ ވަށައިގެން ވެރިވެފައި ވަނީ ކަނު އަނދިރި ކަމެކެވެ. އަހަރެން ބަންދުކޮށްފައިވާ ތަނަށްވެސް ވެރިވެފައި އޮތީ ކަޅު އަނދިރި ކަމެކެވެ. އެ ކަނު އަނދިރި މާހައުލަށް، އަހަރެންގެ ލޮލުގެ ފެނުން ހޭނެން ވަގުތުކޮޅެއް ނެގި އެވެ. ލޯ އަނދިރިކަމަށް ހޭނުމާއެކު އަހަރެންނަށް ފެނުނީ ވަށައިގެން އެކި ދިމަދިމާއިން އޮރެންޖު ކުލަތަކެވެ. އެއީ އަހަރެންނެކޭ އެއް ފަދައިން ކޮށި ކޮށްޓަށް ލާފައި ތިބި އިންސާނުންނެވެ. އަސީރުންނެވެ. އަހަރެންގެ އަޚުންނެވެ.

އެ ކަނު އަނދިރީގައި ކަންފަތަށް އިވެމުން ދިޔަ އަޑަކީ ހިލިހިލާތަކެއް ބިންމަތީގައި ދެމެމުން ދިޔަ އަޑެވެ. އަދި ބާރު ބާރަށް ޖައްލާދު ސިފައިން މުގުރުން ދޮރުތައް ތަޅަމުން ދާ އަޑެވެ.

މީހެއްގެ ހިލަމެއްވާ އިރަށް، އެމެރިކާ ސިފައިން ކަރު ބުޑުން ވައްވައް ޖަހަން ފަށައެވެ. ބުނެއެވެ!

“ޝަޓް ދަ ފ***ކް އަޕް، ޑޮންޓް ލޫކް އެޓް މީ، ލޫކް ޑައުން! ނޯ ޓޯކިން” ކަނު އަނދިރީގައި އެވެރިންނާ ދިމާއަށް މީހަކު ބަލާނީ ކިހިނެއް ހެއްޔެވެ؟ ބަލާލިއަސް މީހަކަށް އެމީހުން ފެންނާނެ ހެއްޔެވެ؟

މާދުރު ނޫން ހިސާބަކުން ވައްވައްޖަހާ ކުއްތާތަކެއްގެ އަޑުތައް އިވެމުން ދެއެވެ. އެސޮރުމެންގެ ވައްވައް ޖެހުމަށް ވުރެން ބޮޑަށް ވައްވައް ޖަހަމުން ދިޔަ އެމެރިކާ ސިފައިންގެ އަޑުތައް މާބިރުވެރި އެވެ.

ކުއްތާތަކުގެ ވައްވައްޖެހުން މެދު ނުކެނޑި އިވެމުން ދިޔައެވެ. ހީވަނީ އެފަސްގަނޑުގައި އެމެރިކާ ސިފައިން ހިންގާ ލާއިންސާނީ އަމަލުތަކަށް ނުރުހިގެން އެސޮރުމެންވެސް އިހުތިޖާޖު ކުރަމުން ދިޔައީ ހެންނެވެ. ނުނީ ހެއްދެވި ފަރާތަށް ޝަކުވާ ދަންނަވަމުން ދިޔައީ ހެންނެވެ.

ގުއަންޓަނާމޯ ބޭ ޑިޓެންޝަން ކޭމްޕް ޖަލުގައި އަހަރެން ލޯހުޅުވާލި ފުރަތަމަ ދުވަހު ހެނދުނު، ވަށައިގެންވާ މާހައުލަށް ނިކަން ރަނގަޅަށް އަހަރެން ބަލައިލީމެވެ.

ހިލިހިލާ ޖަހައި އަހަރެން ބަންދުކޮށްފައި ބަހައްޓާފައި ހުރި ކޮށްޓަކީ އެތާނގައި ޖަނަވާރެއްވެސް ބަންދުކޮށްފިނަމަ ދިރި ނުހުންނާނެ ވަރުގެ ދަތި ކޮށްޓެކެވެ. އަހަރެންނަށް ޚާއްސަކޮށްފައިވާ ކޮށީގައި ހުރީ އަހަރެން އެކަންޏެވެ. އެހެން ކޮށިތަކުގައި އިތުރު އެތައް ބަޔަކު ތިއްބެވެ.

އަނިޔާކޮށް ސިއްކަ ޖަހާފައި ތިބި މޫނުތަކެއް

އަހަރެންނަށް ފެނުނު އަސީރުންނަށް ބަލާލުމުން އަހަރެންނަށް ފެންނަމުން ދިޔައީ ދުޅަވެފައިވާ މޫނުތަކެކެވެ. ޖެހިޖެހީނުން ލޭއަރުވާލައި ކަޅުކޮށްފައިވާ ލޯތަކެކެވެ. ބާލާފައިވާ ބޯތަކާއި ތުނބުޅިން މަހުރޫމު ކޮށްފައިވާ މޫނުތަކެކެވެ. ފަޅައިގެން ގޮސްފައިވާ ތުންފަތްތަކާއި ލޭ އައިސް ކުރަމަގާލިއަށް ބަދަލުވާން ބޭނުންވެފައިވާ ޒަޚަމްތަކެވެ.

އަހަރެމެން އެންމެންވެސް ތިބީ ހަމަ އެއް ގޮތަކަށެވެ. އެއް ހާލެއްގައެވެ. ބަލާ ބެލުމަށް ހީވަނީ އަހަރަމެން ކޮންމެ މީހެއްގެ މޫނުމަތީގައި އެމެރިކާ ސިފައިން ސިއްކައެއް ޖަހައި ސޮއެއް ކޮށްފައި ހުރީ ހެންނެވެ.

އެއީ، އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އާއި އޭނާގެ ވެރިކަމުގައި “ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ” ކާމިޔާބު ކުރަމުންދާކަން ސާބިތުކޮށްދޭން އެމެރިކާ ސިފައިން ޖަހާ ސިއްކައެވެ. ގޮށްމުށުންނާއި މުގުރުން ޖަހާލާ ސިއްކައެކެވެ. ދެއްޔަކަށް ބޭނުން ކުރަނީ ޖަހައިލާ ތަކުން ފާއްދާލަދޭ ލެއެވެ.

އަހަރަމެންނަށް އަނިޔާ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މީހުންގެ ނަޒަރުގައި އަހަރަމެންނަކީ ދުނިޔޭގައި ތިބި އެންމެ ނުބައި މީހުންނެވެ.

އެމެރިކާއިން ދުނިޔެއަށް ވަގަސް ހަދާފައިވާ މި އަނިޔާ ކޮށްޓަށް، ދަމައި ކޫއްތަމުން އަހަރަމެން ގެނަސްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުންނެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ފައިސާގެ މުގާބިލުގައި ބަޔަކު ވިއްކާލި ޣަނީމާ މުދަލެވެ. އަހަރަމެންގެ ތެރޭން ބައެއް އަޚު އަސީރުންނަކީ، އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއާ އެމީހުންގެ އަމިއްލަ  ސަރުކާރުތަކުން ހަވާލު ކުރި މީހުންނެވެ.

މިއީ އިންސާނީ ތާރީޚުގައި މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެވެ. އެމެރިކާއިން އުފައްދާފައިވާ މި އަނިޔާވެރި މަރުކަޒު، ގުއަންޓަނާމޯގެ ޖަލުގައި ތިބި އަހަރެމެން އެންމެނަކީ، ކުޑަކުދިންނާއި ބޮޑެތި މީހުންނާއެކު ޖުމުލަ 800 މުސްލިމު އަސީރުންނެވެ. އަހަރެމެންނަކީ ތަފާތު 20 ބަހަކުން ވާހަކަ ދައްކާ 50 ގައުމެއްގެ މުސްލިމުންނެވެ.

އަނިޔާ ކުރުން

ގުއަންޓަނާމޯގައި ބަންދުގައި ތިބޭ މީހުންނަށް އަނިޔާ ކުރަނީ އެމެރިކާގެ ސީއައިއޭ އާއި އެފްބީއައި އިންނެވެ. އެމީހުން ބޭނުން ކުރާ އަނިޔާގެ ގޮތްތަކުގެ ތެރޭގައި ވޯޓާބޯޑިން، އެއީ ފެންގަނޑެއްގެ ތެރެއަށް މީހާ ގަންބާލައިގެން އެތައް ވައްތަރެއްގެ އަނިޔާތައް ދިނުމާއި، އަސީރު ކޮއްޕައި ފާރާލައި ފިއްތުމާއި އަދި ބައެއް ފަހަރަށް ފާރުގައި ބޯތެޅުމާއި ހަށިގަނޑަށް ކެތް ނުކުރެވޭ ގޮތަށް، (ސްޓްރެސް ޕޮޒިޝަން) ގައި މީހާ ބޭއްވުމާއި، ގަދަ އަޑެއް އިއްވައިގެން ސިއްސުވާލައި ނިދިން ހޭލައްވާލުމާއި، ގައިގައި ތަޅައި ގަތުމާއި ނުރައްކާތެރި ސޫފާ ސޫފިތައް ކަމަށްވާ ސޫއްޕާއި ނަގުލުން ދާއްޓާއި މީދަލާއި ކުރަފި ފަދަ ތަކެތި ގަޔަށް އަޅާނެ ކަމުގެ އިންޒާރު ދިނުމެވެ. އަސީރުންނަށް ޖިންސީ ގޮތްގޮތުން ގޯނާ ކުރުމަކީވެސް އެމީހުން ބޭނުން ކުރި އަނިޔާގެ ވައްތަރެކެވެ. އަދި ދީނުގެ ހުރުމަތް ކަނޑާލުމާއި ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތުމަކީވެސް އަސީރު ނުތަނަސްކޮށްލުމަށް ގެންގުޅުނު ކަންތައްތަކުން ބައެކެވެ. ސީއައިއޭއާއި އެފްބީއައިގެ އަނިޔާކުރާ މީހުން ދިޔައީ ކެނޑިނޭޅި އަނިޔާ ކުރަމުންނެވެ.

ފާއިތުވެދާ ކޮންމެ މިނެޓަކީވެސް ޖައްލާދުންނަށް އެމީހުންގެ އަނިޔާގެ ފަންނުވެރިކަމުގައި އިތުރަށް ހުނަރުވެރިވުމަށް ލިބެމުން ދިޔަ ފުރުސަތެކެވެ.

ބަންދުގައި ތިބޭ މީހުންނަށް ދެމުން ގެންދާ އަނިޔާތައް އެމެރިކާ ސަރުކާރަށް އެނގެއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިންއަނިޔާ ކުރުމަށް ޓޯޗާ ޕްރޮގްރާމަށް ރަސްމީކޮށް ހުއްދަ ދިނުމުގެ ކުރިން ވެސް އެފްބީއައި އިން އަމިޔާގައި ސިއްރު ދައުރެއް އަދާކޮށްފައި ވެއެވެ.

ބައެއް މީހުންނަށް އަނިޔާ ކުރުމަށް އެމެރިކާ ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި ހުއްދަ ދެއެވެ. މިސާލަކަށް މަޝްހޫރު އަބޫ އުބައިދާގެ މައްސަލައަކީ، އެފަދަ އެއް މައްސަލައެވެ. އޭނާއަށް، ސީއައިއޭއާއި އެފްބީއައިން ހިންގި ސައިޓް ގްރީންގައި އަނިޔާ ކުރުމަށް އެމެރިކާގެ ރައީސް ބުޝް ހުއްދަ ދީފައި ވާނެއެވެ.

އަބޫ އުބައިދާއަކީ އޮޅުމަކުން ބަންދުކޮށް، އަނިޔާ ކުރެވުނު މީހެއްކަމަށް އެމެރިކާ ސަރުކާރުން ވަނީ އެއްބަސްވެފައެވެ. އޭނާވެސް ކިޔައިދީފައިވާ ގޮތަށް އަސީރުންނަށް ބޭސްފަރުވާގެ ފުރުސަތެއްވެސް ސިއައިއޭއާއި އެފްބީއައިގެ ސްޕެޝަން އެޖެންޓުންނެއް ނުދެއެވެ.

ގުއަންޓަނާމޯގައި އަހަރަމެން އަސީރުންނަށް ކޮށްފައިވާ އަނިޔާގެ އަސަރުތަކަކީ އަހަރަމެންގެ ސިކުނޑިން ފިލައިގެން ނުދާ، ދިގު މުއްދަތުގެ ދެމެހެއްޓެނިވި އަސަރުތަކެކެވެ. އަނިޔާކޮށްފައިވާ ގޮތްގޮތުން، ސިކުނޑިއަށާއި މީހާގެ ނާރުގެ މަރުކަޒީ ނިޒާމަށް ފުން އަސަރުތަކެއް ކޮށްފައި ވެއެވެ.

އެ އަސަރުތައް މީހާގެ  މުޅި އުމުރަށް ސިކުނޑިއަށާއި މީހާގެ މުޅި ދިރިއުޅުމުން ފެނިގެން ދެއެވެ. އަނިޔާތަކަށް ހުށަހެޅުމުން ދާއިމީގޮތެއްގައި އުމުރު ދުވަހަށް މީހާއަށް ނަފްސާނީ ބަދަލުތަކަކަށް މަގުފަހިވެއެވެ. އަދި އަނިޔާއަކީ މީހާގެ ބައެލޮޖިކަލް އަދި ޖިސްމާނީ ބައެއްކަމުގައި ވެގެން ދެއެވެ.

މިފަދަ ހާލަތްތަކުގައި ފަރުވާއެއް ނޫނީ ރިހެބިލިޓޭޝަނެއް ލިބުމަކީ ނާދިރު ކަމެކެވެ.

އެމެރިކާގެ ފަސްގަނޑުން ބޭރުގައި އަނިޔާ

އަހަރެމެންނަށް އަނިޔާ ކުރަން ބައިތިއްބާފައި ތިބީ އެމެރިކާގެ ޖަލެއްގައެވެ. އެކަމަކު އެއީ އެމެރިކާގެ ފަސްގަނޑުގައި ހުރި ޖަލެއް ނޫނެވެ. އެއީ، ކިއުބާ ޖަޒީރާގެ ފަސްގަނޑުގައި އެމެރިކާއިން ގަދަބާރުން ހިފާފައިވާ ބިމެއްގައި ހަދާފައިވާ އަނިޔާދޭ ކޮށްޓެކެވެ.

އަހަރަމެންގެ އަތުން ހުރިހައި އެއްޗެއްވެސް ވަނީ ފޭރިގެންފައެވެ. އަހަރެމެންގެ އިއްޒަތުއްނަފްސުވެސް ވަނީ ފޭރިގެންފައެވެ. އަހަރަމެންނަކީ ނަމެއް ނެތް ބައެކެވެ. އަހަރަމެންނަށް ދީފައި ވަނީ ނަންބަރެކެވެ.

އަހަރަމެން ލާން އޮންނަ ހެދުމަކީ ގަޔަށް މަހާފައި އޮންނަ އޮރެންޖް ކުލައިގެ ކޮތަޅު ހެދުމެކެވެ. ކޮންމެ މީހެއްގެ އަތުކުރީގައި ބިޑިއެއް އަޅުވާފައި އޮވެއެވެ. އެ ބިޑީގައި އެމީހާއަށް ޚާއްސަ ކޮށްފައިވާ ނަންބަރު ޖަހާފައި އޮވެއެވެ.

އަހަރެމެންގެ ހަށިގަނޑު ޖަލު ބަންދުކޮށް އަހަރެމެންގެ ހަރަކާތްތަކާއި ވިސްނުން ކޮންޓްރޯލްކޮށް އަހަރެމެންނަކީ އިންސާނުން ކަމަށް ބަލައި ނުގަންނަން އެމެރިކާ ސިފައިން ބޭނުންވި ނަމަވެސް އަހަރަމެން ކޮންމެ މީހަކީ ތަފާތު މީހެކެވެ. އަހަރަމެން ކޮންމެ މީހަކީ، އަމިއްލަ ނަމަކާއި، އަމިއްލަ އަގީދާއަކާއި ގަބޫލުކުރާ ހަމަތަކަކާއި އިންސާނީ އަދި އާއިލީ ގުޅުންތަކާއި އަޚްލާޤާއި ޖަޒުބާތުތަކާއި، ހަނދާންތަކާއި، ބަހާއި، ޢިލްމާއި، ތަޖުރިބާއާއި، ހުނަރާއި، އިޙްސާސްތަކާއި، ހުވަފެންތަކާއި، ގައުމިއްޔަތެއް ލިބިފައި ތިބި ބަޔަކީމެވެ. ޔަގީނުންވެސް އަހަރެމެންނަކީ ޠަބީޢީ ގޮތުން ތަފާތު އިންސާނުން ތަކެކެވެ.

ޖުމުލަކޮށް ބުނާނަމަ އެ ހުރިހައި ތަފާތު ކަމަކީ، އަހަރެމެންގެ ޑީއެންއޭގެ ބައެކެވެ. އަހަރަމެންނަށް އަނިޔާކުރާން ތިބި އެމެރިކާ ސިފައިން ހީކުރީ، އަހަރެމެންގެ ހަށިގަނޑު ފޭރިގަނެ، އަހަރަމެންގެ މިނިވަންކަން ނިގުޅައި ގަނެގެން އެމީހުންނަށް އަހަރެމެން ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ. އެހެނެއް ކަމަކު ދުވަހަކުވެސް އެމީހުންނަކަށް އަހަރެމެންގެ ހިތާއި ނަފްސު ކޮންޓްރޯލެއް ނުކުރެވުނެވެ.

ތެދެކެވެ! އަހަރެމެން ތިބީ ދުނިޔެއިން އެކަހެރި ކޮށްފައެވެ. ދުނިޔޭގެ ނިޒާމުން ގެއްލުވާލާފައެވެ. އަހަރެމެންގެ އާއިލާތަކާއި ދުނިޔޭގައި ހިނގަމުންދާ ކަންކަމާ އަހަރެމެންނާ ގުޅުން ކެނޑިފައި ތިބި ނަމަވެސް، އެމެރިކާގެ އަނިޔާވެރި އަނދިރި ޖަންގަލީގައި އަނިޔާއަށް ކެތްތެރިވެ ދިރި ތިބުމުގައި އަހަރަމެން ކާމިޔާބު ހޯދީމެވެ. އަހަރެމެން އުފެއްދީ އަހަރަމެންގެ އަމިއްލަ ދުނިޔެއެވެ.

އަހަރަމެންގެ ޖައްލާދުން އަހަރަމެންނަށް ވޭން ދެނިވި ނަފްސާނީ ޖިސްމާނީ އަނިޔާތަށް ކުރަމުން ދިޔައެވެ. އަނިޔާތައް ލިބުނު ނަމަވެސް، އަހަރަމެން ލަވަކިޔައި ހެދީމެވެ. ނަށައި ވެސް ހެދީމެވެ. ދެކޮޅު ހަދައި ނިކިޔަމަންތެރިކަން ދައްކަން ޖެހުނު ވަގުތު އެކަންވެސް ކުރީމެވެ. އަހަރަމެންގެ ފުރާނަ ސަލާމަތް ކުރެވުނީ އެ އަޒުމުގައެވެ.

ގުއަންޓަނާމޯއަށް ގެނައުމުގެ ކުރިން، ބައެއް އަސީރުން ބަންދުކޮށްފައި ތިބި ބައެއް ތަންތާނގައި އަނިޔާތައް ދީފައި ވެއެވެ. އެއަނިޔާތައް ބިނާކޮށްފައި ވަނީ އެމީހަކު ބަންދު ކުރެވޭ ތަނަކާއި އޭނާއާއެކު ކުރެވޭ ތަހުގީގެއްގެ މައްޗަށެވެ.

އަނިޔާ ކުރެވެނީ، މީހާ ބަހައްޓާފައި ހުންނަ “ކޮށިން” ނެރެގެން އެކަމަށް ޚާއްސަ ތަނަކަށް ގެންގޮސްގެންނެވެ.

އަނިޔާތައް ކުރެވެނީ ސެޝަންތަކަކަށް ބަހާލައިގެންނެވެ. މީހާއަށް ކުރެވޭ ތުހުމަތަކާއި އޭނާގެ ފުށުން އެނގެން ބޭނުންވާ މައުލޫމާތާއި އެމީހަކާ މެދު ތަހުގީގު ކުރާން ތިބޭ މީހުންގެ ހިތުގައި އުފެދިފައިވާ ނަފްރަތެއްގެ މައްޗަށް ބިނާކޮށް، އެ އަނިޔާގެ ސެޝަނެއް އެތައް ގަޑިއިރަށްވެސް ދެމިގެން ހިނގައި ދާނެ އެވެ. ނޫނީ އެ އެންމެ ސެޝަނަކީ އެތައް މީހަކު ވެގެން ބައި ބަހައިގެން ކުރިއަށް ގެންދާ 24 ގަޑިއިރުގެ އެއް ސެޝަނެއް ކަމުގައިވެސް ވެދާނެއެވެ.

ކޮންމެ އަނިޔާގެ ސެޝަނަކީ އެތައް ގުނަވަނަކާއި އެތައް ހިއްސަކަށް އަމާޒު ކުރެވޭ އަނިޔާއެކެވެ.

އަނިޔާކުރެވޭ ގޮތްތަކުގެ ތެރޭގައިގަދަ ބާރުން މަޖުބޫރުކޮށްގެން މީހާ ބަރަހަނާ ކުރުން ހިމެނެއެވެ. އޭގެ ތެރޭގައި އަރުތެރެއަށް ކާނާ ދިއުމުން މަހުރޫމު ކުރުން ހިމެނެއެވެ. އަދި ނިދިން މަހުރޫމު ކުރުން ހިމެނެއެވެ. ގަދަ ފިނީގައި އިނުމަށް މަޖުބޫރުކޮށް އަނިޔާ ކުރުމަށް ބައިންދާފައި އިންނަ ޗެމްބަރު ފިނި ގަދަ ތަނަކަށް ބަދަލުކުރުން ހިމެނެއެވެ.

އެކަންކަމުގެ މަގްސަދަކީ އަނިޔާ ލިބޭ އަސީރަކީ، ކިރިޔަ ކިރިޔާ ކެތްކޮށްލެވޭ ވަރުގައި ހުންނަ އަނިޔާ ކުރާ ސްޕެޝަލް އިންވެސްޓިގޭޓަރުންގެ އޯގާތެރިކަމަށް ބޭނުންވާ މީހެއްކަމުގައި ހަދާލުމެވެ.

އަނިޔާ ކުރުމުގައި އަތްފައިގައި ޖަހާފައިވާ ހިލިހިލާއަށް ބާރުކުރުމާއި ބޮލުގައި ބުރުމާފަދަ އަޑުގަދަ ބާރަށް އެނބުރޭ އެއްޗެއް ޖެއްސުންފަދަ އެތައް ކަމެއް ހިމެނެއެވެ.

އަހަރަމެނަށް ހިތްވަރު ދިން ރަހުމަތްތެރިން

ގުއަންޓަނާމޯގެ ޖަލުގައި އެމެރިކާ ސިފައިންގެ އަނިޔާވެރިކަމާއި އަހަރަމެންނަށް މަޖުބޫރު ކުރަމުން ދިޔަ ހުރަސްތަކާއެކުވެސް އަހަރަމެންނަށް ގަވާއިދުން މެހުމާނުންތަކެއް، ދާދި އަވަހަކަށް ޒިޔާރަތް ކުރަން ފަށައިފިއެވެ. އަހަރަމެންގެ ޖައްލާދުންނަށް ގޮންޖަހަމުން އެމީހުން އަހަރަމެންނަށް ޒިޔާރަތް ކުރީ އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިންވެސް ހުއްދައެއް ލިބިގެނެއް ނޫނެވެ.

އެ މެހުމާނުން އަހަރަމެންނާއެކު އަހަރަމެންގެ ކޮއްތު ހިއްސާކުރަމުން ދިޔައެވެ. އަހަރަމެންގެ ވާހަކަތައް އަޑު އަހަމުން ދިޔައެވެ. އަދި ކަންކަން ރަނގަޅުވާނެ ކަމުގެ ޔަގީންކަންވެސް އަހަރަމެންނަށް ދެމުން ދިޔައެވެ. އެ ސޮރުމެން ވެގެން ދިޔައީ އަހަރަމެންގެ އާއިލާއާއި ރައްޓެހިންނަށެވެ. އެއީ، އަހަރަމެންނަށް ޒިޔާރަތް ކުރާ ދޫނިތަކާއި ބުޅާތަކާއި އިގުއާނާތަކާއި މީދާތަކެވެ!

ގުއަންޓަނާމޯ ގެ އަނިޔާވެރި ޖަލަކީ ޕްރޮޖެކްޓެކެވެ. އެއީ މުސްލިމުންނަށް އަނިޔާ ކުރުމަށް އުފައްދާފައިވާ ޕްރޮޖެކްޓެކެވެ.

އެއީ ފިނި ހަނގުރާމައަށް ފަހު ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިއުމާގުޅިގެން ދުނިޔެއަށް އަންނަން އުޅޭ އައު ނިޒާމުގައި އެމެރިކާއިން އަދާވާތްތެރިކަން ގެންގުޅެންވީ ފަރާތާ މުއާމަލާތު ކުރަން ޖެހޭ ގޮތް ބަޔާންކުރާ ޕްރޮޖެކްޓެކެވެ. އެއީ ޕްރޮފެސަރ ސެމުއެލް ހަންޓިންގޓަންގެ “ކްލޭޝް އޮފް ސިވިލިޒޭޝަން” ފޮތުގައި ބުނާ ހަޟާރާތަކުގެ ކޯޅުމުގައި އަދާވާތެރިކަން ގެންގުޅެންވީ ފަރާތް،  މުސްލިމުންނާ އެކު މުއާމަލާތު ކުރުމަށް އެމެރިކާގެ ވެރިކަމުގެ ނިޒާމާއި މުއައްސަސާތަކުން ގެންގުޅެން ޖެހޭ ސިޔާސަތު ތަންފީޒުކޮށް، އެކަމަށް ދުނިޔޭގެ ރުހުމާއި މަގްބޫލުކަން ހޯދުމަށް ބޭނުން ކުރާ ސިޔާސަތެކެވެ.

އަނިޔާކުރަން އުފައްދާ މުއައްސަސާއެއްގެ ގޮތުގައި ގުއަންޓަނާމޯ ފެށުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ މުސްލިމުން، ނުބައި މީސްކޮށް، އެތާނގައި ބަންދު ކުރުމުންނެވެ. ގުއަންޓަނާމޯ ދިޔައީ ބަދަލުވަމުންނެވެ. ތަރައްގީވަމުން ކުރިއަރަމުންނެވެ.

ގުއަންޓަނާމޯގެ ތަރައްގީއާއެކު އަހަރެމެންގެ ދިރިއުޅެމުން ވެސް ދިޔައީ އެކި ފިޔަވަހިތަކަކަށް ބެހި ބަދަލު ވަމުންނެވެ. ގުއަންޓަނާމޯގައި އެކިވައްތަރު ވައްތަރުގެ މުއާމަލާތަށާއި އަނިޔާތަކަށް ތަފާތު ނަންނަމުގައި ކޭމްޕްތައް ހަދާފައި ހުރެއެވެ. ކޭމްޕް އެކްސްރޭއާއި ކޭމްޕް ޑެލްޓާއެވެ. އަދި ކޭމްޕް 5، ކޭމްޕް 6، ކޭމްޕް އެކޯ ފަދަ ނަންނަމުގެ ކޭމްޕްތަކެވެ. ކޮންމެ ކޭމްޕަކީވެސް ތަފާތު ވައްތަރެއްގެ މުއާމަލާތަކާއި އަނިޔާއަކަށް ޚާއްސަ ވައްތަރެއްގެ ޒާތީ މިނިވަންކަމެއް ލިބިފައިވާ މުއައްސަސާއެކެވެ.

އެއިން ކޮންމެ ކޭމްޕެއްގައި އަހަރަމެންނަށް އަނިޔާ ކުރުމަށް ޚާއްސަ ވައްތަރެއްގެ ޕްރޮގްރާމުތަކެއް ރޭވިފައި ހުރެއެވެ. އެއީ ނިޒާމީ ސިފައެއްގައި އަނިޔާ ކުރުމަށް ރާވާފައިވާ ޕޮރޮގްރާމުތަކެކެވެ. އެ ޕްރޮގްރާމުތައް ރާވައި ދީފައި ވަނީ ނަފްސާނީ އިމްލުގެ މީހުންނާއި އެފަދަ އެހެން ދާއިރާތަކުން ޚާއްސަ މާހިރުންނެވެ. އެ ޕްރޮގްރާމުތަކުގެ އަހަރަމެން ދިޔައީ ގެންގުޅެމުންނެވެ.

އަހަރަމެންނާއެކު ތަހުގީގުކޮށް ސުއާލުކުރާނެ ގޮތްތައް އެ ޕްރޮގްރާމުތަކުގެ އަތްމަތީ ފޮތުގައި ބަޔާންކޮށްފައި ވެއެވެ. އަނިޔާ ކުރާނެ ގޮތްތައް ބަޔާން ކޮށްދެއެވެ. އެކަމުގައި ހަރަކާތްތެރިވާން ތިބީ ތަމްރީނުކޮށްފައިވާ ނަފްސާނީ އިލްމުގެ މާހިރުންނާއި އެއިން ކޮންމެ ކޭމްޕަކަށް ޚާއްސަ މުވައްޒަފުންގެ ޓީމަކުންނެވެ. އަހަރަމެންނަށް ކުރަން އޮތްހައިވެސް ކަމަކީ، އެމީހުންގެ ލާއިންސާނީ އަނިޔާތަކަށް ކެތް ކުރުމެވެ.

އަހަރަމެން ކެތް ކުރީމެވެ. އަހަރަމެން، ބަނޑުހައިހޫނުކަމުގެ ހަޅުތާލުތައްވެސް ކުރީމެވެ. އަނިޔާތަކާއި އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާވެސް ކުރީމެވެ. އަހަރަމެންގެ ދެކޮޅުވެރިކަން ދެއްކުމުގެ މުގާބިލުގައި އަހަރަމެންނަށް ލިބެމުން ދިޔައީ، އަނެއްކާވެސް އިތުރު ވޭނާއި އަނިޔާތަކެވެ. އެކަމަށްވެސް ކެތް ކުރީމެވެ. ދެންވެސް ހަމަ އެގޮތުގައި ކެތް ކުރީމެވެ.

ސީއައިއޭއާއި އެފްބީއައި އިން ކުރަމުން ދިޔަ އެންމެ ނުރައްކާތެރި އަނިޔާތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާތަކާއި ދީނަށް ނިކަމެތި ކުރުމުގެ އަނިޔާތަކެވެ. ޖިންސީ ގޯނާގެ އެތައް ވައްތަރެއް ބޭނުން ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޖިންސީ ގުނަވަނަށް އަނިޔާ ކުރުމާއި ނޫނީ ޖިންސީ ގުނަވަނަށް ގެއްލުމެއް ދީފާނެ ކަމުގެ އިންޒާރު ހިމެނެއެވެ. އަދި އަންހެނުން އޮރިޔާމުން ކުރިމަތީގައި އުޅުމާއި އެމީހުން ކުރިމަތީގައި ތިބެގެން އަމިއްލަ ނަފްސަށް ފާހިޝުއަމަލު ހިންގުން ހިމެނެއެވެ.

ދީނަށް ނިކަމެތި ކުރުމަށް ކުރާ އަނިޔާގެ ތެރޭގައި، އަންހެނުންގެ މައްސަރު ދުވަހުގެ ލޭ އަޅާފައިވާ ބާލިދީއަކަށް ކީރިތި ޤުރުއާން ވައްޓާލާނީތޯ ނުވަތަ ނޫންތޯ، އަސީރު އަމިއްލައަށް އިޚުތިޔާރު ކުރުމަށް މަޖުބުރު ކުރުން ހިމެނެއެވެ.

އޭގެ އިތުރުން އިސްލާމް ދީނުގައި ހަރާމު އަމަލުތަކާ ބެހޭ ގޮތުން ތަހުގީގު ކުރާން ތިބޭ އަންހެނުން ސުއާލު ކުރުންވެސް ހިމެނެއެވެ.

އަދި އަސީރުން ތަންތަނަށް ގޮވައިގެން ދިއުމުގައި އަންހެން ގާޑުން ބޭނުން ކުރުމާއި އަންހެން ގާޑުން ފިރިހެނުންގެ ގައިގައި އަތްލުންފަދަ އަމަލުތައް ހިންގުންވެސް ހިމެނެއެވެ. މިކަންކަމުގެ މަގްސަދަކީ މީހާ ނަފްސާނީ ގޮތުން ބަލިކަށިކޮށްލައި އެމީހާގެ އަމިއްލަ ނަފްސުގެ ގަދަރު ކުޑަކޮށް އޭނާގެ އަޤީދާގެ އަގު ވައްޓާލުމެވެ.

އަނިޔާތަކާ ދެކޮޅަށް ދިރިތިބީމު

އެމެރިކާއިން ކޮށްފައިވާ އަނިޔާތަކަކީ ޝަރީއަތުގެ މަޖިލިސްތަކާއި މިނިވަންވި އަސީރުން ލިޔެފައިވާ ފޮތްތަކުގައިއާއި އިންސާނީ ހައްގުތަކާ ބެހޭ ރިޕޯޓުތަކުގައި ލިސްޓުކޮށްފައިވާ އަނިޔާތަކެކެވެ.

އެމެރިކާ ސިފައިން، އަސީރުން 180 ގަޑި އިރުވަންދެން، އެއީ ހަތް ދުވަހާއި ބައި ވަންދެން، ނިދިން މަހުރޫމުކޮށްފައި ގޮނޑިއެއްގައި ބައިތިއްބާ ކަމަށްވެސް ޑޮކިއުމެންޓްކޮށްފައި ވެއެވެ.

އަސީރުން ގިނަ އިރުތަކެއް ވަންދެން ކޮއްޅަށް ބަތިއްބައެވެ. އެހެން ބައިތިއްބާ އިރު އެމީހުންގެ ބޮލުގައި އަތް ބަނދެފައި ބާއްވައެވެ.

އެއްވެސް ސިއްޙީ މައްސަލައެއް ނެތް ހިނދުވެސް ދިރި ބައިތިއްބުމަށް، ކާން ދިނުމުގެ ގޮތުން، ފުރަގަސްފަރާތުން އެމީހުންގެ ބަނޑަށް ކާނާ އަޅައި ހަދާފައި ވެއެވެ. އަދި ގަދަރު ކުޑަކޮށްލައި އިހާނެތިކޮށްލުމުގެ ގޮތުން ދޭތެރޭން ފުރަގަސް ފަރާތް ބަލައި ހަދާކަމަށްވެސް ޑޮކިއުމެންޓުކޮށްފައި ވެއެވެ.

އެމެރިކާއިން ނިޒާމީ ފެންވަރެއްގައި އުސޫލުތައް ކަނޑައަޅައި، އަހަރަމެންނަށް އަނިޔާ ކުރުމަށް އުފެއްދި ގުއަންޓަނާމޯ ޖަލުގައި އަހަރަމެން ދިރި ތިބީމުއެވެ. އެމެރިކާގެ އަނިޔާވެރި ނާމާން، ކަޅު އަހަރުތަކުގައިވެސް އަހަރަމެން ދިރިތިބީމުއެވެ.

ފާއިތުވަމުން ދިޔަ ކޮންމެ އަހަރަކާއެކު އަހަރެމެންގެ އުމުރަށް ދިޔައީ އަހަރެއް އިތުރު ވަމުންނެވެ. އަނަރޫފަކަމާއެކު އަހަރަމެންގެ މޫނުމައްޗަށް ރޫތައް އިތުރު ވަމުން ދިޔައެވެ. އަހަރަމެން ދިޔައީ، މުސްކުޅިވަމުންނެވެ.

އަހަރެމެންގެ އަނިޔާވެރި ޖައްލާދުންވެސް ދިޔައީ އެމީހުންގެ އަނިޔާގެ އަމަލުތަކާއި އުކުޅުތަކުގައި އިހުނަށްވުރެން ހުނަރުވެރި ވަމުންނެވެ. އަހަރަމެންނަށް އަނިޔާކޮށް، އަހަރަމެން ޖަނަވާރުންނަށް ބަދަލުކުރުމަށް އެމީހުން މަސައްކަތް ކުރިއެވެ. އެމެރިކާ ސިފައިންގެ އެ ތަތްގަނޑަކަށް އަހަރަމެން ނުފެއްތުނެވެ. އަހަރަމެންގެ އަގީދާ އަހަރަމެންގެ ޟަމީރަށް މަގު ދައްކައި ދިނެވެ.

ގުއަންޓަނާމޯގެ އަނިޔާވެރި އަނދިރި އަހަރުތަކުގައި ދިރި ތިބުމަށް، އަހަރެމެންނަށް ވާގި ލިބުނީ އެކަކު އަނެކެއްގެ ލޯއްބެވެ. އަހަރަމެން އަސީރުންގެ މެދުގައި އޮތް އަޚުވަންތަކަމުގެ ކުލުނެވެ. އަހަރަމެން އެކަކު އަނެކަކަށްޓަކައި އިންސާނުންނަށް ވާފަދަ ކޮންމެ އަމަލަކާއި މުއާމަލާތެއް ކުރީމެވެ.

އަހަރެމެންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަގަށް ނަގައިގެން ގެނަސްފައި ތިބި، ބައްޕައިންނާއި ފިރިންނާއި އަޚުންނާއި ދަރިންނެވެ. އަހަރަމެންގެ ތެރެއިން ބަޔެއް މީހުންނަކީ ޓީޗަރުންނެވެ. ޑޮކްޓަރުންނެވެ. ސިފައިންނާއި، ކޮމާންޑަރުންނާއި، ނޫސްވެރިންނާއި، ވަކީލުންނާއި، ޤަބީލާގެ ޒައީމުންނެވެ. މާފިޔާ ބޮޑުންނާއި ޅެންވެރިންނާއި، ޕްރޮފެސަރުންނެވެ. އަދި އަހަރަމެންގެ ތެރޭން ބައެއް މީހުންނަކީ ޖާސޫސުންނެވެ.

ގުއަންޓަނާމޯގެ ޖަލަށް އަހަރަމެން ގެނަސް އެތާނގައި އިންދުމުގެ ކުރިން އަހަރަމެންނަކީ އެކަކުއަނެކަކާ ބައްދަލުވެފައިވާ ބަޔެއް ނޫންމެއެވެ. އަހަރެމެންނަކީ އެކަކު އަނެކަކާ ހިއްސާކުރާ ދެވަނަ އެއްވެސް ކަމެއް އޮތް ބައެއް ނޫނީމެވެ. އަހަރަމެންގެ ތެރޭން ކޮންމެ މީހަކީވެސް ތަފާތު ދިރިއުޅުމެއްގައި ތަފާތު ސަގާފަތެއްގައި ތަފާތު މަސައްކަތެއްގައި އުޅުނު މީހެކެވެ.

އަހަރެމެން އެކަކު އަނެކަކަށް ފުރަތަމަ ފަހަރަށް ތަޢާރަފްވާން ފެށީވެސް ގުއަންޓަނާމޯއިންނެވެ. އަދި އެކަކު އަނެކަކު ދަނެގަނެ ދަސް ކުރެވުނީވެސް އެމެރިކާގެ މިއަނިޔާވެރި މުއައްސަސާގެ މި ޕްރޮޖެކްޓް ތެރޭންނެވެ.

އެމެރިކާއިން ބޭނުންވީ މުސްލިމު، ހަރުކަށި ޓެރަރިސްޓުންތަކެއް ތިބިކަން ދުނިޔެއަށް ސާބިތުކޮށްދޭށެވެ. ހަރުކަށި މުސްލިމު ޓެރަރިސްޓުންތަކެއްގެ ފުށުން ދުނިޔެއަށް ނުރައްކަލެއް އޮތްކަން ސާބިތުކޮށްދޭށެވެ. އެ ޓެރަރިސްޓުންނަކީ އަހަރަމެން ކަމަށް އެމެރިކާއިން ލޭބަލްކޮށް ދެއްކިއެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ އަހަރަމެންގެ ޖައްލާދުން އެންމެ ފަހަރަކުވެސް އަހަރަމެންގެ ގާތުން އަހަރަމެންނަކީ ކޮންބައެއް ކަން އަހައި ނުލައެވެ. އެމީހުން އަހަރަމެންނާ އެ ސުއާލު ކޮށްލާނެ ނަމައޭ އަބަދުވެސް ހިތަށް އަރަމުން ދިޔައެވެ. އެމީހުންގެ މޮޅު ނަފްސާނީ އިމްލާއި ތަމްރީނުތަކުގައި އެ ސުއާލު ކުރުން މަނާކޮށްފައި އޮތީ ބާވައެވެ؟

އަނިޔާތަކާއި، ހިތްދަތި އަހަރުތަކުގައި އަހަރެމެން ތަހައްމަލުކުރި އަނިޔާތަކުގެ ސަބަބުން އަހަރެމެންގެ ތެރޭން ކޮންމެ މީހަކުވެސް އެކަތައިގެ އަޒުމެއްގެ ވެރިއަކަށް ވިއެވެ. އެ ގޮތަށް ބައްޓަން ނުވި މީހުންގެ މަހާނަތައް މާދުރުނޫން ހިސާބެއްގައި އެހެރީ ފެންނާށެވެ. އަހަރަމެން ދިރި ދެމިތިބުމަށް ވާގިވެރިވީ އަޚުވަންތަކަމާއި އެކުވެރިކަމާއި އަގީދާގެ ސާބިތުކަމެވެ.

އަހަރަމެން އެންމެން، ގުއަންޓަނާމޯގައި އެއް ދިރިއުޅުމެއް ޙިއްސާކުރީމެވެ. އަހަރަމެން އެންމެންގެ އެތެރޭގައި އާ “އަހަރެމެން” ގެ ވިސްނުމެއް އުފެދުނެވެ. އެއީ، އަހަރެމެންގެ ސިކުނޑީގައި އާ ހަނދާންތަކާއި، ގުޅުންތަކާއި، ޢިލްމާއި، ތަޖުރިބާތައް ބައްޓަންވާން ފެށުމެކެވެ.

އެހުރިހައި ކަމެއް ވެސް ގުޅިފައި އޮތީ ގުއަންޓަނާމޯގެ ހަޔާތުގެ ދުވަސްތަކާއެވެ. އެ ހުރިހައި ކަމެއްވެސް ބިނާވެފައި އޮތީ ގުއަންޓަނާމޯގެ ވޭނީ ދިރިއުޅުމުގެ މައްޗަށެވެ.

އަހަރެމެންގެ ޢިލްމާއި ތަޖުރިބާއާއި ސަގާފަތް އެކަކު އަނެކަކާ ހިއްސާ ކުރީމެވެ. އެކަމުން އުފެދުނީ ތަފާތު ތަޖުރިބާތަކެވެ.

އަހަރަމެން އެކި ބަސްބަހުން ލަވަތައް ކިޔައި ހެދީމެވެ. އެކި ސަގާފަތްތަކުގެ ނެށުންތަކަށް ނަށައި، އެކުގައި ހީހީފައި ރޮއެ ހެދީމެވެ. އަހަރަމެންގެ ޚިޔާލުގައި އަހަރަމެން ބިނާ ކުރީ ޚިޔާލީ ރީތި ގުއަންޓަނާމޯ އެކެވެ.

އަހަރުތަކަކަށްފަހު އަހަރެމެން އެންމެން އެކުގައި އުމުރުގެ ދުވަސްތައް ފާއިތުކޮށް، އެކަކު އަނެކެއްގެ ދިރިއުޅުމާއި ހަނދާންތަކުގެ ބަޔަކަށް ވެގެން ދިޔައީއެވެ. ގުއަންޓަނާމޯ ވެގެން ދިޔައީ އަހަރެމެންގެ ބަޔަކަށެވެ. އަދި އަހަރަމެން ވެގެން ދިޔައީ ގުއަންޓަނާމޯގެ ބަޔަކަށެވެ.

ގުއަންޓަނާމޯއަކީ އަޚުލާގުގެ ގަބުރުސްތާނެކެވެ. ގުއަންޓަނާމޯއަކީ އިންސާނީ ހުރިހައި އަގުތަކެއްގެ ބްލެކް ހޯލެވެ. އެއީ ނާމާން ތަނެކެވެ. ސުންޕާ ތަނެކެވެ.  ގުއަންޓަނާމޯއަށް ފޭބި ކޮންމެ މީހަކުވެސް ގުއަންޓަނާމޯގެ ޝިކާރައަކަށް ވިއެވެ.

އަހަރަމެން އެކަންޏެއް ނޫނެވެ! އެމެރިކާ ސިފައިންވެސް ގުއަންޓަނާމޯގެ ޝިކާރައަކަށް ވިއެވެ! އަނިޔާ ކުރުމުގެ ޕްރޮގްރާމުތައް ހިނގާ ނުހިނގާ ގޮތް ބެލުމަށާއި އެ އަނިޔާގެ ޕްރޮގްރާމުތައް މުރާޖައާ ކުރުމަށް ޒިޔާރަތް ކުރި ނަފްސާނީ އިލްމުވެރިންނާއި ސައިންޓިސްޓުންނާއި އިލްމުވެރިންނާއި މާހިރުންވެސް ނާމާން ގުއަންޓަނާމޯގެ ޝިކާރައަކަށް ވިއެވެ!

މުޅި އެމެރިކާ އޮތީ ގުއަންޓަނާމޯގެ ޝިކާރައަކަށް ވެފައެވެ. ހަގީގަތުގައިވެސް އެއީ، އެމެރިކާއިން ދުނިޔެއަށް ވިއްކި ޑިމޮކްރެސީއާއި އިންސާނީ ހައްގާއި އެމެރިކާގެ އިންސާފުގެ އަގުތަކާއި އެމެރިކާގެ އިންސާފުގެ ނިޒާމުގެ ގަބުރުސްތާނެވެ! ކަށްބިމެވެ!

އެއީ، އަމްބަރުޓޯ އެމެރިގޯގެ ނަމަށް ނިސްބަތްކޮށް ނަންދީފައިވާ އެމެރިކާގެ އެފަސްގަނޑުގައި އެތައް ހާސް އަހަރެއް ވަންދެން ވަޒަންވެރިވެގެން ދިރިއުޅުނު އިންސާނުންގެ ކަށްބޯތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މަންހޫސް ނިޒާމެއްގެ ރަމްޒެކެވެ.

އެމެރިކާގެ އެ އަނިޔާވެރި ޖަލުގައި ވަޒީފާތަކަށް އެމެރިކާގެ އެތައް ބަޔަކު އައިސްގޮސް ހެއްޖެވެ. އެއިން ބަޔެއް މީހުން ވަޒީފާ އަދާ ކުރީ އެމީހުންގެ އިންސާނިއްޔަތުކަމުން އެކަހެރިވެ ތިބެގެންނެވެ.

އެކަމަކު އެހެން ބައެއް އެމީހުންނަކީ އެމީހުންގެ ވަޒީފާ އަދާކުރުމުގައި އަހަރެމެންނާ މެދު ލާއިންސާނީ އުސޫލުން އިހާނެތިކޮށް ކަންތައް ކުރާން ބޭނުން ނުވި މީހުންނެވެ. އެމީހުން އަނިޔާ ކުރުމާ ދެކޮޅު ހެއްޖެވެ. އެހެންވެ، އެމީހުން ވެސް ވެގެން ދިޔައީ ގުއަންޓަނާމޯގެ ޝިކާރަ އަކަށެވެ.

އަހަރަމެން ވަގަށް ނަގައި، އަސީރު ކުރި ޖައްލާދުންގެ ތެރޭން ބަޔަކަށް ﷲ ތެދުމަގު ދެއްކެވިއެވެ. އަހަރަމެންގެ ދީނީ އަގީދާގެ ވަރުގަދަކަން ފެނިގެން އެތައް ބަޔަކު އިސްލާމް ވިއެވެ. އެއީ މިހާރުވެސް އަހަރަމެންގެ ރަޙުމަތްތެރިންނެވެ. އަޚުންނެވެ. އެހެންވެ، އެމީހުންވެސް ވެގެން ދިޔައީ ގުއަންޓަނާމޯގެ ޝިކާރަ އަކަށެވެ.

އަހަރަމެންނަށް އަނިޔާ ކުރަން ގެނައި ބައެއް މީހުން ނިޒާމާ ދެކޮޅަށް ތެދުވިއެވެ. ވެރިންގެ އަމުރަށް ނުކިޔަމަންތެރިވެގެން ޖަލަށްލެވުނެވެ. އެހެންވެ، އެމީހުންވެސް ވެގެން ދިޔައީ ގުއަންޓަނާމޯގެ ޝިކާރަ އަކަށެވެ.

އަހަރަމެންނަށް އަނިޔާ ކުރަން ދެކޮޅުހެދި އެހެން އެތައް ބަޔަކު ވަޒީފާއިން ވަކިކުރިއެވެ. ނުވަތަ ޑިމޯޓް ކުރި އެވެ. އެހެންވެ، އެމީހުންވެސް ވެގެން ދިޔައީ ގުއަންޓަނާމޯގެ ޝިކާރަ އަކަށެވެ.

އަހަރަމެން އެކަކު އަނެކަކަށްޓަކައި އަނިޔާވެރިކަމާ ދެކޮޅަށް ހަނގުރާމަކުރީމެވެ. އަހަރެމެން ގުއަންޓަނާމޯގައި ކެތްކުރި އަނިޔާކާއި ވޭންތަކަކީ އެހެން އިންސާނަކު، ދުވަހަކުވެސް އިޙުސާސް ކުރަން އަހަރަމެން ބޭނުންވާނެ ތަޖުރިބާއެއް ނޫނެވެ.

މީލާދީ ސަނަތުން 2002ން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ގުއަންޓަނާމޯގެ އަނދިރި ނާމާން ޒަމާނުގެ ތެރޭގައި އަހަރަމެން މުޒާހަރާކޮށް، ބަނޑުހައިހޫނުކަމުގެ ހަޅުތާލުތައް ކޮށް، ހަދައި އުޅުނީމެވެ. އެންމެން އެއް ބަސް ކިޔައިގެންނެވެ.

އަހަރެމެން އެކަކު އަނެކަކުގެ ކިބައިން ކަންކަން ދަސްކުރީމެވެ. އަދި އެކަކު އަނެކަކަށް ކަންކަން ދަސްކޮށް ދިނީމެވެ. އަނިޔާ ލިބުނަސް އެއީ އަހަރަމެންނަށް ކަންކަން ދަސްކުރުމަށް ރަނުގެ ފުރުސަތެކެވެ. އަހަރަމެން އެކަކު އަނެކެއްގެ ގާތުން އިނގިރޭސި ބަސް ދަސް ކުރީމެވެ. ފަންނުތައް ދަސްކުރީމެވެ. ކުރަހައި ހެދީމެވެ. ބޯޓުތަކާއި، އަލަމާރިތަކާއި ގަސްތައް ވެސް ހަދައި އުޅުނީމެވެ. މިހުރިހާ އެއްޗެއް ވެސް ހެދީ އުކާލާފައި ހުންނަ ކާޑުބޯޑުތަކުންނެވެ.

އަހަރެން ފިރިހެނަކަށްވި

ގުއަންޓަނާމޯގެ އަހަރުތަކުގައި އަހަރެން ފުރާ ފުރިހަމަވިއެވެ. ގުއަންޓަނާމޯގައި އަހަރެން ބަންދުކޮށްފައި ހުރި ކޮށީގައި އަހަރެން، ޒުވާން ފިރިހެނަކަށް ވިއެވެ. ގުއަންޓަނާމޯއަކީ އަހަރެންގެ ދިރިއުޅުގެ ބައެކެވެ. އަހަރެންގެ އުމުރުގެ ދެބައިކުޅަ އެއްބައި ހޭދަކުރަން އަހަރެންނަށް މަޖުބޫރުވީ ގުއަންޓަނާމޯ ގައެވެ. ދުވަސްތަކާއި މަސްތަކާއި އަހަރުތަކެއް، އެތާނގައި އަހަރެން ވޭތި ކުރީމެވެ.

އުމުރުން 18 އަހަރުގައި ގެނައި ގޮތަށް، ގާތްގަނޑަކަށް 15 އަހަރު ފަހުން ގުއަންޓަނާމޯ ދޫކޮށް ދާން އަހަރެންނަށް މަޖުބޫރު ކުރީއެވެ. އެތަނުން އަހަރެން ބޭރުކުރީ އަހަރެން އެތަނަށް ގެންދިޔަ ގޮތަށެވެ.

ބަސްތާއެއްގެ އިއްޒަތުގައެވެ. ބޮލަށް ކޮތަޅެއް މަހާލައިގެންނެވެ. އަތްފައިގައި ބިޑިއަޅުވައި ކަނު ބަނދެގެންނެވެ.

އަހަރެންނަށް އަނިޔާ ކުރުމުގެ މައްސަކަތާ ހަވާލުވެ ތިބި ޖައްލާދުން އަހަރެން ދޫކޮށްލާ ވާހަކަ ކިޔައިދޭން އައިސް އަހަރެންގެ ގާތު ބުންޏެވެ! “ކަލެއަށް މިތަނުން ދިއުން ނޫން އިތުރު ގޮތެއް ނެތް” އަހަރެން ވަގަށް ނަގައިގެން ގެނައީ ކިއްކުރަން ވާބައޭ އެއިރުވެސް އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ހުރީ ގުއަންޓަނާމޯގައި ކޮށީގައި ދިރުއުޅުމެއް ބިނާކޮށްގެންނެވެ. ގުއަންޓަނާމޯ އަކީ އަހަރެންގެ ހަޔާތުގެ ބައެއް ކަމުގައި ބަލައިގެންނެވެ. އަހަރެން ހުރީ ދިރިއުޅުމުގެ މިނިޒާމަށް ބަދަލެއް ނުގެންނާން ނިންމައިގެންނެވެ. އެމެރިކާ އޮތީ ހަތުރުވެރިކަމުގައި ހައްދުފަހަނައަޅައި ގޮސް ބަދަލެއް ގެންނާން ބޭނުން ނުވާ ހާލަތެއްގައެވެ. ގުއަންޓަނާމޯއަކީ އަހަރެންގެ ހަޔާތުގެ ބަޔެއް ކަމަށާއި އަހަރެންނަކީ ގުއަންޓަނާމޯގެ ބައެއް ކަމަށް އަހަރެން ހުރީ ކަނޑައަޅައިގެންނެވެ.

ގުއަންޓަނާމޯއަކީ އިންސާނިއްޔަތުގައި ޖެހުނު ހުތުރު ލައްގަނޑެއްކަމަށް މުޅި ދުނިޔެ ހެކިވާނެއެވެ. އެމެރިކާގެ ރައީސް ބުޝްގެ ދަރިފަސްކޮޅަށްވެސް ލައުނަތް ލިބޭނެފަދަ ލައްގަނޑެކެވެ. 21 ވަނަ ގަރުނުގެ އިންސާނީ ހައްގުތަކާ ޚިލާފުވެ، ބަޔެއްގެ ހައްގުތައް ގަނޑުކޮށް ނިގުޅައި ގަތުމުގެ ބޮޑު ޕްރޮޖެކްޓެކެވެ.

ބުޝްގެ ގުއަންޓަނާމޯ ޖަލުގައި އަހަރަމެންނަށް އަނިޔާކުރިއެވެ. އަހަރަމެންނަށް އަނިޔާކުރި މީހުން އެމީހުން އަނިޔާގައި ހޭދަކުރި ވަގުތުތަކާއި އެމީހުން އަނިޔާ ކުރި ގޮތުގެ މޮޅުކަމުގެ ވާހަކަ ފޮނިކަނޑަމުން އަދިވެސް ދުނިޔެއަށް ކިޔައި ދެމުން ދެއެވެ.

އަހަރެންގެ ސިކުނޑީގައި މި ހުރިހާ ހަނދާންތަކެއް އަދިވެސް ބިންވަޅު ނެގިފައި ވެއެވެ. ގުއަންޓަނާމޯ އަދި އަހަރެންނާ ވަކިވެފައެއް ނުވެއެވެ. އަހަރެން މި ފޮޅުވައްތައް ލިޔަމުންދާއިރު މިއަދުވެސް ގުއަންޓަނާމޯގައި ވަގަށް ނަގާފައިވާ 34 ފިރިހެނުން އަނިޔާގައި ދުވަސްތައް ހޭދަކުރަމުން އެބަ ދެއެވެ.

އޭގެ ތެރެއިން 20 އަސީރަކު ވަނީ ދޫކޮށްލުމަށް ހުއްދަ ލިސްޓުގައި ހިމަނާފައެވެ.

އެމެރިކާގެ އިންސާނީ ހައްގުތަކުގެ މި ނާމާން މަރުކަޒު ބަންދުކުރުމަށް ގިނަ ބަޔަކު ގޮވާލަ އެވެ.

އަހަރަމެންނަށް ގުއަންޓަނާމޯ ބަންދުކުރުމުގެ މާނައަކީ ހަމައެކަނި އެއަނިޔާވެރި ޖަލު ބަންދުކުރުމެއް ނޫނެވެ. އަހަރަމެން ބޭނުން ވަނީ އެތަނުގައި އެމެރިކާއިން އަހަރަމެންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާވެރި ކަންކަމަށް އެގައުމުގެ ވެރިންނާއި މުއައްސަސާތައް ފުރިހަމަ ޖަވާބުދާރީ ކުރުވުމެވެ. އެކަންކަމުގެ ތަހުގީގެއް ހިންގައި އެމެރިކާ ޖަވާބުދާރީ ކުރުވުމުވެ.

އެމެރިކާއިން ހިންގި އަނިޔާވެރި އަދި ލާއިންސާނީ އަމަލުތަކަށް އިއުތިރާފުވާން ޖެހެއެވެ. ދެފުށް ފެންނަ އަދި ހިފެހެއްޓުމެއް ނެތް މައާފަށް އެދުމަކުން އެމެރިކާއިން މައާފަށް އެދެން ޖެހެއެވެ. އެމެރިކާގެ ގުއަންޓަނާމޯގެ އަނިޔާގެ ޝިކާރައަކަށްވި މީހުންނަށް ބަދަލު ދޭން ޖެހެއެވެ. އެމެރިކާގެ ގުއަންޓަނާމޯ ރަމްޒުކޮށް ދެނީ އަނިޔާވެރިކަމާއި، ޤާނޫނުގެ ބާރު ނެތް ޖަންގަލީގެ ނިޒާމެކެވެ.

ގުއަންޓަނާމޯއިން ދައްކައި ދެނީ އިންސާނީ އަގުތަކާއި ޚިލާފުވެ، އެމެރިކާ އަމިއްލަ އަނިޔާވެރިކަމުގެ އަސީރަކަށް ވެފައިވާ ކަމެވެ. ޚުދު އެމެރިކާގެ ތާރީޚަކީ ގުއަންޓަނާމޯގެ އެންމެ ބޮޑު އަސީރެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް

ގުއަންޓަނާމޯގައި ހިންގަމުންދާ އަނިޔާތަކާ ބެހޭ ގޮތުން އެމްނެސްޓީ އިންޓަރނޭޝަނަލް އިން 2021 ވަނަ އަހަރު ތަފްސީލީ ރިޕޯޓެއް ޝާއިއުކޮށްފައި ވެއެވެ. އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވަނީ އަސީރުން ބޭސްފަރުވާއިން މަހުރޫމު ކޮށްފައިވާ ކަމަށާއި އިންސާފުވެރި ޝަރީއަތަކާ ނުލައި މުއްދަތެއް ނެތް ގޮތަށް އެތާގައި މީހުން ބަންދުކޮށް އަނިޔާކުރަމުން ގެންދާ ކަމަށެވެ. އެމްނެސްޓީން ބުނެފައި ވަނީ އެތާގައި ތިބި އަސީރުންގެ ހާލަތު ވަރަށް ދެރަވަރު ކަމަށެވެ. އެތާގައި އެމެރިކާއިން ހިންގާ އަނިޔާ ކުރުމުގެ ކަންކަން ލިސްޓު ކުރަމުން ބުނެފައި ވަނީ މީހުންގެ ހިއްސުތައް އައްސިކުރާ ކަމަށާއި މުއްދަތަކަށް ނިދިން މަހުރޫމު ކުރާ ކަމަށާއި އެހެން މީހުންނާ އެކަހެރިކޮށް ޒަމާނަކަށް އަސީރުން ގެންގުޅޭ ކަމަށެވެ.

ޑިސެމްބަރު 2023 އާ ހަމައަށް ބަލާއިރު، 2002 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ގުއަންޓަނާމޯގައި 799 މީހުން ބައްދު ކުރިއެވެ. އެ އަނިޔާ ދިނުމުގެ މަރުކަޒު އިފްތިތާހު ކުރީ 11 ސެޕްޓެމްބަރުގެ ހަމަލައަށް ފަހުއެވެ. އެތަނުން 740 މީހުން ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. އަދިވެސް 30 މީހަކާ މެދު ޝަރީއަތެއް ނުހިންގައި ގޮތެއް ނުނިންމައި އަނިޔާވެރިކަމުގައި ބައިތިއްބާފައި ވެއެވެ. އެމެރިކާގެ އަނިޔާގައި 9 މީހެއްގެ ފުރާނައެއް ގެއްލިފައި ވެއެވެ.

ގުއަންޓަނާމޯގައި އެމެރިކާގެ އަނިޔާއިން މަރުވެފައިވާ މީހުންގެ އަދަދު ހުކުމަކުން ކުށްވެރިން ކަމަށް ކަނޑައެޅުނު މީހުންގެ އަދަދަށްވުރެން ގިނައެވެ. އެ ތާގެ ތާރީޚުގައި ކުށްވެރިން ކަމަށް ކަނޑައަޅާފައި ވަނީ އެންމެ 8 މީހެކެވެ. އެއިން 4 މީހަކު ވަނީ އިސްތިއުނާފުގައި ކުށުން ބަރީއަ ކޮށްފައެވެ. އަނިޔާއަށް ކެތް ނުވެގެން މަރުވި މީހުންގެ އަދަދު 9 އަށް އަރައެވެ.

ގުއަންޓަނާމޯގައި އެމެރިކާއިން ވަނީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފްވެފައެވެ. އެތާގައި މީހުންނަށް ކުރާ އަނިޔާގައި، ގާނޫނާ ޚިލާފަށް ހުކުމެއް، އަމުރެއް ނެތި، މުއްދަތެއް ނެތް ގޮތަށް މީހުން އަސީރުކޮށްފައި ބޭތިއްބުން ހިމެނެއެވެ. އަދި އަނިޔާ ކުރުމާއި ލާއިންސާނީ ހާލަތްތަކުގައި މީހުން ގެންގުޅުމާއި، ގާނޫނުގައި އަސްލެއް ނެތް އަސްކަރީ ޝަރީއަތްތައް ކުރުން ހިމެނެއެވެ. އެމެރިކާގެ މި ލާއިންސާނީ ގާނޫނާ ޚިލާފު އަމަލުތައް ބެލޭނެ ގޮތެއް ނެތެވެ.

ގުއަންޓަނާމޯގައި އެމެރިކާއިން ވަގަށް ނަގާފައިވާ އަސީރުން ބައިތިއްބާފައި ވަނީ، އެމެރިކާގެ ގާނޫނާއި ބައިނަލްއަގްވާމީ ގާނޫނުވެސް އެތަނަކަށް ނުހިނގާފަދަ ތަނެއްގައެވެ. ގުއަންޓަނާމޯގައި އެމެރިކާއިން ހިންގާ އަނިޔާ ކުރުމުގެ މަރުކަޒުތަކަކީ، އިންސާނީ ހައްގުގެ ހުރިހައި އުސޫލަކާ ޚިލާފަށް ޓެރަރިޒަމާ ދެކޮޅަށް ހިންގާ މަސައްކަތެއްކަމަށް ބުނެ، މުސްލިމުން ބަލިކޮށްލުމަށް އެމެރިކާއިން ހިންގާ ބޮޑު މަޝްރޫއެއްގެ ބައެކެވެ.

ޑޭވިޑް ހިކްސް

އަފްޣާނިސްތާނުގައި އެމެރިކާއިން ވަގަށް ނެގި އޮސްޓްރޭލިއާގެ ޑޭވިޑް ހިކްސްއަކީ އަފްޣާނިސްތާންގެ ނޯދަން އެލައެންސް ހަނގުރާމަވެރިން 5ހާސް އެމެރިކާ ޑޮލަރަށް ވިއްކާލި މީހެކެވެ. ގުއަންޓަނާމޯގައި އަނިޔާއަށް ކެތް ނުކުރެވިގެން އޭނާ ވަނީ މުރުތައްދުވެފައި، އެމެރިކާގެ ސަރުކާރުގެ ހެއްކަކަށް ބަދަލުވެގެންފައެވެ.

އޭނާ ވަނީ ގުއަންޓަނާމޯގައި އަނިޔާ ކުރާގޮތްތައް ކިޔައިދީފައެވެ. އޭނާ ލިޔުނު އަމިއްލަ ތަޖުރިބާއާ ބެހޭ ފޮތުގައި އެވާހަކަތައް ބަޔާންކޮށްފައި ވެއެވެ. އަދި އޭނާގެ ބައްޕަވެސް ވަނީ އޭނާއަށް އަނިޔާކޮށްފައިވާ ގޮތްތައް އޮސްޓްރޭލިއާ މީޑިއާއަށް ކިޔައިދީފައެވެ.

ހިކްސް ބުނެފައި ވަނީ،

  • ކަނު ބަނދެފައި ބިޑި އަޅުވާފައި ބަހައްޓައިގެން އަނިޔާ ކުރާ ކަމަށާއި
  • ގޮތް ނޭނގޭ ބޭސްތައް ގަދަކަމުން ކާންދޭ ކަމަށާއި
  • ރުހުމާ ނުލައި ގަދަކަމުން އިންޖިކުޝަން ޖަހާ ކަމަށާއި
  • ހޭނައްތާފައި ބާވާފައި އޮންނަ އިރުވެސް ބޮލުގައި ތަޅާ ކަމަށާއި
  • އަތްފައިގައި ހިލިހިލާ ޖަހާފައި ހުންނަ އިރުވެސް ދުވަން މަޖުބޫރު ކުރުވާ ކަމަށާއި
  • އަސީރުން ނިދިން މަރޫމުކޮށްފައި ގިނަ ވަގުތު ބޭއްވުމަށް ސިޔާސަތެއް ކަނޑައަޅާފައި އޮންނަ ކަމަށާއި އެ ގޮތަށް މީހުންނާ މެދު ކަންކުރާ ކަމަށާއި
  • އެމެރިކާގެ ގާޑުން ފުރަގަސްފަރާތަށް ގަދަކަމުން ޖިންސީ ގޯނާ ކުރާކަމަށާއި
  • ކުއްތާތައް ލައްވައި ގައިދީންނަށް ހަމަލަ ދޭކަމަށެވެ.

އުސާމާ ހަމްދާންގެ ޝަރީއަތް

ގުއަންތަނާމޯގައި އެމެރިކާއިން ނިޒާމީ ސިފައެއްގައި ވަގަށް ނަގާފައިވާ އަސީރުންނަށް ކުރާ އަނިޔާތައް ފާޅުކޮށް ޝަރީއަތުގެ މަޖިލީހުގައި ބޭޒާރުކޮށްފައި ވަނީ އެމެރިކާގެ ސުޕްރީމް ކޯޓުން ބެލި 2006ގެ ހަމްދާން ވާސަސް ރަމްސްފެލްޑް މައްސަލާގައެވެ. އެމެމެރިކާ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ބުޝްގެ ސަރުކާރުން ގުއަންޓަނާމޯ ގައި އުފެއްދި އެމެރިކާގެ އަސްކަރީ ޝަރީއަތުގެ މަޖިލިސްތަކަކީ، އެމެރިކާގެ މިލިޓަރީ ޖަސްޓިސްގެ އުސޫލުތަކާއި، އެމެރިކާއިން ސޮއިކޮށްފައިވާ ޖެނީވާ ކޮންވެންޝަންއާ ޚިލާފު ކަންތައްތަކެއް ކަމަށެވެ.

އެމެރިކާއިން ވަގަށް ނަގައިގެން ގެންދިޔަ ޔަމަނުގެ އަސީރު އުސާމާ އަހްމަދު ހަމްދާން ދައުވާ ކޮށްފައި ވަނީ އެމެރިކާގެ އެއިރުގެ ދިފާއީ ވަޒީރު ރަމްސްފެލްޑާއި އަސްކަރީ އިސް މަސްއޫލުވެރިންނާއި އެމެރިކާގެ ރައީސް ބުޝްއާ ދެކޮޅަށެވެ.

ހަމްދާނަކީ އުސާމާ ބުންލާދަންގެ ޑްރައިވަރެވެ. އޭނާ ބުނެފައި ވަނީ އޭނާ ޑްރައިވަރެއްގެ ވަޒީފާ އަދާކުރީ ފައިސާގެ މުގާބިލުގައި ކަމަށެވެ. އަދި އޭނާ ވަނީ އެމެރިކާގެ ފަރާތްތަކުން ބޭނުންވާ މައުލޫމާތު އޭނާއަށް އެނގި ހުރި މިންވަރަކުން ކިޔައިދޭންވެސް އެއްބަސްވެފައެވެ. ނަމަވެސް އޭނާ އެމީހުންނަށް މައުލޫމާތު ދެމުން ދިޔައިރުވެސް އޭނާއަށް އަނިޔާ ކުރުމުން އޭނާ ވަނީ އެމެރިކާއާ މުއާމަލާތު ނުކުރާން ނިންމައި ހަޅުތާލުކޮށްފައެވެ. ހަމްދާން ވަނީ ތުހުމަތުތަކުން ބަރީއަ ކޮށްފައެވެ.

މި ފޮތުގެ ފިހުރިސްތު:

މިސްރުގެ އަލްޤައިދާ ޖެނެރަލެއް 3

ކުއްތާތަކުގެ ވައްވައް ޖެހުން. 5

ޕްރޮސެސިންގ ސްޓޭޝަން. 7

ކަނުއަނދިރީގައި 9

އަނިޔާކޮށް ސިއްކަ ޖަހާފައި ތިބި މޫނުތަކެއް 11

އެމެރިކާގެ ފަސްގަނޑުން ބޭރުގައި އަނިޔާ 12

އަހަރަމެނަށް ހިތްވަރު ދިން ރަހުމަތްތެރިން. 14

އަނިޔާތަކާ ދެކޮޅަށް ދިރިތިބީމު 16

އަހަރެން ފިރިހެނަކަށްވި 20

މި ފޮތަކީ ތަރުޖަމާއެއް 2023

މި ފޮތް ބޭނުން ވަސީޅސަތެއް މެދުވެރިކޮށް ބޭނުން ގޮތަކަށް އަނެކުންނާ ހިލޭ ސާބަހަށް ޙިއްޞާ ކުރުމަށް ކޮންމެ މީހަކަށްވެސް ހައްގު ލިބިގެންވެއެވެ.

ހިއްސާ ކުރައްވާ!