ތައިލެންޑްގައި ބަންދުކޮށްފައިވާ މުސްލިމުން ބޭރު ނުކުރުމަށް އެދެފި

ތައިލެންޑްގައި ބަންދުކޮށްފައިވާ އުއިގުރު މުސްލިމުން ޗައިނާއަށް އަނބުރާ ފޮނުވާ ނުލުމަށް ތައިލެންޑްގެ ސަރުކާރަށް އުއިގޫރު މީހުން ދަނީ އާދޭސް ކުރަމުންނެވެ. ދިހަ އަހަރަށްވުރެ ގިނަ ދުވަހު ތާއިލެންޑްގައި ބަންދުކޮށްފައިވާ 48 ފިރިހެނުން އަނބުރާ ފޮނުވާލަން ތައިލެންޑް ސަރުކާރުން ނިންމާފައުވާ ކަމަށް އެމީހުންގެ އާއިލާތަކުން ބުނެއެވެ.

އާއިމާ މީހުންގެ އިތުރުން، އދ.ގެ މާހިރުންގެ ޕެނަލްއަކުން މިހަފްތާގައި ތައިލެންޑަށް ގޮވާލާފައިވަނީ "މި މީހުން އަނބުރާ ފޮނުވާލުން ވަގުތުން ހުއްޓާލުމަށެވެ." އަދި އެ މީހުން އަނބުރާ ފޮނުވާލައިފިނަމަ "އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުތަކާ ކުރިމަތިލާން ޖެހިދާނެ" ކަމަށް ވެސް އިންޒާރުކޮށްފައި ވެއެވެ.

ޗައިނާއިން ޝިންޖިއާންގައި ގިނަ އަދަދެއްގެ މުސްލިމުން އިސްލާހިއްޔާގައި ބަންދުކޮށްގެން ގެންގުޅޭކަމަށް އދއާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެއެވެ. ނަމަވެސް ޗައިނާއިން އެކަން ދޮގު ކުރެއެވެ.

ތައިލެންޑް ސަރުކާރުން ވަނީ މި މީހުންގެ ގާތު، ޖެނުއަރީ 10 ގައި "އަމިއްލަ އިޚްތިޔާރުގައި އަނބުރާ ދަނީ" ކަމަށް ބަޔާން  ކުރާ ލިޔުންތަކުގައި ސޮއިކުރަން އަންގާފައެވެ. ނަމަވެސް އެމީހުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

ފަހުން ތާއި މަސްއޫލުވެރިން ވަނީ އުއިގުރު މުސްލިމުން އަނބުރާ ފޮނުވާލަން ރާވާފައި ނުވާ ކަމަށް ބުނެފައެވެ. އަދި ޗައިނާގެ ފޮރިން މިނިސްޓްރީން ވެސް މި މައްސަލައާމެދު އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް ޗައިނާއިން ބުނެފައިވަނީ "ގަވާއިދާ ޚިލާފަށް ހިޖުރަ ކުރުމަށް ހިތްވަރުދިނުން ނުވަތަ އެކަމަށް އެއްބާރުލުން ދިނުމަށް" ޗައިނާއިން އުސޫލެއްގެ މަތިން އިދިކޮޅު ހަދާ ކަމަށެވެ.

ތައިލެންޑްގައި ހުރި ޗައިނާގެ އެމްބަސީން ބުނެފައިވަނީ ތާއިލެންޑްގައި ބަންދުކޮށްފައިވާ އުއިގުރު މީހުންނާ ބެހޭގޮތުން "ދޮގު ވާހަކަތަކެއް ފެތުރެމުންދާ" ކަމަށެވެ. ނަމަވެސް، ބެންކޮކްގެ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރެއްގައި ބަންދުކޮށްފައިވާ އުއިގޫރު މީހެއްކަމަށްވާ އާދިލްގެ ބޮޑު ބޭބެ ޔޫސުފްއާ ހަވާލާ ދީ ގާޑިއަން ނޫހުން ބުނެފައިވަނީ މި މީހުންނަކީ "ދުނިޔެ އިން އެމީހުން މަތިން ހަނދާން ނައްތާލާފައިވާ" ބައެއް ކަމަށެވެ.

"ޗައިނާގެ ސަރުކާރުން ބޭނުމެއް ނުވޭ އެމީހުންގެ ވާހަކަތައް ދުނިޔެއަށް އިއްވާކަށް،" 2016 ވަނަ އަހަރު ޗައިނާއިން ފުރައިގެން ދިޔަ ޔޫސުފް ބުންޏެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް