އިސްލާމްދީނަށް ފުރައްސާރަކޮށް ގުރުއާން އަންދާލުމުގެ އަމަލުތަކާ ގުޅިގެން ޝަރީއަތް ހިންގުމަށް ތައްޔާރުވަމުންދަނިކޮށް، ސްވިޑެންގެ އެކްޓިވިސްޓް ސަލްވާން މޫމިކާ (38 އަހަރު) ގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ ޖެނުއަރީ 29 ވަނަ ދުވަހުގެ ރޭ، ހޮވްސްޖޯ ޑިސްޓްރިކްޓްގެ ސޮޑަރޓަލްޖޭގައި ހުންނަ އޭނާގެ އެޕާޓްމަންޓްގައެވެ.
އިރާގުގެ ކްރިސްޓިއަން އިމިގްރެންޓެއް ކަމަށްވާ މޫމިކާ މަރުވި ވަގުތު ހުރީ ޓިކްޓޮކްގައި ލައިވް ސްޓްރީމެއްގައެވެ. ސްވިޑެންގެ މީޑިއާން ރިޕޯޓުކުރާ ގޮތުގައި އޭނާގެ ގަޔަށް ބަޑިޖަހައި ނައްތާލާފައިވަނީ އެޕާޓްމަންޓްގެ ތެރޭގައެވެ. ނަމަވެސް އެކަން ކުރި ފަރާތެއް ނޭގެއެވެ.
ސްޓޮކްހޯމް ރީޖަންގެ ފުލުހުން ބުނާ ގޮތުގައި ބަޑިޖެހުމުގެ ރިޕޯޓު ލިބުމާ ގުޅިގެން ފުލުހުން އެތަނަށް ދިޔައެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގާފައިވަނީ ގުރުއާނު އަންދާލުމުގެ އަމަލުތަކާއި މުސްލިމުންނަށް ނަފްރަތު އުފެއްދުމުގެ މައްސަލައެއްގައި މޫމިކާގެ މައްޗަށް ހުކުމެއް އިއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

