ދިވެހިންގެ އަޚްލާޤުން ހައިރާންވި އިޓަލީ ފަތުރުވެރިޔަކު އިސްލާމްވެއްޖެ

ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރި އިޓަލީގެ ފަތުރުވެރިއަކު، ދިވެހިންގެ މަތިވެރި އަޚްލާޤާއި އިންސާނިއްޔަތުކަމުގެ ސަބަބުން އިސްލާމްދީން ޤަބޫލުކޮށްފިއެވެ.

މި ފަތުރުވެރިޔާ އިސްލާމްވުމަށް މަގުފަހިވެގެން ދިޔައީ، ސްނޯކްލިންގ ކުރަމުން ދަނިކޮށް އޭނާގެ ފޯނު ގެއްލުމާ ގުޅިގެން ދިވެހިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އަޅާލުމުގެ ސަބަބުންނެވެ.

ފޯނު ގެއްލުމުން ވަރަށް ބޮޑަށް މާޔޫސްވިކަމަށާއި ނަމަވެސް ދިވެހި ރައްޓެއްސަކަށް އެ ވާހަކަ ކިޔައިދިނުމުން، އެތައް ބަޔަކު އެއްވެ ވަގުތުތަކެއް ހޭދަކޮށްގެން ފޯނު ހޯދައިދިން ކަމަށް އިޓަލީ މީހާ ބުންޏެވެ.

އިސްލާމްދީނުގެ ތެދުމަގު ލިބުމުގެ ކުރިން، ދިވެހިންގެ ކިބައިގައި މިފަދަ މަތިވެރި ސިފަތައް ހުރުމުގެ ސަބަބު ހޯދުމަށް އޭނާ މަސައްކަތް ކުރިއެވެ. އަދި ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުކޮށް، އިސްލާމްދީނާ ބެހޭ މަޢުލޫމާތު ހޯދުމަށް މާލޭގައި އިލްމުވެރިއަކާ ބައްދަލުކުރިއެވެ.

އިސްލާމްދީނުގެ އަސާސްތަކާއި ފަރުޟުތަކާ ބެހޭ މަޢުލޫމާތު ލިބުމަށްފަހު، އޭނާ ޝަހާދަތް ކިޔައި އިސްލާމްވިއެވެ. އޭނާ ޚާއްޞަކޮށް ހައިރާންވީ ޒަކާތުގެ ނިޒާމުގެ މުހިންމު ކަމުން ކަމަށާއި، އޭގެ އަސްލު ފަލްސަފާ އެނގުނީ އެހިސާބުން ކަމަށް ބުންޏެވެ.

މި ފަތުރުވެރިޔާގެ ވާހަކަ މިހާރު ވަނީ އިޖުތިމާޢީ މަންސަތަކުގައި ފެތުރި، އަލަށް އިސްލާމްވާ މީހުންގެ ސަފްހާތަކުގައި ޙިއްޞާކުރެވެން ފަށާފައެވެ. އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ އައު މުސްތަޤްބަލަކަށް ކުރިމަތިލައި، އުފަލާއެކުގައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް