ރަމަޟާން މަހުވެސް ތަކެތީގެ އަގު ބޮޑުވިޔަ ނުދޭނެކަމަށް ވަޒީރު ސަޢީދު ވިދާޅުވެއްޖެ

ރާއްޖޭގައި މިހާރުވެސް އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު 3 ޕަސެންޓަށްވުރެ ދަށުގައި މެނޭޖްކުރެވެމުންދާ ކަމަށާއި، ކުރިއަށް އޮތް ރަމަޟާން މަހުގައިވެސް ތަކެތީގެ އަގު ބޮޑުވިޔަ ނުދެއްވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ބޭއްވި "އަހާ ފޯރަމް" ގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ސަރުކާރުން ވަރަށް ރަނގަޅަށް ތަކެތީގެ އަގު މެނޭޖްކުރެއްވި ކަމަށެވެ. އަދި އެކަން ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް ޚާއްސަ ކޮމިޓީއެއް އުފައްދަވައި ކުރެއްވި މަސައްކަތްޕުޅުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިއަހަރުވެސް ރަމަޟާން މަހު އެގޮތަށް އަގުތައް މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. ރަމަޟާން މަހު އެއްވެސް އެއްޗެއްގެ އަގު ބޮޑުވާނަމަ ސަރުކާރުން އެކަމާ ގުޅިގެން ފިޔަވަޅު އަޅާނެ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން މިދިޔަ އަހަރު ނެރުނު ރިޕޯޓަކަށް ރިޢާޔަތްކުރައްވައި ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގައި ތަކެތީގެ އަގު 7 ޕަސެންޓް ހުރަސްކުރާނެ ކަމަށް އެ ބޭންކުން ލަފާކުރި ނަމަވެސް، ސަރުކާރުން ދުރާލައި އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން މިހާރުވެސް 3 ޕަސެންޓަށްވުރެ ދަށުގައި އަގުތައް ހިފެހެއްޓިފައިވާ ކަމަށެވެ.

އަގުތަކާ ގުޅިގެން ޚާއްސަ ސިޔާސަތެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް އަންގަވާފައިވާ ކަމަށާއި، އެ ސިޔާސަތު މިހާރު އެކުލަވާލާފައިވާ ކަމަށްވެސް ވަޒީރު ސަޢީދު ހާމަކުރެއްވިއެވެ.

ރައީސް އޮފީހާއި ޕީއެސްއެމްއިން ގުޅިގެން ބޭއްވި "އަހާ ފޯރަމް" ގައި އާންމު ރައްޔިތުންނަށް ސަރުކާރުގެ އިސް ބޭފުޅުންނާ ސުވާލުކުރުމުގެ ފުރުސަތު ދެވުނެވެ.

"އަގު ބާޒާރުގައި ބޮޑުވެއްޖެނަމަ ކަންކުރާނެ ގޮތުގެ ސިޔާސަތު އެއޮތީ އެކުލަވާލާފައި. އެއީ އެއްވާހަކަ. އެއާ ގުޅުންހުރި އަނެއް ވާހަކައަކީ، އެއީ ކިތައް އައިޓަމްތޯ. 183 އައިޓަމްގެ މައްޗަށް އެކުލެވިގެންވާ ލިސްޓެއް އެއީ. އޭގެ ތެރެއިން 54 ބާވަތް ރަމަޟާން މަހަށް ޚާއްސަކޮށްގެން އަޅުގަނޑުމެން އިންނާނެ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ކަނޑައަޅާފައި،" އިޤްތިޞާދީ ތަރައްގީއާ ބެހޭ ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ރަމަޟާން މަހު އެއްވެސް އެއްޗެއްގެ އަގު ބޮޑުވާނަމަ ސަރުކާރުން އެކަމާ ގުޅިގެން ފިޔަވަޅު އަޅުއްވާނެ އެވެ.

"ފިޔާވެސް އެސްޓީއޯ މެދުވެރިކޮށް ޝިޕްމަންޓްތައް ގެންނަމުން އެދަނީ. އަގުހެޔޮ ކުރާނެ. އެއްތަނަކުން ނުލިބިއްޖެއްޔާ އެހެން ތަނަކުންވެސް ގެންނާނެ. މާނައަކީ އެއް ޤައުމުން ނުލިބިއްޖެއްޔާ އެހެން ޤައުމަކުންވެސް ގެންނާނެ، ކަނޑުމަގުން ނުގެނެވޭ ކަމަށްވަންޏާ އެއަރ ފްރައިޓްކޮށްވެސް އިރާދަކުރެއްވިއްޔާ ގެންނާނެ. އަޅުގަނޑުމެންގެ ޓާގެޓަކީ އެއްޗެއްގެ އަގު ބޮޑުވާ މައްސަލަ އައިސްފި ކަމަށްވަންޏާ އިމީޑިއެޓްލީ އެއަށް އެޓެންޑްވުން." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް