ޚާއްސަ ގޮތަށް ކުޅެދިފައިވާ މީހުންނަށް އިމާރާތްތަކަށް ވަދެނިކުމެވޭނެ ގޮތް ފަހިކުރުމަށް މަސައްކަތް އަވަހަށް ފަށާނެ

ޚާއްސަ ގޮތަށް ކުޅެދިފައިވާ މީހުންނަށް އިމާރާތްތަކަށާއި އާންމު ތަންތަނަށް ފަސޭހައިން ވަދެވޭނެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

"މި ދަތިތަކަށް ހައްލު ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މުހިންމު ނިންމެވުންތަކެއް ނިންމަވާފައިވޭ. އެގޮތުން އަލަށް އިމާރާތްކުރާ ތަންތަނާއި، ހެދިފައި ހުރި އިމާރާތްތަކަށްވެސް ޚާއްސަ ގޮތަށް ކުޅެދޭ މީހުންނަށް ފަސޭހަކަމާއެކު ވަދެވޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާނެ," ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ވަޒީރު މިކަން ހާމަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދިން "އަހާ"ގެ 4 ވަނަ ފޯރަމްގައެވެ. މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އަދިވެސް ބައެއް އިމާރާތްތަކާއި ޕާކުތަކާއި މައިޒާންފަދަ އާންމު ތަންތަން ހަދާފައި ހުންނަ ގޮތުން ޚާއްސަ ގޮތަށް ކުޅެދިފައިވާ މީހުންނަށް އެތަންތަނަށް ވަދެނިކުތުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހޭކަމަށެވެ.

"ރައީސް ޑރ. މުޢިއްޒު ނިންމަވައި އަންގަވާފައިވަނީ މިހާރު ހަދަމުންދާ ހުރިހާ އިމާރާތެއްވެސް، އަދި ރައްޔިތުން ޒިޔާރަތްކުރާ ޕާކުތައްވެސް ވީލްޗެއަރއާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެވޭގޮތަށް ޕްލޭންތައް ހެދުމަށް. އަދި ހެދިފައިހުރި ޢިމާރާތްތަކަށްވެސް އެބަދަލު ގެނައުމަށް އަންގަވާފައިވަނީ. އެކަމަށް ކަމާބެހޭ ފަރާތްކާ މަޝްވަރާކޮށް އެބަދަލުތައް ގެންނަމުންދާނަން. މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް އެ ބަދަލު ގެންނަމުންދާނަން." އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް

ވަޒީރު އިތުރަށް ވިދާޅުވީ މި ބަދަލުތައް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި މާލޭ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި ހުރި އިމާރާތްތަކަށް ވަދެނިކުތުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދަތިކަން ދިމާވާކަމުގެ ޝަކުވާ ލިބެމުންދާކަމަށް ފާހަގަކުރެއްވިއެވެ.

"މިއީވެސް ބަދަލު ގެންނަން ޖެހޭކަމެއް. ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން މިކަމަށް ހައްލު ގެންނާނަން" ވަޒީރު ވިދާޅުވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާފައިވާއިރު މިހާތަނަށް 13000 އަށްވުރެ ގިނަ ފަރާތުން ވަނީ މިދަފްތަރުގައި ރަޖިސްޓްރީވެފައެވެ.

މި މަޝްރޫޢުގެ ދަށުން ޚާއްސަ ގޮތަށް ކުޅެދިފައިވާ މީހުންނަށް އިމާރާތްތަކަށާއި އާންމު ތަންތަނަށް ފަސޭހައިން ވަދެވޭނެ ގޮތް ހެދުމަށްޓަކައި ރޭމްޕްތައް ހެދުމާއި، ލިފްޓް ބެހެއްޓް ބެހެއްޓުމާއި، އަދި އެހެނިހެން ބަދަލުތައް ގެނައުމަށް ވަނީ ރޭވިފައެވެ. މި މަސައްކަތް ކުރިއަށްދާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި އަމިއްލަ ޖަމްޢިއްޔާތަކާ ގުޅިގެންނެވެ.

ހިއްސާ ކުރައްވާ!