ފްރާންސްގެ ހުޅަނގު ސަރަހައްދުގެ ފުލުހުން 2017 ވަނަ އަހަރު ފަޅާ ޑޮކްޓަރު، ސާޖަން ޖޯއެލް ލެ ސުއާނެކްގެ ގެއަށް ކޯޓު އަމުރެއްގެ ދަށުން ވަދެފައި ވަނީ އޭނާގެ އަވަށްޓެރި ހަ އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމަށް ކުރި ރިޕޯޓަކާ ގުޅިގެންނެވެ. ފުލުހުން އެގޭގެ ތަންތަން ހޯދުމުގެ ތެރޭގައި އެ ގޭގައި ހުރި ސިއްރު ގުދަނެއް ފެނުނެވެ.
އެ ގުދަނުން ލިބުނު ތަކެއްޗާއި މައުލޫމާތުގައި ޑޮކްޓަރު މަސައްކަތް ކުރާ ހަސްފަތާލުގެ ބަލިމީހުން ރޭޕްކުރުމާއި ޖިންސީ ގޯނާކުރި ގޮތުގެ ތަފްސީލު ލިޔެފައިވާ އިލެކްޓްރޯނިކް ޑައިރީތައް ފެނިފައިވެއެވެ. އަދި އޭނާގެ ޖަރީމާތައް 30 އަހަރުވަންދެން ހިންގާފައިވާ ކަން ސާބިތުވެއެވެ.
2020 ވަނަ އަހަރު ލެ ސުއާނެކަށް ވަނީ އޭނާގެ އަވަށްޓެރިޔާ އާއި އެމީހާގެ ދެ ކޮއްކޮ އާއި އިތުރު ހަތަރު އަހަރުގެ ކުއްޖަކު ރޭޕްކޮށް ޖިންސީ ގޯނާ ކުރި ކަމަށް ކުށް ސާބިތުވެފައެވެ.
ސާޖަންގެ ރެކޯޑްތަކަށް ބަލައިގެން އޭނާ ރޭޕްކޮށް އޭނާގެ ޖިންސީ ޝިކާރައަކަށްވެފައިވާ އިތުރު މީހުން ފެނޭތޯވެސް ފުލުހުން މަސައްކަތް ކުރިއެވެ.
އެންމެ ފަހުން ޕީޖީން އޭނާގެ މައްޗަށް ދައުވާ ކުރީ، 299 މީހުންނަށް ޖިންސީ އަނިޔާކުރި ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށާއި އޭގެ ތެރެއިން ބައެއް ކުދިން ރޭޕްކޮށްފައި ވަނީ އެކުދިން ހޭނައްތައިގެން ކަމަށްވެސް އޭނާ ނޯޓުކޮށްފައި ވެއެވެ.
ފްރާންސްގައި މީގެ ކުރިން ފްރާންސްގައި ފެންމަތިވީ ޑޮމިނިކް ޕެލިކޯ ކިޔާ މީހަކު އޭނާގެ އަންހެނުން ހޭނައްތާފައި 100 އާ ގާތް ކުރާ އަދަދެއްގެ މީހުން ލައްވައި އެކި ދުވަސްމަތިން އަންހެން މީހާ ރޭޕްކުރުވައި އެމަންޒަރު ބަލަން ހުރި ކަމުގެ ދައުވާއެވެ.
މިހާރު ލެ ސުއާނެކުގެ މައްސަލަ ވެފައި ވަނީ ފްރާންސްގެ ތާޜީޚުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެންމެ ބޮޑު މައްސަލައަށެވެ. އޭނާގެ ޝަރީއަތް އޮންނާނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ބްރިޓަނީގެ ވަންސްގަ އެވެ.
ފްރާންސްގެ ޕީޖީން ބުނީ ލެ ސުއާނެކް ގިނަ ދައުވާތަކަށް އިއުތިރާފުވެފައިވާ ކަމަށާއި ޝަރީއަތުގެ ކުރިން އޭނާގެ ދިފާއީ ވަކީލުން އެއްޗެއް ބުނަން ދެކޮޅު ހަދާ ކަމަށެވެ. މި ޝަރީއަތަކީ ޑޮމިނިކް ޕެލިކޯގެ އަނބިމީހާ )ފޮޓޯގައި( އަށް ޖިންސީ ގޯނާ ކުރި ކަމަށް ޑިސެމްބަރު މަހު ހުކުމް ކުރިފަހުން މީހުންގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެކެވެ.
މި މައްސަލައިގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގައި ފްރާންސްގެ މީހުންގެ ޝަހުވާނީ އެދުންވެރިކަމާ މެދު ސިހުމެއް ލިބިފައި ވެއެވެ.
ލެ ސުއާނެކްގެ މައްސަލައިގައި ފްރާންސްގެ ސިއްހީ ނިޒާމުގައި އަޚުލާގީ މިންގަނޑު ހިފެހެއްޓުމުގެ މަސައްކަތްތަކާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވެއެވެ.
ލެ ސުއާނެކަށް، 2005 ވަނަ އަހަރު ކުޑަކުދިންގެ ބަރަހަނާ މަންޒަރު ބަލާކަމުގެ ކުށް ސާބިތުވިއަސް 2017 ވަނަ އަހަރު އޭނާ ހައްޔަރު ކުރެވެންދެން އޭނާ ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަމުން ދިޔަ އެވެ.







