ގެލަޕް އޮޕީނިއަން ޕޯލްސް އިން ހެދި އައު ސަރވޭއަކުން ދައްކާގޮތުގައި އެމެރިކާގެ ރައްޔިތުންގެ މެދުގައި އިސްރާއީލަށް އޮތް ތާއީދު "25 އަހަރުގެ ތެރޭގައި އެންމެ ދަށް މިންވަރަށް" ވަނީ ދަށްވެފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ މެދު ހަމްދަރުދީވުން ވަނީ މަތިވެގެން ގޮސްފައިކަމަށް އެމެރިކާގެ "ނިއުސްވީކް" މަޖައްލާގައި ބަޔާންކޮށްފައިވެއެވެ.
މި މަޖައްލާއިން ބުނެފައިވަނީ މި ނަތީޖާއަކީ މުހިންމު ނަތީޖާއެއް ކަމަށެވެ. އެއީ އެމެރިކާއަކީ އޮކްޓޯބަރު 7 ގައި ހަމާސްގެ ހަމަލާއަށްފަހު ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް އެންމެ ބޮޑަށް ސަޕޯޓު ދޭ ޤައުމުކަން ސާބިތުވެފައިވާތީއެވެ. އެގޮތުން އދ ގައި ކުރިމަތިވި ބޮޑެތި ޕްރެޝަރުތަކާ ކުރިމަތިލާއިރުވެސް އެމެރިކާއިން ވަނީ އިސްރާއީލަށް ތާއީދުކޮށްފައިވެއެވެ. އަދި އެމެރިކާއިން ވަނީ ސެކިއުރިޓީ ކައުންސިލްގައި ވީޓޯ ބާރު ބޭނުންކޮށްގެން ޤަރާރުތަކެއް ބާތިލްކޮށްފައެވެ.
އެމެރިކާގެ ޔުނިވަރސިޓީތަކުގައި ހިނގި މުޒާހަރާތަކާއި، މުޒާހަރާކުރާ މީހުންނާއި އެމީހުންނާ ދެކޮޅަށް ނުކުތް މީހުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން މި މައްސަލަ ވަނީ ނޫސްތަކުގެ މައި ސުރުޚީތަކަށް އަރއި މީހުން އިޒްރޭލުގެ އަނިޔާވެރިކަމަށް ހޭލުންތެރި ވެފައެވެ. އަދި ޔަހޫދީންނާ ދެކޮޅަށް ހިންގާ ޢަމަލުތައް ވެސް ވަނީ އިތުރުވެފައެވެ. މިކަން ހިނގަނީ ހަމައެކަނި އެމެރިކާގައެއް ނޫނެވެ. ޔޫރަޕްގައިވެސް ޔަހޫދީންނާ މެދު ނަފްރަތު ކުރާ މިންވަރު ވަނީ އިތުރުވެފައެވެ.
ގެލަޕްގެ ސަރވޭއިން ދައްކާގޮތުގައި 2025 ވަނަ އަހަރު އެމެރިކާގެ ބޮޑެތި މީހުންގެ މެދުގައި އިސްރާއީލަށް އޮތް ތާއީދު ވަނީ 46 އިންސައްތައަށް ދަށްވެފައެވެ. އަދި 2001 އިން ފެށިގެން ގެލަޕްއިން އިސްރާއީލަށް މީހުން ސަޕޯޓު ކުރާވަރު ދިރާސާކުރަމުން އައިފަހުން، ފުރަތަމަ ފަހަރަށް އިސްރާއީލަށް އޮތް ތާއީދު ވަނީ 50 އިންސައްތައަށްވުރެ ދަށްވެފައެވެ.





