ޒުވާނުންގެ މުޒާހަރާގައި އެމްޑީޕީން ބައިވެރިވެއްޖެ

ކާނިވާ ސަރަހައްދުގައި ޒުވާނުން ބޭއްވި މުޒާހަރާގައި އެމްޑީޕީން މިރޭ ބައިވެރި ވެއްޖެއެވެ. އެމްޑީޕީގެ ގައުމީ މަޖިލިސް ނިންމުމަށްފަހު މެމްބަރުން ވަނީ ކާނިވާ ސަރަހައްދުގެ މުޒާހަރާއަށް މިސްރާބު ޖަހާފައެވެ.

ގައުމީ މަޖިލިސްގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ، އިންސާފު ހޯދަން ޒުވާނުން ނިކުންނާތީ އެ ކަމުން ހިތްވަރު ލިބޭ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ އެދިވަޑައި ގަތީ އެމްޑީޕީގެ މެމްބަރުންވެސް މި މުޒާހަރާގައި ބައިވެރިވުމަށެވެ. އަދި އޭނާ ނޫނަސް ވާހަކަ ދެއްކެވި އެހެން މެމްބަރުންވެސް އެކަމަށް ގޮވާލެއްވިއެވެ.

ޒުވާނުންގެ މުޒާހަރާ ރޫޅާ ލުމުގައި ނުބައްދަލު ބާރު ބޭނުން ކުރި މައްސަލައަކީވެސް މެމްބަރުން ވާހަކަ ދެއްކި އެއްމައްސަލައެވެ. ޝާހިދު ވަނީ ރައީސް މުއިއްޒުއަށް ފާޑު ވިދާޅުވެފައެވެ. އަދި ވެރިކަމުގައި ބަގުޑި ބައްދަވައިގެން ނުހުންނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ޒުވާނުން ނުކުތީމަ އަޅުގަނޑު ހިތްހަމަޖެހެނީ. އަޅުގަނޑުމެން އެތައް މަސައްކަތަކުން ގެނައި ގާނޫނުއަސާސީ މިހާރު މި އޮތީ ރަނގަޅަށް ރައްޔިތުން ބަލައިގެންފަ. މިއަށް ވާނެ އެއްޗެއް ވާކަށް ދޫކޮށެއް ނުލެވޭނެއޭ. މި ގާނޫނުއަސާސީ ގެނައުމުގައި އެމްޑީޕީން އަދާކުރި ދައުރު ބޮޑު. އަދި ވީ ގުރުބާނީ މަތިވެރި،" ޝާހިދުގެ ވާހަކައިގައި ވިދާޅުވިއެވެ.

ޖެންޒީގެ ނަން ކިޔޭ ޒުވާނުން މުޒާހަރާތައް ފަށާފައި ވަނީ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުމާ ގުޅިގެން ދެކޮޅު ނުޖެހޭ ކަންތައްތަކެއް ފެނި ފުލުހުން ދެއްކި ވާހަކަތަކުގެ ކޮޅު ނުބެދޭތިއެވެ.

މުޒާހަރާ ކުރުމަށް ދޫދިނުމަށްފަހު ރޭ ފުލުހުން ވަނީ ކަރުނަގޭސްޖަހައި ބާރުގެ ބޭނުން ކޮށްގެން މުޒާހަރާ ރޫޅާލާފައެވެ. އަދި ދެ ޒުވަނަކު ހައްޔަރުކޮށްފައެވެ.

ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ހިމެނެނީ އެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އައިޝަތު ޝިމަން އަޙުމަދާއި މި ސަރުކާރުގައި ކުރިން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަބްދުﷲ މަހްޒޫމް މާޖިދެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އެ ދެ ޒުވާނުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

މި ދެ ޒުވާނުންގެ ބަންދަށް 3 ދުވަސް ޖަހައިފައި ވެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް