އެއްވެ އުޅުމުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދުތަކެއް އެޗްއާރްސީއެމުން ދީފި

އެއްވެއުޅުމުގެ މިނިވަންކަން ބޭނުންކުރާއިރު އެހެން މީހުންގެ ހައްގަށް އަރައި ނުގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ނަސޭހަތްތެރިވެ ނޫސްބަޔާނެއް ނެރެފިއެވެ.

އެޗްއާރުސީއެމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި އިލްތިމާސް ކުރަމުން ބުނެފައި ވަނީ، ޙައްޤުތަކަށް އިޙުތިރާމް ކުރުމަކީ މުޖުތަމައުގެ ހަމަހަމަކަމަށް މުހިންމު ކަމެއް ކަމަށާއި އެ ޙައްޤު ބޭނުން ކުރާއިރު އެހެން މީހުންގެ ޙައްޤަށް އަރައި ނުގަތުމަށެވެ.

އެ ނޫސްބަޔާނުގައި އެއްވެ އުޅޭ މީހުންނަށް ނަސޭހަތްތެރިވަމުން އިތުރަށް ތަފްސީލުކޮށްދީފައި ވަނީ، ދަތުރުފަތުރު ކުރާ މީހުންނާއި ހިނގާވެބިނގާވާ މީހުންނާއި އެއްވެ އުޅޭ ސަރަހައްދެއްގައި ވިޔަފާރި ކުރާ ފަރާތްތަކާއި ދިރިއުޅޭ ފަރާތްތަކަށް ދަތިނުވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މި ދުވަސްވަރަކީ އޯލެވެލް އިމްތިހާނު ދުވަސްވަރު ކަމުން އެކަމަށް ރިއާޔަތް ކުރުމަށްވެސް ނަސޭހަތް ދީފައި ވެއެވެ.

"އާންމު އިޖުތިމާޢީ މިންގަނޑާ ހިލާފު ނުވާނެހެން މުޒާހަރާ ކުރިއަށް ގެންދިއުމަށް" ވެސް ގޮވާލާ ފައި ވެއެވެ. ޖެންޒީން ކުރިއަށް ގެންދާ މުޒާހަރާގައި ގެންގުޅޭ ލިޔުންތަކުގައި އަހާލަން އުދަނގޫ ބަސްތައް ހުރެގެން އެކަން އާންމުން ފާހަގަ ކޮށްފައި ވެއެވެ.

މި ބަޔާނުގައި ފުލުހުންނަށް ވެސް ނަސޭހަތް ދީފައި ވެއެވެ. އެގޮތުން އެއްވުންތައް ރޫޅާލުމުގައި ސުލްހަވެރިކަން އިސްކުރުމަށާއި އިޖުރައާތުތަކަށް ފަރުވާތެރި ވުމަށް ގޮވާލާފައި ވެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް