މިއަހަރުގެ އޭޕްރީލް މަހާ ހަމައަށް 157 މިލިޔަން ރުފިޔާ އެޑިއުކޭޝަން ލޯނުގެ ގޮތުގައި ދޫކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޢަލީ ހައިދަރު ވިދާޅުވީ ކިޔެވުން ފުރިހަމަ ކުރުމަށްފަހުވެސް 60 އިންސައްތަ ކުދިން ލޯނު އަނބުރައި ނުދައްކާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވަނީ އެ ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ހޯދުމަށް މިނިސްޓްރީން ކުރަން ޖެހޭ މަޝްވަރާތައްކޮށް، ވަރަށް އަވަހަށް އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނަކީ ފޯނާއި އީމެއިލަށް ޖަވާބު ދިނުމުގައި ފަރުވާކުޑަ މިނިސްޓްރީއެކެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިން ވަނީ މިނިސްޓްރީން އަޅާނުލާކަމުގެ ގިނަ ޝަކުވާތަކެއް ކޮށްފައެވެ. އެ ޝަކުވާތައް ޙައްލު ކުރުމުގެ ގޮތުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ޚާއްސަ އެޕެއް ތައާރަފްކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އީމެއިލަށް އޮޓޯ ރިޕްލައިއެއް ވެސް ނުދެވޭ މިނިސްޓްރީއަކުން އެޕެއް ތައްޔާރުކުރިއަސް އެއަށް އެޓެންޑްވާނީ ކިހިނެއްތޯ އެއީ ކުރެވޭ ސުއާލެކެވެ.
ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ވަނީ ދަރިވަރުން މިނިސްޓްރީއަށް ގުޅުމުން އަދި މެއިލް ކުރުމުންވެސް ޖަވާބު ނުލިބޭ ކަމުގެ ޝަކުވާ އެ ދަރިވަރުން ކުރާ ކަން ފާހަގަކުރައްވައި ވަޒީރު ހައިދަރު އެކަން ހައްލު ކުރުމަށް ކުރައްވާ މަސައްކަތާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ. އެ ޝަކުވާތަކަކީ ކުރީގެ ވަޒީރު ހުންނެވިއިރުވެސް ކުރަމުން ދިޔަ ޝަކުވާތަކެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ޚާއްސަ ވަޓްސްއެޕް ނަންބަރެއް ހަމަޖައްސައި، ދަރިވަރުންގެ ސުވާލުތަކާއި ޝަކުވާތަކަށް ޖަވާބު ދެވެމުންދާ ކަމަށެވެ.
މިނިސްޓަރު ތައްޔާރު ކުރައްވާ އެޕް ނިމޭނެކަމަށް ވިދާޅުވެފައި ވަނީ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ. އެ އެޕްގެ ނަމަކަށް މިނިސްޓަރު ވިދާޅުވީ އެއީ، ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް ނަމަކަށް ކިޔާ އެޕެއް ކަމަށެވެ.





