މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ ރިހިޔޫބީލް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ބައިވެރިވެވަޑައިގެން، އެ އޮތޯރިޓީގެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައިފިއެވެ. މި ޙަފްލާ ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، އެމް.ކިއު.އޭގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވަނީ ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި އެމް.ކިއު.އޭއިން އަދާކޮށްފައިވާ މުހިއްމު ރޯލު ފާހަގަކުރައްވާފައެވެ. އެގޮތުން، ޤައުމީ ސަނަދުތަކުގެ އޮނިގަނޑު އެކުލަވާލުމާއި، ކޯސްތައް އެކްރެޑިޓް ކުރުމާއި، މަރުކަޒުތައް އޮޑިޓުކުރުމުގައި އެމް.ކިއު.އޭގެ މަސައްކަތްތަކަކީ ތަޢުލީމީ ދާއިރާއަށް ލިބިފައިވާ ބޮޑު ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ، ކުރިމަގުގައި އެމް.ކިއު.އޭއަށް ކުރިމަތިވާނެ ގޮންޖެހުންތަކެވެ. ޚާއްޞަކޮށް، އީޖާދީ އުފެއްދުންތަކުގެ ސަބަބުން ތަޢުލީމުގެ ފެންވަރު ދަށްވިޔަ ނުދިނުމަށް ސަމާލުކަން ދިނުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި ދެވޭ ކޮންމެ ސަނަދަކީވެސް އިތުބާރުހުރި، ޤަދަރުކުރެވޭ އަދި އެކަށީގެންވާ ކޮލިފިކޭޝަންއެއްކަން ޔަޤީންކުރުމުގެ ބުރަ މަސައްކަތް ކުރުމުގެ ޒިންމާ އެ އިދާރާއަށް އިތުރުވެގެންދާނެ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުންތަކާ ކުރިމަތިލުމަށް ތައްޔާރުވުމަށް އެދިވަޑައިގަންނަވަމުން، އެމް.ކިއު.އޭގެ މުވައްޒަފުންނަށް މިނިސްޓަރު އިލްތިމާސްކުރެއްވީ: "މިކަންކަމަށް ތައްޔާރުވެ، ކުޅަދާނަކަމާއި ހުޝިޔާރުކަމާއެކު އެފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް މަސައްކަތުގެ ކަންކަން ފުރިހަމައަށް ރާވައި ރުކުރުވާލުމަށް" އަށެވެ.





