ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރަކަށް ޗައިނާގެ ހާއޯ ޒާންގް

ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރަކަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް މިމަހު އައްޔަން ކުރެއްވި، ޗައިނާގެ ހާއޯ ޒާންގް މާދަމާ މަގާމާ ހަވާލުވެ ވަޑައިގަންނަވާނެއެވެ. މިސްޓަރ ޒާންގްގ ފަތްކޮޅު އެރުވުން ހަމަޖެހޭނީ ފަހުގެ ތާރީޚަކަށެވެ. އޭނާ، މަސައްކަތް ކުރައްވާނީ އދން ރާއްޖޭގައި ހިންގާ، ތަރައްޤީގެ މަޝްރޫޢުތައް ވިލަރެސް ކުރައްވައި ބެލެހެއްޓެވުމުގައި އިސްފަރާތެއްގެ ގޮތުގައެވެ.

ތަރައްޤީގެ މަސައްކަތުގެ ދާއިރާގެ ތަޖުރިބާކާރެއްގެ ހައިސިސްޔަތުން، މިސްޓަރ ޒާންގްގ އޭނާގެ ޕޯޓުފޯލިއޯއަށް 27 އަހަރުގެ ޕްރޮފެޝަނަލް ތަޖުރިބާ ގެންނަވާނެއެވެ. މީގެ ކުރިން، 2008 ވަނަ އަހަރު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ގުޅިވަޑައިގެން 17 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން އޭނާ ވަނީ، ޕްރޮކިއުމަންޓް ސްޕެޝަލިސްޓެއްގެ ގޮތުގައި ގައި އެކި މަގާމުތައް ފުރުއްވާފައެވެ. އޭޑީބީގައި އޭނާ ހޭދަކުރެއްވި ދުވަސްތަކުގެ ތެރޭގައި ދެކުނު، މެދުތެރޭ، އަދި ހުޅަނގު އޭޝިއާގެ ނައިބު ރައީސްގެ ސީނިއާ އެޑްވައިޒަރުގެ މަގާމާއި، ޕްރިންސިޕަލް އާބަން ޑިވެލޮޕްމަންޓް ސްޕެޝަލިސްޓު މަގާމާއި، ޗައިނާގެ ޑެޕިއުޓީ ކަންޓްރީ ޑިރެކްޓަރާއި، އިރުމަތީ އޭޝިއަން ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ އެޑްވައިޒަރު ފަދަ މަގާމުތައް ފުރުއްވާފައި ވެއެވެ. އެންމެ ފަހުން އޭނާ ހުންނެވީ، އޭޑީބީގެ ޕޯޓްފޯލިއޯ ޕްރޮކިއުމަންޓް އެންޑް ފައިނޭންޝަލް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލްގެ ލަފާދާރަކަށެވެ.

އޭޑީބީގައި މަގާމު އަދާކުރެއްވުމުގެ ކުރިން މިސްޓަރ ޒާންގް ވަނީ 2002 ން 2008 ށް ބެއިޖިންގައި ހުންނަ ވޯލްޑް ބޭންކުގެ ރެޒިޑެންޓް މިޝަންގައި މުނިސިޕަލް އިންޖިނިއަރެއްގެ ގޮތުގައިއާއި ޕްރޮޖެކްޓް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އޭނާ ވަނީ، ޗައިނާގެ އާބަން އަދި އެންވަޔަރަންމަންޓަލް ޕްރޮޖެކްޓްތަކުގައި ފަންނީގޮތުން ޙިއްސާވެ ދެއްވާފައެވެ.

މިސްޓަރ ޒާންގް އަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވަރިކް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ޑިގްރީ އެއް ޙާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހޮންކޮންގް ޕޮލިޓެކްނިކް ޔުނިވާސިޓީން ސިވިލް އެންޑް އެންވަޔަރަންމަންޓަލް އިންޖިނިއަރިން އިން މާސްޓާސް ޑިގްރީ އެއްވެސް ހާސިލް ކުރައްވާފައި ވެއެވެ.

ރެޒިޑެންޓް ކޯޑިނޭޓަރުގެ ހައިސިއްޔަތުން ޒާންގް ރާއްޖޭގައި އދގެ ކަންޓްރީ ޓީމް ލީޑްކުރައްވާނެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްގީއާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ނާޒުކު ތިރި ޖަޒީރާ ޤައުމުގެ އިޤްތިސާދީ ގައުމުގެ އިގްތިސާދީ ކެތްތެރިކަން ފަދަ ގޮންޖެހުންތައް ކޯޑިނޭޓް ކުރައްވާނެ އެވެ.

ހިއްސާ ކުރައްވާ!