ބޮލީވުޑްގެ މަޝްހޫރު ފިލްމު "ކޮކްޓެއިލް" އަލުން ސިނަމާތަކަށް އަންނަނީ

ބޮލީވުޑްގެ 2012 ވަނަ އަހަރު ނެރުނު ރޮމެންޓިކް ޑްރާމާ ފިލްމު "ކޮކްޓެއިލް" އަލުން ސިނަމާތަކަށް ގެންނަން ވަނީ ނިންމާފައެވެ. މި ފިލްމު އަލުން ދައްކަން ފަށާނީ 2025 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހުއެވެ.

ޑިރެކްޓަރ ހޯމީ އަދަޖާނިއާ ގެ މި ފިލްމުގައި މައިގަނޑު ދައުރުތައް އަދާކޮށްފައިވަނީ ސައިފް އަލީ ޚާން، ދީޕިކާ ޕަދުކޯން އަދި ޑައާނާ ޕެންޓީއެވެ. މި ފިލްމަކީ ޑައާނާ ޕެންޓީގެ ބޮލީވުޑް ގެ ފުރަތަމަ ފެނިލުމެވެ. މީގެ އިތުރުން މި ފިލްމުގައި ބޮމަން އީރާނީ، ޑިމްޕަލް ކަޕާޑިއާ އަދި ރަންދީޕް ހޫޑާ ވެސް ވަނީ ބައިވެރިވެފައެވެ.

"ކޮކްޓެއިލް" އަކީ މީރާ (ޑައާނާ ޕެންޓީ) އާއި ވެރޯނިކާ (ދީޕިކާ ޕަދުކޯން) ގެ ދެމެދުގައި އުފެދޭ އެކުވެރިކަމާއި، ވެރޯނިކާގެ ބޯއިފްރެންޑް ގައުތަމް (ސައިފް އަލީ ޚާން) މީރާއާ ލޯބިވެރިވުމުން ދިމާވާ ހާދިސާތަކުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމު ވަނީ އޭގެ ސިނަމެޓޮގްރަފީ އާއި ޔޫކޭ އަދި ސައުތު އެފްރިކާގައި ނަގާފައިވާ މަންޒަރުތަކަށް ވަރަށް ބޮޑު ތައުރީފެއް ލިބިފައެވެ. އަދި ޕްރިތަމްގެ މިއުޒިކް ވެސް ޒުވާނުންގެ މެދުގައި މަޤްބޫލު ވެފައިވެއެވެ.

ޕީވީއާރު ސިނަމާތަކުން މި ފިލްމު އަލުން ދައްކަން ފެށުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައިވެއެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ "އައިކޮނިކް ތިން ބަތަލުން އެނބުރި އައިސްފި! 'ކޮކްޓެއިލް' ގެ ހަނދާނީ ދަތުރު އަލުން ތަޖުރިބާ ކުރައްވާ. ޕީވީއާރު އައިނޮކްސްގައި މޭ 30 ގައި އަލުން ދައްކަން ފަށާނެ!" މިހެންނެވެ.ADV

ހިއްސާ ކުރައްވާ!