ބޮލީވުޑްގެ މަޝްހޫރު ތަރި ކާޖަލް އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ބިރުވެރި ފިލްމެއްގައި މަސައްކަތް ކުރަން ނިންމައިފިއެވެ. "މާ" ގެ ނަމުގައި ނެރެން ނިންމާފައިވާ މި ފިލްމަކީ "ޝައިތާން" ގެ ދުނިޔެއިން ގެނެސްދޭ އައު ވާހަކައެއް ކަމަށް ޕްރޮޑިއުސަރުން ބުނެއެވެ.
އިހަށްދުވަހު ދައްކާލި މި ފިލްމުގެ ޓްރެއިލަރުގައި ވަނީ ބިރުވެރި މަންޒަރުތަކެއް ހިމަނާފައެވެ. މި ފިލްމުގެ ވާހަކައަކީ ޒަމާންވީ ހާދިސާއަކާއި ގުޅިގެން ލިބިފައިވާ ބަދުނަސީބަކާއި، ކޯފާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ވާހަކައެކެވެ.
ވިޝާލް ފޫރިއާ ޑައިރެކްޓް ކުރާ މި ފިލްމުގައި ކާޖަލްގެ އިތުރުން އިންދްރަނީލް ސެންގުޕްތާ، ކެރިން ޝަރުމާ އަދި ރޯނިތް ރޯއީ ފަދަ ތަރިން ހިމެނެއެވެ. މި ފިލްމުގެ ވާހަކައަކީ ބަދުނަސީބަކުން ސަލާމަތްވުމަށް ކާލީ ދޭވީގެ ސިފައިގައި މަންމައެއް ކުރާ މަސައްކަތުގެ ވާހަކައެވެ.
ރިލަޔަންސްގެ ޖިއޯ ސްޓޫޑިއޯސް އާއި ދޭވްގަން ފިލްމްސްގެ ފަރާތުން ހުށަހަޅާ މި ފިލްމް ޕްރޮޑިއުސް ކުރަނީ އަޖޭ ދޭވްގަން އާއި ޖިއޯތީ ދޭޝްޕާންޑޭއެވެ. އަދި ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ހުންނާނީ ކުމާރު މަންގަތް ޕަތަކްއެވެ. މި ފިލްމް ތިއޭޓަރުތަކަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖޫން 27 ވަނަ ދުވަހުއެވެ.







