ކަނޑުގެ ދަތުރުފަތުރުގެ ދާއިރާއަށް އައު އިންގިލާބެއް ގެނައުމަށް، ލޮސް އެންޖެލެސްގެ އާކް ބޯޓް ކޮމްޕެނީ އާއި ސުވިޑަންގެ އެކްސް ޝޯ ފަދަ ކުންފުނިތަކުން އިލެކްޓްރިކް ލޯންޗްތައް ތަޢާރަފުކުރަމުން އަންނަކަމަށް ވެއެވެ. މި ކުންފުނިތަކުން މިހާރު އަމާޒު ކުރަމުންދަނީ މަތީ ފަންތީގެ މޮޑެލްތަކަށެވެ.

ރިވިއަން، ސްޕޭސްއެކްސް އަދި ޓެސްލާގެ ކުރީގެ އިންޖިނިއަރުން ގުޅިގެން އުފައްދާފައިވާ އާކް ކުންފުނިން 300,000 ޑޮލަރުގެ "އާކް ވަން ސްޕީޑްބޯޓު"ގެ 20 އަކަށް ޔުނިޓް ވިއްކާފައިވެއެވެ. މީގެ އިތުރުން 15 ފަސިންޖަރުންނަށް ދަތުރު ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ 258,000 ޑޮލަރުގެ އާކް ސްޕޯޓް މޮޑެލެއްވެސް ވިއްކަމުން ދެއެވެ. އަދި 2026 ވަނަ އަހަރު ބާޒާރަށް ނެރުމަށް ތައްޔާރުކުރާ 168,000 ޑޮލަރުގެ އާކް ކޯސްޓް ވެސް ވަނީ ޓެސްޓްކުރަން ފަށާފައެވެ.
އިލެކްޓްރިކް ސްޕީޑް ބޯޓުތައް އަޑުމަޑުވެފައި، ތިމާވެއްޓަށް ދޭ ގެއްލުން ކުޑަވާނެއެވެ.
އާކް ސްޕޯޓް މޮޑެލްގެ ސްޕީޑް ބޯޓުގައި 226-ކިލޯވޮޓް އަވަރގެ ބެޓެރީއަކާއި 500-ހޯސްޕަވަރުގެ އިންޖީނެއް ހަރުކޮށްފައިވެއެވެ. އެއްފަހަރު ޗާޖުކޮށްގެން 3-5 ގަޑިއިރު ވަންދެން ދަތުރުކުރެވެ އެވެ.
2024 ވަނަ އަހަރު އެކުންފުނިން ވަނީ، އެމެރިކާގައި 231,576 ލޯންޗު ވިއްކާފައެވެ. މިއީ 57.7 ބިލިއަން ޑޮލަރުގެ މާކެޓެކެވެ. ނަމަވެސް އިލެކްޓްރިކް ސްޕީޑް ބޯޓުތަކުގެ ވިޔަފާރި އަދިވެސް ވަނީ ކުޑަ މިންވަރެއް ގައެވެ. ކަރަންޓު ލިބެން ހުންނަ މެރީނާގެ ވިޔަފާރީގެ 40 ޕަސެންޓަކީ ފުރަތަމަ ފަހަރަށް ބޯޓު ގަންނަ ފަރާތްތަކެވެ.
ކަރަންޓު ލިބެން ހުންނަ މެރީނާތަކުގައި ސްޕީޑް ބޯޓު މަގަތުފާލަމާ ގާތްކޮށްލައި ގުޅާލައިގެން ޗާޖުކުރުމުގެ ޚިދުމަތް ލިބެން ހުރެއެވެ. އަދި ބެޓެރިން ހަކަތަ ހުސްވުމުގެ ކަންބޮޑުވުން ކުޑަވެފައިވެއެވެ.
ގިނަ ފަރާތްތަކުން މިސްޕީޑް ބޯޓުތަކަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ޓެސްޓް ދަތުރުތަކުގައި އަޑުމަޑު ވެފައި، ދުމާއި ވަހެއްނެތް ތަޖުރިބާ ލިބުމުން ކަމަށް ބުނެއެވެ. އާކް ސްޕޯޓްގެ 2025 ގެ ފުރަތަމަ ބެޗްގެ ލޯންޗްތައް ވަނީ ވިކި ހުސްވެފައެވެ.







