އިދިކޮޅު ޕާކިސްތާން ތަހުރީކޭ އިންސާފް ޕާޓީން އިސްލާމްއާބާދަށް ހިނގާލުމެއް ބާއްވާނެ ކަމަށް ޚައިބަރު ޕަޚްތުންޚްވާގެ ޗީފް މިނިސްޓަރު އަލީ އަމީން ޣަންދާޕޫރު ވިދާޅުވެއެވެ. އޭނާއާއި ސަޕޯޓަރުން ބާއްވާ ހިނގާލުމަށް ހުރަސް ނޭޅުމަށް އޭނާ ވަނީ ސަރުކާރަށް އިންޒާރު ދީފައެވެ.
"އަޅުގަނޑުމެންނާ ދިމާއަށް ބަޑި ޖަހާފިނަމަ އަޅުގަނޑުމެން އެކަމަށް ޖަވާބުދާރީވާނީ ބަޑި ޖަހައިގެން. އަދި ފަހަތަށް ޖައްސައިފިނަމަ ފުރިހަމަ ބާރާއެކު ހަމަލާދޭނަން،" ކަމަށް ޣަންދާޕޫރު ވިދާޅުވިއެވެ.
ޣަންދާޕޫރު މިވާހަކަ ވިދާޅުވީ، ޖަލުގައި ހުރި ޕީޓީއައިގެ ބާނީ އިމްރާން ޚާން ދޫކޮށްލުމަށް ޑިމާންޑް ކުރުމަށް ޕެޝަވާރުގެ ބޭރުގައި އޮތް އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޕީޓީއައިގެ އިސް ލީޑަރުން ވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި އިމްރާން ޚާނާއި ކުރީގެ ފޮރިން މިނިސްތަރ ޝާހް މަހުމޫދު ޤުރައިޝީވެސް ހިމެނެއެވެ.
ޕީޓީއައި އިން ވަނީ އެތައް ފަހަރަކު އިސްލާމްއާބާދަށް ހިނގާފައި ވަދެ ފުލުހުންނާ ކުރިމަތިލާން ދިމާކޮށްފައެވެ. ނަމަވެސް އެކްޓިވިސްޓުންނާއި ލީޑަރުން ގިނަ އަދަދަކަށް ހައްޔަރުކޮށް، ސަރުކާރުން އެއްވުން ރޫޅާލައެވެ.
ޕާކިސްތާން ސަރުކާރުން ވަނީ ޚާންއާއެކު އެތައް ފަހރަކު މަޝްވަރާއަށް ހުށަހަޅާފައެވެ. ނަމަވެސް ސަރުކާރަށް ދީލާނުލާނެ ކަމަށް ވިދާޅުވެއެވެ.
އިއްޔެގެ އެއްވުމުގައި ޣަންދާޕޫރު ވަނީ ޚައިބަރުގައި ތިބޭ ސަޕޯޓަރުންނަށް ތައްޔާރަށް ތިބުމަށް ގޮވާލާފައެވެ.
ޣަންދާޕޫރު ވިދާޅުވީ ޕީޓީއައި އަކީ މިހާރު ސުލްހަ ވެރިކޮށް މުޒާހަރާ ކުރާނެ ބައެއް ނޫން ކަމަށެވެ. އަދި ޖޫން 22 އަށް ތައްޔާރު ވުމަށް އެނާ ސަޕޯޓަރުންނަށް ގޮވައި ލެއްވިއެވެ.



