ޕާކިސްތާނަށް ސީރިއަސް އިގްތިސާދީ ފިޔަވަޅުތަކެއް ބޭނުން

ޕާކިސްތާނަށް އައިއެމްއެފްގެ ލޯނެއް ލިބުނު ކަމުގައި ރައްޔިތުންގެ އެންމެ ދަށު ފަންތީގައި އުޅޭ ފަގީރުންގެ ދިރިއުޅުން ރަނގަޅު ވާކަމަމަށް ނުދައްކާ ކަމަށް އައު ރިޕޯޓެއްގައި ބުނެއެވެ.

މިރިޕޯޓްގައި ފާހަގަ ކޮށްފައި ވަނީ ޕާކިސްތާނުގެ ފަގީރުކަމުގެ ނިސްބަތް 44.7 އިންސައްތައަށް އަރައިގެން ގޮސްފައިވާ ކަމަށެވެ. އަދި 100 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރު ފޯރާފައިވެއެވެ. ނަމަވެސް ހަގީގަތުގައި މި އަދަދު މިއަށްވުރެވެސް މަތިވެދާނެކަމަށް ލަފާކުރެވެއެވެ.

އިގްތިސާދީ ދަތިތަކުގެ ތެރޭގައި ރައްޔިތުންނަށް އިތުރު ތަކުލީފަކަށް ވެފައި ވަނީ ބާޒާރުގައި މުދަލުގެ އަގުތައް މައްޗަށް ދިއުމާއި ވަޒީފާގެ ފުރުސަތު މަދުވުމެވެ.

މިކަންކަމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދެއެވެ. އަދި ކާބޯތަކެތީގެ އަގު މައްޗަށް ދިއުމާއެކު، ގިނަ އާއިލާތަކަށް އަސާސީ ބޭނުންތަކާއި ބޭސްގަތުން ފަދަ ކަންކަން ދެކޮޅު ޖެއްސުމަށްވެސް އުދަގުލާ ކުރިމަތިލާން ޖެހެއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ އިންތިޒާމުތައް އެދެވޭ ގޮތަށް ހަމަޖެހިފައި ނެތުމާއި، ކޮރަޕްޝަންގެ އަމަލުތައް ގިނަވުމާއި، ބޭރުގެ ލޯނުތަކަށް ބަރޯސާވުމަކީ ފަގީރުން ފަގީރުވުމުގެ މައިގަނޑު ސަބަބުތަކެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކުގެ ސަބަބުން ގެތައް ހަލާކުވެ، ދަނޑުބިންތައް ހަލާކުވެ، އިތުރު ބަޔަކު ފަގީރުކަމުގެ ތެރެއަށް ވައްޓާލައެވެ.

މީގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ރަށްފުށުގެ ސަރަހައްދުތަކަށް ކަމަށްވާއިރު، މި ސަރަހައްދުތަކުގައި ސްކޫލާއި ހޮސްޕިޓަލްފަދަ އަސާސީ ޚިދުމަތްތައް ލިބުން ވަރަށް އުދަގޫ ވެފައި ވެއެވެ. މީގެ އިތުރުން، ސިޓީތަކުގައިވެސް ފަގީރު ސަރަހައްދުތައް  އިތުރުވަމުންދާކަންވެސް ފާހަގަކުރެވެއެވެ.

ރިޕޯޓްގައި ބުނާ ގޮތުން ބާޒާރުގައި މުދަލުގެ އަގުތައް މަތި ވަމުން ދަނީ އާމްދަނީ އިތުރުވާ މިންވަރަށް ވުރެން އަވަސް ސްޕީޑެއްގައެވެ. މިކަމުގެ ސަބަބުން މެދު ފަންތީގެ މީހުންގެ އަދަދު ދަށްވަމުން ދެއެވެ.

ޕާކިސްތާނުގެ އިގްތިސާދު ކުރިއަރަމުން ދިޔައީ ވަރަށް ލަސްލަހުންނެވެ. އެހެން ކަމަށްވާއިރު، އާ ވަޒީފާތައް އުފެދުމުގެ ނިސްބަތްވެސް ވަނީ ދަށްވެފައެވެ. ބައެއް މާހިރުން ދެކޭގޮތުގައި، މި ތަފާސްހިސާބުތަކުގައި ރަސްމީ ނޫން ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނާއި، އެކަހެރި ސަރަހައްދުތަކުގެ މައުލޫމާތު ހިމެނިފައި ނުވާތީ، ފަގީރުކަމުގެ ނިސްބަތް ދައްކާފައިވާ މިންވަރަށް ވުރެން 50 އިންސައްތައަށްވުރެ މަތިވެގެން ހިނގައި ދާނެއެވެ.

ހިއްސާ ކުރައްވާ!