ފޮޓޯގައި: އަފްޣާނިސްތާންގެ ކޮމިއުނިސްޓް އިންގިލާބަށް ފަހު ވެރިކަމަށް އައި ބަބްރަކް ކަރްމަލްގެ ސަރުކާރު ވައްޓާލައި ވެރިކަން ހޯދި ނަޖީބުﷲ (ކ). މުއްލާ އުމަރުގެ ލީޑާޝިޕްގައި ކާބުލް ހިފުމަށްފަހު، ނަޖީބުﷲ ދަންޖެއްސީ ކެރޭނެއްގެ ކޮޅުގައި އެލުވައިގެން ކާބުލްގެ މައި މައިދާނުގައި.
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގަތް ފުރަތަމަ ގައުމަށް ރަޝިޔާ ވެއްޖެއެވެ. ރަޝިޔާއިން ވަނީ އަފްޣާނިސްތާނުގެ އާ ސަފީރު "ގުލް ހަސަން ހަސަން"ގެ ސަފީރުކަން ބަލައިގަނެފައެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނީ މި ފިޔަވަޅަކީ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ހަކަތައާއި ދަތުރުފަތުރާއި ދަނޑުވެރިކަމާއި އިންފްރާސްޓްރަކްޗަރ ފަދަ އިގްތިސާދީ ދާއިރާތަކުގައި އުފެއްދުންތެރިކަން ކުރިއަށް ގެންދިއުމަށް ދެގައުމުގެ ގުޅުން ބަދަހި ކުރުމުގެ ފިޔަވަޅެއް ކަމަށެވެ.
އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު މައުލަވީ އަމީރު ޚާން މުއްތަގީ ވިދާޅުވީ ރަޝިޔާގެ މި ނިންމުމަކީ "ހިތްވަރުގަދަ ނިންމުމެއް" ކަމަށެވެ. އަދި އެހެން ގައުމުތައްވެސް ރަޝިޔާ ނަމޫނާއަކަށް ބަލަންވާނެ ކަމަށެވެ.
އެމެރިކާ ސިފައިން 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ޠާލިބާނަށް ބިރުން ޖާނު ސަލާމަތް ކުރުމަށް އަފްޣާނިސްތާނުން ފިލައިގެން ދިއުމުން ތާލިބާނުން ވަނީ ކާބުލް ހިފައި އެމީހުންގެ ސަރުކާރެއް ގާއިމްކޮށްފައެވެ.
ކުރިން ޠާލިބާނަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ލޭބަލްކޮށްފައި ބޭއްވުމަށްފަހު ރަޝިޔާއިން 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ އެނިންމުން އުވާލާފައެވެ.
ރަޝިޔާއިން ދެކެނީ ޠާލިބާނަކީ، މިހާރު ރަހުމަތްތެރިއެއް ކަމަށެވެ.
ޠާލިބާން ސަރުކަރު ބަލައި ނުގަތަސް، ޗައިނާއާއި ޕާކސްތާނާއި ޔޫއޭއީއާއި ތާޖިކިސްތާނުން ކާބުލްގައި އެމްބެސެޑަރުން ބައިތިއްބައެވެ.
ރަޝިޔާއަކީ ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރު 1979ގައި ކާބުލްގެ ކޮމިއުނިސްޓް ސަރުކާރުގެ ހިމާޔަތުގައި ސިފައިން ފޮނުވި ގައުމެވެ. 15 ހާސް ސިފައިން މަރުވި ހަނގުރާމައިގައި ކުރި ނުލިބިގެން ގޮރްބަޗޯފްގެ ވެރިކަމުގައި 1989ގައި އަފްޣާނިސްތާނުން ރޫސީ ސިފައިން ބޭލިއެވެ.

