ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ އަދާނީ ގުރޫޕަށް އެއާޕޯޓު ވިއްކަން މަޝްވަރާ ކޮށްފައިވާ ކަމަށް ބުނެ ފަތުރާފައިވާ ވާހަކަ ދޮގު ކުރައްވަމުން އެކްސްގައި މުޙައްމަދު ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ބުހުތާނު ދޮގެއް ކަމަށެވެ.
"ހަނިމާދޫ އެއާޕޯޓު ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކައާއި، މިކަމާ ބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ބުހުތާނު ދޮގެއް،" މިނިސްޓަރ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މިހާތަނަށް މި މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ނިމިފައި ވެއެވެ. އޭގެ ތެރޭގައި އެއާޕޯޓްގެ 2460 މީޓަރުގެ ރަންވޭގެ މަސައްކަތް ހިމެނެއެވެ.
1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދޭން ތައްޔާރު ކުރާ މި އެއާޕޯޓްގެ ދެ ފަންގިފިލާއަށް ހަދާފައި ޓާމިނަލްގެ މަސައްކަތް ނިމޭއިރު ދެ ފްލޯއަށް 4 އޭރޯ ބްރިޖުވެސް ހިމަނާފައި ވާނެއެވެ. މި އެއާޕޯޓު ތަރައްގީ ކުރަނީ އެއާބަސް 320އާއި ބޯއިންގ 737 އަށް ޚިދުމަތް ދެވޭ ގޮތަށެވެ. މިމަޝްރޫއުގެ މަސައްކަތް ނިންމުމަށް މެދުނުކެނޑި 800 މުވައްޒަފުން މަސައްކަތް ކުރަމުން ދެއެވެ.

