ސީރިޔާގެ ވަގުތީ ރައީސް އަޙްމަދު އައްޝަރަޢު، ޝައިޚު ޖައުލާނީ އަޒަރުބައިޖާނަށް ކުރައްވާ ދަތުރުފުޅުގައި ވެރިރަށް، ބަކޫގައި ސީރިޔާގެ ވަފްދުގެ އިސްބޭފުޅުންނާއި ޔަހޫދީންގެ ގައުމުގެ މަސްއޫލުވެރިންނާއެކު ސީދާ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ދިމިޝްގުގެ ޑިޕްލޮމެޓިކް މަސްދަރަކުން ބުނެފިއެވެ.
މި ބައްދަލުވުމާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން، ނަން ހާމަނުކުރުމަށް އެދި ވަޑައިގެން ވިދާޅުވީ ޝައިޚު ޖައުލާނީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ.
މި މަޝްވަރާތަކުގެ މައިގަނޑު މަޤްޞަދަކީ، ބައްޝާރުލް އަސަދުގެ ވެރިކަން ނިމުމަކަށް އައުމަށްފަހު ފާއިތުވެދިޔަ 7 މަސް ދުވަސް ތެރޭގައި، އިޒްރޭލުގެ ޔަހޫދީ ސިފައިން ސީރިޔާގެ ދެކުނުގެ ސަރަޙައްދުތަކަށް ވަދެ، އެތަނުގައި ހިފާފައިވާ ބިމާ ބެހޭގޮތުން މަޝްވަރާކުރުމެވެ.
ސީރިޔާގެ ނިއުސް އެޖެންސީ "ސާނާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް ޖައުލާނީގެ ދަތުރުފުޅުގައި، ވިޔަފާރިއާއި ދަނޑުވެރިކަމާއި ހަކަތައިގެ ދާއިރާއިން ގިނަ އިޤްތިޞާދީ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އަޒަރުބައިޖާނުގެ ނައިބު ޚާރިޖީ ވަޒީރު ޔަލްޗިން ރާފިއެވް ދިމިޝްގަށް ޒިޔާރަތް ކުރައްވާފައި ވެއެވެ. އަދި އޭގެފަހުން، 13 އަހަރުގެ މެދުކެނޑުމަކަށްފަހު، ސީރިޔާގެ ވެރިރަށް ދިމިޝްގުގައި އަޒަރުބައިޖާނުގެ އެމްބަސީ ހުޅުވަން މަސައްކަތް އަލުން ފެށިކަން ބަކޫއިން ވަނީ އިއުލާނުކޮށްފައެވެ.

