ނޯބެލްގެ ސުލްހައިގެ އިނާމަށް ނަން ހުށަހައި ދިނުމަށް އެދި އެފްރިކާ ގައުމުތަކުގެ ވެރިން ގާތު އާދޭސް ކުރި ޓްރަމްޕް ރައީސްގެ ސަރުކާރުން ފަލަސްޠީނުގެ ކިޔަވާ ކުދިން ބިލަތް ހުނި ޖަހަމުން ދަނީ ޔަހޫދީ ގުންޑާއިން އެކުލަވާލާ ލިސްޓުތަކަށް ބަލައިގެންނެވެ.
އެކަން ހާމަވީ ބުދަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ގާޒީ ކުރެއްވި ސުއާލަށް ޓްރަމްޕް ސަރުކާރުން ދިން ޖަވާބުތަކުންނެވެ. ފަލަސްތީނަށް ތާއީދުކުރާ ދަރިވަރުންގެ މުޒާހަރާތަކުގައި ބައިވެރިވި ކުދިން އެމރިކާއިން ބޭރުކޮށްލުމަށް އެކުދިން ހޯދުމަށް ޓްރަމްޕްގެ ޚުދުމުޚުތާރު ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.
ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އާއި އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އެޖެންޓުންނާ ކޯޓުން ވަނީ ސުއާލުކޮށްފައެވެ. ކޯޓުން ސުއާލު ކުރި އޭޖެންޓެއް ކަމަށްވާ ޕީޓާ ހެޗް ބުނީ އޭނާގެ ޑިޕާޓްމަންޓުން ފަލަސްތީނަށް ތާއީދުކުރާ ކޮލެޖް ދަރިވަރުން ހޯދުމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށެވެ.
އަދި ޔަހޫދީންގެ އެހީ އެކަމުގައި ހޯދާ ކަމަށް ބުނަމުން އޭނާ ކޯޓަށް ކިޔައި ދިނީ ޔަހޫދީން ފަލަސްޠީނު ދަރިވަރުންގެ ޒާތީ މައުލޫމާތު ހާމަކުރާ ކެނެރީ މިޝަން ވެބްސައިޓުގެ އެހީގައި ކުދިން ހޯދަމުންދާ ކަމަށެވެ. ޔަހޫދީން ވަނީ މިހާތަނަށް އެ ވެބްސައިޓަށް 5 ހާސް ކުދިންގެ ޒާތީ މައުލޫމާތު ހިމަނާފައެވެ. އަދި އެ މައުލޫމާތު ސަރުކާރުން ބަލައި އޭގައި އަތްފުނާއަޅާފައިވާ ކަމަށް ބުންޏެވެ.
ގާޒީ ވިލިއަމް ޔަންގް ވަނީ ފަލަސްޠީނު ދަރިވަރުން ހޯދައި ގަންނަ ގޮތަކީ އެއީތޯ ޔަގީން ކުރުމަށް އިތުރަށް ސުއާލު ކުރައްވާފައެވެ. އެމީހާ ޖަވާބު ދީފައި ވަނީ ޔަހޫދީންގެ އެހީ އެކަމުގައި ލިބޭކަން ކަށަވަރުކޮށްދީފައެވެ.
އިންސާނީ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ޔަހޫދީން ފަލަސްޠީނު ރައްޔިތުންނާ މެދު ހަސަދަ ފިލުވާލުމަށް ބޭނުން ކުރާ ވަސީލަތެއް އެމެރިކާގެ ސިޔާސަތު ތަންފީޒު ކުރުމަށް ބޭނުން ކުރުމަކީ ދެރަވަރު ކަމެއް ކަމުގައި ބުނެފައެވެ.
ސިޓީ ޔުނިވާސިޓީ އޮފް ނިއުޔޯކްގެ ސޯޝިއޮލޮޖީ ޕްރޮފެސަރު ހިބާ ޖަވާދު ވިދާޅުވީ ފަލަސްޠީނަށް ސަޕޯޓު ކުރާ އެކްޓިވިސްޓުންނަށް ގެއްލުންދީ ބިރުދެއްކުމަށް ޒާތީ މައުލޫމާތު ޕޯސްޓްކުރާ އޮންލައިން ބްލެކްލިސްޓަކަށް ޓްރަމްޕްގެ ސަރުކާރުން ބަރޯސާވުމަކީ "މުޑުދާރު އަދި ފެޝީސްޓް" ކަމެއް ކަމަށެވެ.

