ހުޅަނގު އެފްރިކާގައި ފްރާންސުން ހިންގި ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ތެރެއިން ނައިޖަރު ހިންގި ޖަރީމާތަކަށް މައާފަށް އެދެން ތައްޔާރަށް އޮތް ކަމުގައި ފްރާންސުން ބުނަން ފަށައިފިއެވެ. ނައިޖަރުގައި ފްރާންސް ސިފައިން ވަނީ ރަށްތަކުގައި ހުޅުޖަހައި ސަގާފީ ތަކެތި ފޭރިގަނެ ޖަރިމާތައް ހިންގާފައެވެ. މިއަދު ގަރުނަކަށް ވުރެ ގިނަ ދުވަސް ފަހުން ފްރާންސުން ވަނީ މާލީ ބަދަލު ދީފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.
"ފްރާންސް އޮތީ ނައިޖަރުގެ މަސްއޫލުވެރިންނާއެކު މަޝްވަރާކޮށް އަނިޔާވެރިކަމާ ބެހޭ ގޮތުން ރިސާޗް ކުރިއަށް ގެންދިއުމަށް ތައްޔާރަށް" މީޑިއާއިން ފްރާންސް ސަރުކާރގެ ވެރިންނާ ހަވާލާދީ ބުނެއެވެ.
އެފްރިކާގައި ފްރާންސުން ހިންގި އެންމެ އަނިޔާވެރި އިސްތިއުމާރީ ކެމްޕޭންތަކުގެ ތެރެއިން 1899 ވަނަ އަހަރުގެ މިޝަން އެފްރިކް ސެންޓްރަލްގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ދަރިކޮޅުގެ މީހުން ތަމްސީލުކުރާ ނައިޖަރުގެ ހަތަރު ޖަމާއަތަކުން ވަނީ ޝަކުވާ ހުށަހަޅާފައެވެ.
1899 ވަނަ އަހަރު ކެޕްޓަން ޕޯލް ވޮލެޓް އާއި ޖޫލިއަން ޗަނޯއިން އިސްކޮށް ހުރެގެން ފްރާންސްގެ އޮފިސަރުން ވަނީ މިހާރުގެ ނައިޖަރުގެ އަވަށްތައް ހުޅުޖަހައި މީހުން ރޭޕްކޮށް މީހުން މަރައި ހަދާފައެވެ.
ހަތިޔާރު ނެތް އެތައް ހާސް ބަޔަކު މަރާލައި، ސާމާނާއި ތަކެތި ފޭރިގަނެ، ރައްޔިތުންނަށް ފްރާންސުން ނައިޖަރު ރަސްމީކޮށް ހިފައި އިސްތިއުމާރު ކުރިއެވެ.
"އަހަރެން މިއައީ އެމްޕަޔަރއެއް ގާއިމް ކުރަން،" ފްރާންސްގެ ޖެނަރަލްއާ ހަވާލާދީ ތާރީޚް ލިޔުންތެރިޔާ މެތިއު ޖީ ސްޓެނާޑް 2009 ވަނަ އަހަރު ލިޔުއްވި ފޮތް "ދަ ކިލާ ޓްރޭލް: އަ ކޮލޮނިއަލް ސްކޭންޑަލް އިން ދަ ހާޓް އޮފް އެފްރިކާ"ގައި ލިޔެފައިވެއެވެ. "މަރާލަން ޖެހިއްޖެއްޔާ އަހަރެން މަރާލާނަން. އަންދާލަން ޖެހިއްޖެއްޔާ އަހަރެން އަންދާލާނަން. ކޮންމެ ވަސީލަތަކީ ވެސް އަހަރަމެންގެ މަސައްކަތަށް ޙައްޤު ވަސީލަތެއް" އޭނާ ބުނެފައި ވެއެވެ.
ފްރާންސް ސިފައިން އެއް ދުވަސްތެރޭގައި އެކަނިވެސް ގާތްގަނޑަކަށް 400 މީހުން ޤަތުލުކޮށްފައިވާ ކަމަށް ބެލެވެއެވެ. އެމީހުން ދަތުރު ކުރި މަގުގައި ހުރި އަވަށްތަށް ކަމަށްވާ -ޓިބިރީ، ޒިންދަރު އަދި ކުދި ޖއާބާދީތައް- އަންދާލައި ފޭރިގަނެ މީހުން މަރާފައި ވެއެވެ. ސަލާމަތްވި ބައެއް މީހުން އަވަށްޓެރި ނައިޖީރިއާއަށް ފިލައިގެން ދިޔައެވެ.
ފާއިތުވި އަހަރުތަކުގައި ފްރާންސުން ވަނީ އެފްރިކާގައި ފްރާންސާގެ އަނިޔާވެރިކަމާ ދެކޮޅު ވާހަކަތައް ދައްކަން ފެށުމުން ފްރާންސުން ކޮށްފައިވާ އަނިޔާތަކަށް މައާފަށް އެދެން ފަށާފައެވެ.
2021 ވަނަ އަހަރު ރައީސު އިމަނުއެލް މެކްރޮން ވަނީ ރުވާންޑާގެ ނަސްލު ނައްތާލުމުގައި ފްރާންސްގެ ޒިންމާއެއް އޮތް ކަމަށް އެއްބަސްވެފަ އެވެ. އޭގެ އަހަރެއް ފަހުން ޕެރިހުން ވަނީ 1945 ވަނަ އަހަރު އަލްޖީރިއާގެ ދިހަހާސް އާންމުންގެ ގަތުލުއާންމެއް ހިނގިކަން ގަބޫލުކޮށްފަ އެވެ. 2023 ވަނަ އަހަރުގެ މެއި މަހު ވަނީ 1947 ވަނަ އަހަރު ހިންގި ގަތުލުއާންމުގެ އަނިޔާވެރކަމަށް ރަސްމީކޮށް މައާފަށް އެދިފައެވެ.
އަދިވެސް ފްރާންސްގެ ސްކޫލް ފޮތްތަކުގައި ފްރާންސްގެ އަނިޔާތަކުގެ ވާހަކަ ކިޔައެއް ނުދެއެވެ. އިސްތިއުމާރީ ފިކުރުން އަދިވެސް ދައްކަނީ މިމީހުން ހިންގި މޮޅުކަންކަމުގެ ވާހަކައެވެ.

