އެމެރިކާގެ ރިއާސީ އިންތިޚާބަށް ކުރިމަތިލުމަށްފަހު ޕްރައިމަރީން ނާކާމިޔާބު ވެ، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި މަޝްހޫރު ވިޔަފާރިވެރިޔާ އެލޮން މަސްކަށް ސަޕޯޓު ކުރެއްވި ވިވެކް ރާމަސްވާމީ، ނިއުޔޯކްގެ މޭޔަރުކަމުގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވާ ޒަހްރާން މަމްދާނީއާ ދެކޮޅަށް ނިކުމެއްޖެއެވެ. މިކަމުގެ ތެރެއިން، މިއަދު އޭނާ ވަނީ ނިއުޔޯކްގެ މަޝްހޫރު ޓައިމްސް ސްކުއަރގައި މަމްދާނީއާ ދެކޮޅަށް ޑިޖިޓަލް ބިލްބޯޑެއް ބަހައްޓާފައެވެ.
މި ބިލްބޯޑުގައި ވިވެކް ރާމަސްވާމީ އިޝްތިހާރު ކުރަނީ، މަމްދާނީގެ "ސޯޝަލިސްޓް އަނިޔާވެރިކަމުން ފިލަން ބޭނުންވާ" މީހުންނަށް އޮހަޔޯ ސްޓޭޓްގައި މިނިވަންކަމާއި އަމާންކަން ލިބޭނެ ކަމަށެވެ. މިއީ އޭނާ 2026 ވަނަ އަހަރު އޮހާޔޯ ސްޓޭޓްގެ ގަވަރުނަރުކަމަށް ހޮވުމަށް ކުރައްވާ ކެމްޕޭންގެ އެއްބައެއްގެ ގޮތުގައެވެ.
އުމުރުން ތެއްތިރީސް އަހަރުގެ މަމްދާނީއަކީ ނިއުޔޯކުގެ މޭޔަރުކަމުގެ ޕްރައިމަރީ ކާމިޔާބުކޮށްފައިވާ ކެންޑިޑޭޓެކެވެ. ރާމަސްވާމީގެ ކެމްޕޭނުން ބޭނުންވަނީ މަމްދާނީގެ ސޯޝަލިސްޓް ސިޔާސަތުތަކާ ދެކޮޅު ފަރާތްތަކަށް އޮހާޔޯއަކީ އެކަށީގެންވާ މަންޒިލެއްކަން އަންގައިދިނުމަށެވެ.
ވިވެކް ރާމަސްވާމީއަކީ އެމެރިކާގެ 2024 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގައި ޓްރަމްޕްގެ ވާދަވެރިއެއްގެ ގޮތުގައި ވާދަކުރައްވައި، ޕްރައިމަރީގައި 4 ވަނަ ހޯއްދެވުމަށްފަހު ޓްރަމްޕަށް ތާއީދު ކުރެއްވި ބޭފުޅެކެވެ.

