ސެނެގާލްގައި ހުރި އިސްތިއުމާރީ ފްރާންސްގެ އެންމެ ފަހުގެ ދެ އަސްކަރީ މަރުކަޒު ރަސްމީކޮށް އިއްޔެ އަނބުރާ ސެނެގާލް ސަރުކާރާ ހަވާލު ކުރުމުން ހުޅަނގު އެފްރިކާގައި ވެސް އަދި މެދުތެރޭ އެފްރިކާގައި ވެސް ދާއިމީ ކޮށް ފްރާންސްގެ އިސްތިއުމާރީ ސިފައިން ތިބުން ނިމުމަކަށް އައީއެވެ.
މިނިވަން ސެނެގާލްގައި ފްރާންސް ސިފައިން ހޭދަކުރި 65 އަހަރު ނިމުމަކަށް އައުމުން މުޅި ބައްރު އެއްކޮށް ފްރާންސްގެ އިސްތިއުމާރުން ސާފު ކޮށްލެވުނީއެވެ.
ކުރިން މާލީއާއި، ބުރްކިނާ ފާސޯ އަދި ނައިޖަރުން ވަނީ މިފަދަ ފިޔަވަޅެއް އަޅާފައެވެ. ސެނެގާލަކީ އެފްރިކާގައި ފްރާންސްގެ ފުރަތަމަ ކޮލޯނީތަކުގެ ތެރެއިން އެއް ކޮލޯނީ އެވެ.
މުޅި އެފްރިކާގެ ސަރުކާރުތަކުން ވަނީ ތަނަކަށް ފަހު ތަނަކުން ފްރާންސް ފައްސާލާފައެވެ.
މިއަހަރުގެ ފެބްރުއަރީ މަހު އައިވަރީ ކޯސްޓުން ވަނީ ފްރާންސް ސިފައިން ބޭރުކޮށް އެމީހުން ތިބި ސިފައިންގެ އަމރުކަޒު އަތުލައި ގަނެފައެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ޗާޑުން ވަނީ ފަރަންސޭސި ސިފައިން ބޭރުކޮށްލައި ކޮސޭގައި ހުރި އެމީހުންގެ މަރުކަޒު އަތުލައިފައެވެ.
2020 އާއި 2023 އާ ދެމެދު ބުރްކިނާ ފާސޯ، ނައިޖަރު އަދި މާލީގައި ސިފައިން ގެނައި އިންގިލާބުތަކަށްފަހު އެތަންތަނުންވެސް ފްރާންސް ސިފައިން ވަނީ ފައްސާލާފައެވެ.
މިހާރު އެތަންތާނގައި ސަރުކާރުތަކުން ގުޅުން ބަދަހިކޮށްފައި ވަނީ ރަޝިޔާއާއެކުގައެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކް އިންވެސް ވަނީ ފްރާންސް ސިފައިން ބޭރުވުމަށް އަންގާފައެވެ.
ފްރާންސުން ދެން ދާއިމީކޮށް އެފްރިކާގައި ތިބޭނީ ޖިބޫޓީގައެވެ. ޖިބޫޓީއަކީ ފްރާންސާއި ޗައިނާއާއި އެމެރިކާއަށް އަސްކަރީ މަރުކަޒު ހެދުމަށް ޖާގަދީފައިވާ އެފްރިކާގެ މުލީގައި ހިމެނޭ ގައުމެކެވެ.

