ދިވެހިރާއްޖެއަށް ކުރައްވާ ދެދުވަހުގެ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބާއްވަވާ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ދެއްވާނީ، ހިންދު ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ދެޤައުމުގެ ސަލާމަތީ ބާރުތައް ގުޅިގެން މަސައްކަތް ކުރުން ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ. މަސްތުވާތަކެތީގެ ވިޔަފާރިއަކީ، ޓެރަރިޒަށް ފަންޑު ކުރުމަށް ސަރަހައްދުގައި ކުރެވޭ މުއާމަލާތެއް ކަމަށް ބުނެފައި ވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ، މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، މިކަމުގައި އިންޑިއާގެ އެހީތެރިކަން ހޯއްދެވުމަށް ވިސްނަވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.
އިންޑިއާއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމުގެ ތެރެއިން، ޢަރަބި ކަނޑުގައި އިންޑިއާގެ ސަލާމަތީ ބާރުތަކާއި ދިވެހިރާއްޖޭގެ ދިފާޢީ ބާރުތައް ގުޅިގެން ހަރަކާތެރި ވުމަށާއި، އެކުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް މިކަމުން މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
އިންޑިއާއިން އިސްވެ އުފައްދާފައިވާ ސަރަހައްދީ ސަލާމަތީ ވިއުގައެއް ކަމަށްވާ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީ.އެސް.ސީ) ގެ މެންބަރެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއިން މި މަސައްކަތަށް އިސްކަންދޭ ސަބަބުތަކުގެ ތެރޭގައި، ސަރަހައްދުގެ ސަލާމަތީ ހިރާސްތަކާއި ކުރމަތި ލުމަށާއި ބައިނަލްއަޤްވާމީ ގޮތުން ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ސީއެސްސީ ބޭނުންކުރުން ހިމެނެއެވެ. އަދި މި ގުޅުމުން ހާމަކޮށްދެނީ، މަސްތުވާތަކެއްޗާ ގުޅުންހުރި ޓެރަރިޒަމްގެ މައްސަލަތައް ހުއްޓުވުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތުގައި އިންޑިއާއަކީ މުހިއްމު ބައިވެރިއެއް ކަމެވެ. އަދި މި ދެ ޤައުމަކީވެސް ހިންދު ކަނޑުގެ ސަލާމަތީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދޭ ގައުމެވެ.
