ސުނާމީ ރާޅުތަކުގެ ފުރަތަމަ އަސަރުތައް ހަވާއީގެ ކަވާއީ ސަރަޙައްދުގެ އައްސޭރިފަށުގައި ލަސްތަކެއްނުވެ ފެންނާނެކަމަށް ލަފާކުރެވެއެވެ. އަދި ހަވާއީ ޖަޒީރާއަށް މީގެ އަސަރު ކުރާނީ އޭގެ 20-30 މިނެޓު ފަހުންކަމަށް ބެލެވެއެވެ.
ހަވާއީގެ ގަަވަރނަރު ޖޮޝް ގްރީން ވިދާޅުވި ގޮތުގައި، ޖަޕާނާއި ހަވާއީގެ ދެމެދުގައި އޮންނަ މިޑްވޭ އަތޮޅުން ނެގުނު މަޢުލޫމާތުން ދައްކާގޮތުގައި، ސުނާމީ ރާޅުތަކުގެ އުސްމިނަކީ 6 ފޫޓު (1.8 މީޓަރު) އެވެ.
އޭނާ ވިދާޅުވީ ހަވާއީއަށް އަރާ ރާޅުތައް މިއަށްވުރެ ބޮޑު ނުވަތަ ކުޑަ ވެދާނެ ކަމަށާއި، އަދި ރާޅުތަކުގެ ބޮޑުމިން އެނގޭހާ އަވަހަށް ނޫންކަމަށެވެ. މި ބޮޑުމިނުގެ ސުނާމީއަކީ 3 ފޫޓު (90 ސެންޓިމީޓަރު) އުސްމިނުގެ ރާޅެއް އާންމު ރާޅުތަކުގެ މަތިން އަރާ މިންވަރާ އެއްވަރުގެ އެއްޗެއްކަމަށް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ މި ވަރުގެ ރާޅަކުން ކާރުތައް އެއްލާލައި ފެންސްތައް ވައްޓާލެވޭ ވަރުގެ ބާރު ހުންނާނެ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ރަޝިޔާގެ ސަރަހައްދަށް އައިސްފައިޥާ ބޮޑު ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ރަޝިޔާ ހިސާބަށެވެ. ނަމަވެސް، އެއްވެސް ބޮޑު އަނިޔާއެއް ގެއްލުމެއްގެ ޚަބަރެއް ލިބިފައެއް ނުވެއެވެ.
ބިންހެލުމުގެ މައި މަރުކަޒު ކަމުގައިވާ ކަމްޗަޓްކާގެ ސަރަޙައްދުގައި ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވެފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ. އެ ސަރަޙައްދުގެ ކުޑަކުދިންގެ ބަގީޗާއަކަށް ގެއްލުން ލިބިފައިވާ މަންޒަރުތަކާއި، ކައިރީގައިވާ ބަނދަރު ރަށަކަށް ރާޅުތައް އަރާފައިވާ މަންޒަރުތައް ފެނިފައި ވެއެވެ.
މީގެ އިތުރުން، އެ ސަރަޙައްދުގައި 4 މީޓަރު އުސްމިނުގެ ރާޅުތައް އުފެދުނު ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ. ނަމަވެސް، އެއްވެސް ނުރައްކާތެރި ގެއްލުމެއްގެ ޚަބަރެއް އަދި ސަރަޙައްދީ އޮފިޝަލުން ދީފައެއް ނުވެއެވެ. ރަޝިޔާގެ ސަރަޙައްދީ ޞިއްޙީ ވަޒީރު އޯލެގް މެލްނިކޯވް ވިދާޅުވި ގޮތުގައި، ބައެއް މީހުން ބޭރަށް ދުވެފައި ދިޔުމުގެ ތެރޭގައާއި އެހެނިހެން ކުދިކުދި ހާދިސާތަކުގައި އަނިޔާވެފައިވެއެވެ. ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި ހުރިހާ އެންމެންވެސް "މިވަގުތު ތިބީ ރަނގަޅު ޙާލަތެއްގައި، އަދި މިހާތަނަށް އެއްވެސް ނުރައްކާތެރި އަނިޔާއެއްގެ ޚަބަރެއް ލިބިފައެއް ނުވެއެވެ."
ޖަޕާނުގެ އައްސޭރިފަށުގެ ގިނަ ސަރަޙައްދުތަކުގައި ކުރިއަށް އޮތް ގަޑިއިރުތެރޭގައި ރާޅު އަރާނެ ކަމަށް ބަލައި އިންތިޒާރުގައި އެބަތިއްބެވެ. އަދި އަލާސްކާ އާއި ހަވާއީގެ ބައެއް ސަރަޙައްދުތަކުގައި ސުނާމީގެ އިންޒާރު އަދިވެސް ދެމިއޮތެވެ.


