ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭނުންކުރެވުނު ޑްރޯންތައް ވެއްޓުނު މައްސަލަ، އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ. ގާތްގަނޑަކަށް 1،000 ޑްރޯން ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މިނިވަންކަމާއި ވެލާނާ އެއަރޕޯޓުގެ ތާރީޚީ މަންޒަރުތައް ރޭގަނޑުގެ އުޑުގައި ދައްކުވައިދިން އިރު، ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ހަވާ އެރުވުމުގެ މަންޒަރުވެސް ދައްކާފައި ވެއެވެ. ނަމަވެސް ބައެއް ޑްރޯންތައް ރަންވޭގެ މައްޗަށާއި އެއަރޕޯޓުގެ ސަރަޙައްދަށް ވެއްޓިފައި ވެއެވެ.
އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފު ޕޮލިސް ކޮމިޝަނަރ އިސްމާޢީލް ނަވީނަށް ފޮނުވި ސިޓީއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ.
ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ޝޯގެ އެންމެ ފަހު ފޮމޭޝަންގައި ޑްރޯންތަކުގެ ސިގްނަލް ގެއްލި، ކޮންޓްރޯލުން ނެއްޓިގެން ދިޔަ ކަން ފާހަގަ ކޮށްފައި ވެއެވެ. ބައެއް ޑްރޯންތައް ވެއްޓުނު އިރު އަނެއްބައި ޑްރޯންތައް ވަނީ ގެއްލިފައެވެ. ސިޓީގައި ބުނެފައިވާ ގޮތުން، އެމްއޭސީއެލްއާއި ޑްރޯން ޝޯ ހިންގި ފަރާތަށް ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ.
ޑްރޯން ޝޯ ހިންގި ފަރާތުން ޝައްކުކުރަނީ އެހެން ފަރާތަކުން ޑްރޯންތަކުގެ ފްރީކުއެންސީއަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. މިގޮތަށް ޝައްކުކުރަނީ ރިހާސަލް ރަނގަޅަށް ކުރިއަށް ގޮސްފައިވުމާއި، އެއަރޕޯޓުގެ އެހެނިހެން ޓެކްނިކަލް މުވައްޒަފުން ވެސް ސިގްނަލް ލިބުމުގެ ދަތިތަކެއް ހުރި ކަމަށް ރިޕޯޓުކޮށްފައިވުމާއި، ސިސްޓަމް ރީސެޓްކުރުމަށްފަހު ފުރިހަމައަށް މަސައްކަތްކުރި ކަމަށް ފާހަގަކޮށްފައި ވުމުންނެވެ.
ވެއްޓުނު ޑްރޯންތަކުގެ ޢަދަދު އަދިވެސް ދަނީ މުރާޖަޢާކުރަމުންނެވެ.

