މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން މާލޭ ނޯތު ހާބަރުގައި އައު މަސް ފިހާރައެއް ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ މާލޭގައި މިފްކޯއިން ހުޅުވި ހަތަރުވަނަ މަސް ފިހާރައެވެ.
މި އައު ފިހާރަ ހުޅުވައިދެއްވީ މިފްކޯގެ ސޭލްސް މެނޭޖަރ ޢަބްދުﷲ ރަޝީދެވެ. މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށް ވީހާވެސް ލުއިފަސޭހަގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުން ކަމަށް މިފްކޯއިން ބުނެއެވެ. އެއީ ނޯތު ހާބަރު ސަރަޙައްދަކީ ވިޔަފާރިވެރިން ގިނަ އަދަދަކަށް ޚިދުމަތް ހޯދާ މުހިންމު ސަރަޙައްދަކަށް ވާތީއެވެ.
މި އައު ފިހާރައިން މިފްކޯގެ ހުރިހާ މަހުގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ. ޚާއްސަކޮށް ވިޔަފާރިވެރިން ގިނައިން ބޭނުންކުރާ ތެޔޮ މަސްދަޅު، ފެން މަސްދަޅު އަދި ވަޅޯމަސް ފަދަ އުފެއްދުންތައް މި ފިހާރައިން ލިބޭނެއެވެ.
މިފްކޯގެ މި އައު މަސް ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަހާއި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 6:00 އަށެވެ. މި ފިހާރަ ހުޅުވުމާއެކު، އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށް މަސްވެރިކަމުގެ އުފެއްދުންތައް ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

