ރާނީ އެލިޒަބަތު ދެވަނަ ގެންގުޅުއްވި ޝާހީ ހެލިކޮޕްޓަރު ޗާލްސް ރަސްގެފާނު ތިންވަނަ ނީލަމުގައި ވިއްކާލުމަށް ނިންމަވައިފިއެވެ. ރަސްގެފާނު ބޭނުންފުޅު ވަނީ އެ ހެލިކޮޕްޓަރު ވިއްކަވައިގެން ފަސް މިލިއަން ޕައުންޑް ހޯއްދަވާށެވެ.
މި ހެލިކޮޕްޓަރަކީ 2009 ވަނަ އަހަރު އުފެއްދި، އަށް މީހުންގެ ޖާގައިގެ ރަތް ކުލައިގެ ސިކޯސްކީ އެސް-76ސީ+ މޮޑެލްގެ ހެލިކޮޕްޓަރެކެވެ. މި ހެލިކޮޕްޓަރުގެ ބަދަލުގައި ރަސްގެފާނު ބޭނުންފުޅު ވަނީ ތިމާވެށްޓާ ރައްޓެހި ދެ ޖެޓެކެވެ. މި ދެ ޖެޓުގެ ތެރެއިން ކޮންމެ ޖެޓެއްގެ އަގު ގާތްގަނޑަކަށް 8.5 މިލިއަން ޕައުންޑަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.
ޝާހީ ޢާއިލާއިން މިހާރު ބޭނުން ކުރަމުންދަނީ 2022 ވަނަ އަހަރުން ފެށިގެން ގަތް އާ އޮގަސްޓާ ވެސްޓްލޭންޑް އޭޑަބްލިއު139 މޮޑެލްގެ ހެލިކޮޕްޓަރެކެވެ. މި ހެލިކޮޕްޓަރު ދުއްވަނީ އޭވިއޭޝަން ފިއުލް އިންނެވެ. ވިއްކާލުމަށް ހަމަޖެހިފައިވާ ސިކޯސްކީ ހެލިކޮޕްޓަރު ޝާހީ ޢާއިލާއިން ބޭނުންކުރާތާ 15 އަހަރު ވެއްޖެއެވެ.
ރާނީގެ ހެލިކޮޕްޓަރު ވިއްކަން ހަމަޖެހުމުން އެ ހެލިކޮޕްޓަރުގެ އެތެރެ ފުރަތަމަ ފަހަރަށް ޢާންމުކޮށް ދައްކާލާފައިވެއެވެ. މި ހެލިކޮޕްޓަރުގެ އެތެރޭގައި ވަނީ ހުދު އަޅިކުލައިގެ ސީދާ ޖަނަވާރު ހަމުން ޒީނަތްތެރިކޮށްފައިވާ ގޮނޑިތަކެކެވެ. އަދި ބިންމަތީގައި ނޫކުލައިގެ ކާޕެޓެއް އަޅާފައިވެއެވެ. މީގެ އިތުރުން މަޖައްލާ ބަހައްޓާ ހަރަކާއި، ލަކުޑިން ތައްޔާރުކޮށްފައިވާ ގަޑިއަކާއި، ކުލަ ބިއްލޫރި ޖަހާފައިވާ ކުޑަދޮރުތަކުން މި ހެލިކޮޕްޓަރުގެ އެތެރެ އިތުރަށް ޒީނަތްތެރިކޮށްދެއެވެ.
ހެލިކޮޕްޓަރު ބްރޯކަރު އެއަރޯއެސެޓް އިން ތައްޔާރުކޮށްފައިވާ ވިއްކުމުގެ އިޝްތިހާރުގައި ފާހަގަކޮށްފައިވާ ގޮތުގައި މިއީ އެ ކުންފުންޏަށް "އަލަށް ލިބުނު އެންމެ ވެރިފަރާތަކުން ގެންގުޅެފައިވާ" އުޅަނދެވެ. އަދި މިއީ "ދައުލަތުގެ ވެރިއެއްގެ ހައިސއްޔަތާ ގުޅޭ އުޅަނދެއް" އެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. މި ހެލިކޮޕްޓަރު މިހާތަނަށް 5،222 ގަޑިއިރު އުދުހިފައިވެއެވެ. 

