އަރަބިންނާ ހެދި މުސްލިމުން މިހާ ނިކަތި ދުވަސްވަރެއް ތަޖުރިބާ ކޮށްފައެއް ނުވޭ!

ޔޫރަޕާއި އެމެރިކާގެ ވާގިވެރިކަމާއެކު، އަރަބި އިސްލާމީ ގައުމުތަކަށް ދައްކައިގެން ޔަހޫދީން ހިންގަމުން ގެންދާ ހޮލޮކޯސްޓްގައި ޣައްޒާގެ ރައްޔިތުން ބޯފެނަށް ޖެހެމުންދާ ކަމަށް ބުނެ އދން އިންޒާރު ދީފިއެވެ.

ފެނުގެ ދަތިކަން އިތުރުވަމުންދާ ކަމުގެ އިންޒާރު ދީފައިވާއިރު، "ބަނޑަށް މަރުވުމުގެ ބިރުވެރިކަން އާންމުވެފައިވާއިރު، ޣައްޒާގެ ގިނަ ބަޔަކަށް ރައްކާތެރި ބޯ ފެނާއި ސާފުތާހިރުކަމުގެ ޚިދުމަތެއް ނުލިބޭ" ކަމަށް އދން ބުނެއެވެ.

އދން މިއިންޒާރުތައް ދެމުންދާއިރު އަވަށްޓެރި އަރަބި ގައުމުތަކުގެ ވެރިންގެ ހިއްސުތައް ވަނީ އައްސިވެފައެވެ. ދެ ހަރަމައިން ބަލަހައްޓާ ވެރިންގެ ގައުމުގައި ޖޯކު އަޑު އަހައި ހީލުމަށް އެތައް ދުވަހެއްގެ މަހުރަޖާނެއްވެސް ބާއްވަން ދަނީ ތައްޔާރު ވަމުންނެވެ.

ޣައްޒާ މީހުން ބަނޑަށް މަރުވާއިރު 1 ބިލިއަން މުސްލިމުން ތިބީ ގޮތް ހުސްވެ ނިކަމެތިވެ ބިކަ ބަޔަކަށް ވެފައެވެ. މިފަހުން އިސްލާމީ އުންމަތް މިހާ ނިކަމެތި ދުވަސްވަރެއް ދެކެފައެއް ނުވެއެވެ.

ޔަހޫދީންގެ ބަނޑަށް ޖެއްސުމުގެ ޝިކާރައަކަށް ވެފައިވާ ފަލަސްޠީނު މީހުން ސަލާމަތްކުރުމަށް އެމެރިކާއާއި ޔޫރަޕަށް ފިއްތައިގެން ފިޔަވަޅެއް އެޅުމަށް އޯއައިސީންވެސް ނުކޅެލެދިފައިވާ ކަން ފާހަގަ ކުރެވެއެވެ.

އދން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ޣައްޒާގެ %96 ގޭބިސީތަކަށް ނުލިބޭ ކަމަށާއި، އާބާދީގެ %90 މީހުން ބޯފެނުން މަހުރޫމްވެފައިވާ ކަމަށެވެ. ޔަހޫދީ ހޮލޮކޯސްތްގެ ސަބަބުން ޣައްޒާގެ އާބާދީގެ %75 މީހުންނަށް ފާޚާނާ ކޮށް ސާފުތާހިރުވުމަށް ވެސް ނުކުޅެދޭ ހާލަތަށް ކަންކަން ގޮސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލުން ވަނީ އެމެރިކާއާއި އިޒްރޭލުން ގުޅިގެން ޣައްޒާގައި އެމެރިކާގެ ކުލީ ސިފައިން މެދުވެރިކޮށް ބަހާ އެހީ ހޯދަން ދިޔަ 1،373 ފަލަސްތީނު މީހުން މިހާތަނަށް ޝަހީދުކޮށްފައިވާ ކަމަށް ބުނެފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނަށް "ބިރުވެރި އިންސާނީ ކާރިސާއެއް" ކުރިމަތިވެފައިވާ ކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް