އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިންޓެލްގެ ސީއީއޯ ލިޕް-ބު ޓާން ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލައިފިއެވެ. ޓްރަމްޕް ވިދާޅުވަނީ އޭނާ އެމަގާމުގައި ހުންނެވުމުން ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" ގައި މިކަން ފާހަގަކުރައްވައި ޕޯސްޓެއް ކުރައްވާފައި ވެއެވެ. ޓާންއާ ދެކޮޅަށް އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ސެނެޓަރ ޓޮމް ކޮޓަން އެވެ. ކޮޓަން ވިދާޅުވަނީ ޓާންއާ ޗައިނާގެ ކުންފުނިތަކާ އެކު ގުޅުމެއް އޮންނަ ކަމަށެވެ. އަދި އެކަމާ މެދު އޭނާ ވަނީ ކަން ބޮޑުވުން ފާޅުކޮށްފައެވެ. ސެނެޓަރ ކޮޓަންގެ ތުހުމަތުތަކުގައި، ވިދާޅުވަނީ ޓާން ވަނީ ޗައިނާގެ އެތައް ކުންފުންޏެއްގެ ހިއްސާ ގަނެފައި ކަމަށެވެ. އަދި އޭގެ ތެރެއިން މަދުވެގެން 8 ކުންފުންޏަކީ ޗައިނާގެ ސިފައިންނާ ގުޅުން ހުރި ކުންފުނިތަކެއް ކަމަށެވެ.
މީގެ ކުރިން ޓާން އިސްކޮށް ހުންނެވި ކެޑެންސް ޑިޒައިން ސިސްޓަމްސް ކުންފުނިން ވަނީ ޗައިނާގެ އަސްކަރީ ޔުނިވަރސިޓީއަކަށް ޤާނޫނާ ޚިލާފަށް އެމެރިކާގެ އުފެއްދުންތަކެއް ވިއްކި ކަމަށް އިއުތިރާފުވެފައެވެ. އަދި ހަމައެހެންމެ، ޗައިނާގެ ސެމިކޮންޑަކްޓަރ އުފައްދާ ކުންފުންޏަކަށް އެކަށީގެންވާ ހުއްދަތައް ނެތި ޓެކްނޮލޮޖީ ބަދަލުކޮށްފައިވާ ކަމަށްވެސް ޓާންގެ ކުންފުންޏަށް ތުހުމަތުކުރެވެއެވެ.
2025 ވަނަ އަހަރުގެ މާރިޗު މަހު އިންޓެލްގެ ސީއީއޯގެ މަޤާމާ ޓާން ހަވާލުވިއިރު، ކުންފުނިން ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. މީގެ އިތުރުން، ވައިޓް ހައުސްއިން ނެރެފައިވާ ޓެރިފްތަކާއި އެކްސްޕޯޓް ރެސްޓްރިކްޝަންތަކުގެ ސަބަބުން މާކެޓްގައި ހަލަބޮލިކަން އުފެދިފައިވާކަން ވެސް ފާހަގަކުރެވެއެވެ. މި މައްސަލައިގައި އިންޓެލްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މި މައްސަލައަކީ އެމެރިކާ-ޗައިނާ ޓެކްނޮލޮޖީ ދާއިރާގެ ގުޅުންތަކަށް އިތުރު ބުރޫއަރާފާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.