ޓައިވާންގެ ޓެކްނޮލޮޖީ ކުންފުނި ފޮކްސްކޮން އިން އިންޑިއާގެ ތަމިލްނާޑޫ ސަރުކާރާއެކު 1.69 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އިންވެސްޓްމަންޓްގެ ސަބަބުން 14،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދޭނެކަމަށް ލަފާކުރެވެއެވެ.
ފޮކްސްކޮންގެ ވިޔަފާރިއާއި ސިނާއަތު ފުޅާކުރުން އަމާޒު ކޮށްފައި ވަނީ ފޯނުތަކަށް ބޭނުންވާ ބެޓެރީ ސިސްޓަމްތައް އުފެއްދުމަށާއި އާޓިފިޝަލް އިންޓެލިޖެންސް އާ ގުޅިފައިވާ ސިނާއީ ކަންކަން ކުރިއެރުވުން ފަދަ އަލަށް އުފެދެމުންއަންނަ ޓެކްނޮލޮޖީތަކަށެވެ. މި މަޝްރޫޢުއަށް ފަހިކުރުމަށް ތަމިލްނާޑޫ ސަރުކާރުން ވަނީ "ފޮކްސްކޮން ޑެސްކް" ގެ ނަމުގައި ޚާއްސަ ޔުނިޓެއް ސަރުކާރު ތެރޭގައި ޤާއިމްކޮށްފައެވެ.
މި އިންވެސްޓްމަންޓަކީ އިންޑިއާ-ޓައިވާން ދެމެދުގެ ގުޅުމުގެ 30 ވަނަ އަހަރީ ދުވަހާ ދިމާކޮށް އައިސްފައިވާ ކުރިއެރުމެކެވެ. 2024 ވަނަ އަހަރު ދެ ގައުމުގެ ވިޔަފާރި 10.6 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، 2025 ގެ އޯގަސްޓް މަހާ ހަމައަށް އަހަރަކު 15% ގެ ކުރިއެރުމެއް ވަނީ ފެނިގެން ގސްފައެވެ. މިހާރުވެސް އިންޑިއާގެ އިލެކްޓްރޯނިކްސް އެކްސްޕޯޓްގެ 41% އުފައްދަނީ ތަމިލްނާޑޫއިންނެވެ.