އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް ދެއްކި ވާހަކައެއް ދޮގުކޮށްފައެވެ. ޓްރަމްޕް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފޯނުން ގުޅުއްވައި ރަޝިއާއިން ތެޔޮ ގަތުން ހުއްޓާލުމަށް އެއްބަސްވެ ވަޑައިގެން ފައިވާކަމަށް ވިދާޅު ވެފައެވެ. އިންޑިއާ ސަރުކާރުން ބުނަނީ ޓްރަމްޕްގެ ވާހަކައަކީ ހޮޅި ވާހަކައެއް ކަމަށާއި އެފަދަ އެއްވެސް ފޯނު ކޯލެއް ދެ ފަރާތް ދެމެދު ނުހިނގާކަމަށެވެ.
އިންޑިއާއިން ވަނީ އެޤައުމުގެ ހަކަތައިގެ ސިޔާސަތު ބިނާވެފައިވަނީ ޤައުމީ މަސްލަހަތުގެ މައްޗަށްކަން އަލުން ތަކުރާރުކޮށްފައެވެ. މިގޮތުން ތެލުގެ އަގުތައް ހަމައަކަށް އަޅުފައި ބެހެއްޓުމާއި، ރައްކާތެރި ގޮތެއްގައި ތެލުގެ ސަޕްލައި އިންޑިއާއަށް އަބަދު ލިބުން މުހިންމުކަމަށް ފާހަގަކޮށްފައިވެއެވެ. މިވަގުތު އިންޑިއާއަށް ބޭނުންވާ ތެލުގެ ތިންބައިކުޅަ އެއްބައި ލިބެނީ ރަޝިއާއިންނެވެ.
ޓްރަމްޕް ވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަކީ ރަނގަޅު ކަމެއް ކަމުގައި ވިދާޅުވެ،. ދެން ޗައިނާއަށް ފިއްތައިގެން އެފަދަ އެބަސްވުމެއް އެއްބަސްކުރުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވާ ޚިޔާލީ ފޯނު ކޯލުގެ މައްސަލައިގެ ސަބަބުން އިންޑިއާގެ ސިޔާސީ މަސްރަހުގައި ހަލަބޮލިކަން އުފެދި، އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔާފައިވެއެވެ. އިންޑިއާ ސަރުކާރުން ބުނެފައި ވަނީ އެޤައުމުގެ ހަކަތައިގެ ސިޔާސަތު ކަނޑައަޅާނީ ބޭރުގެ ފިއްތުންތަކަށް ނޫންކަމާއި، އެޤައުމުގެ އެތެރޭގެ ބޭނުންތަކާއި ސްތްރެޓެޖިކް މިނިވަންކަމުގެ މައްޗަށްކަމަށް ބުނެ ރައްޔިތުންނަށް ޔަގީންކަން ދީފައެވެ.







