ކްރޮއޭޝިއާގެ ނަސްރާނީއަކު އިސްލާމްވެ ބޮސްނިއާގައި

ކްރޮއޭޝިއާގެ އޮސިޖެކްގައި ދިރިއުޅެމުން ދަނިކޮށް އުމުރުން 18 އަހަރުގައި އިސްލާމްވި އަންޓޯނިޔާ ޕެޓްރާ ގަގުލިކް، ވަނީ އޭނާގެ ދިރިއުޅުން ބޮސްނިއާއަށް ބަދަލުކޮށްފައެވެ. އޭނާ މިހާރު ދިރިއުޅެމުންދަނީ ބޮސްނިއާ-ހަރޒެގޮވީނާގެ ވެރިރަށް ސަރައޭވޯގައެވެ. އޭނާ ބުނާ ގޮތުގައި ސަރައޭވޯއަކީ އޭނާއަށް ރޫހާނީ ހިތްހަމަޖެހުމެއް ލިއްބައިދޭ ސިޓީއެކެވެ. މިހާރު އުމުރުން 22 އަހަރުގެ އަންޓޯނިއާއަކީ ބސްނިއާ ޔުނިވާސިޓީގައި ސައިކޮލޮޖީގެ ދާއިރާއިން ކިޔަވަމުންދާ ދަރިވަރެކެވެ.

އޭނާ ކިޔައިދިން ގޮތުގައި ހައިސްކޫލް ދުވަސްވަރު ދީނުގެ ހަގީގަތް ހޯދުމަށް އެކި ދީންތައް ދިރާސާކުރަން ފެށި އެވެ. އަދި އުމުރުން 17 އަހަރުގައި އިސްލާމްދީނާ ތަޢާރަފުވެ، އެދީން ދިރާސާ ކުރުމަށްފަހު، އެއް އަހަރާއި ހަ މަސް ފަހުން އިސްލާމްވީއެވެ.

އަންޓޯނިޔާއަކީ ކެތޮލިކް ދީނަށް ތަބާވާ އާއިލާއަކުން އައިސްފައިވާ ކުއްޖެކެވެ. އަދި ދީން ބަދަލު ކުރުން ފަސޭހަކަމަކަށް ނުވިކަމަށް އޭނާ ބުނެއެވެ. ނަމަވެސް އިސްލާމްދީނުގެ ހިދާޔަތް ލިބުމުން އެކަން ފަސް ކުރަން ބޭނުން ނުވީއެވެ. އަދި ސަރައޭވޯއަށް ހިޖުރަ ކުރީ މިނިވަން ކަމާއެކު އިސްލާމީ ޝިއާރުތައް ފާޅު ކުރުމުގެ ގޮތުން ކަމަށް އޭނާ ބުނެއެވެ. އޭނާ ބުނާ ގޮތުގައި ސަރައޭވޯއަކީ ޔޫރަޕްގެ އިސްލާމް ދީނުގެ ރޫޙާނީ މަރުކަޒެވެ. ބޮސްނިއާގެ މުޖުތަމަޢުން އޭނާއަށް ލިބުނީ ރޫހާނީ ހިތްހަމަޖެހުމާއި ގަބޫލު ކުރުން ކަމަށް ކިޔައި ދެއެވެ. އަދި އެތާނގެ ރައްޔިތުން އޭނާއާމެދު ފަރުވާތެރިވެ، އެހީތެރިވެދީ، އަމިއްލަ މީހެއްގެ ގޮތުގައި ބަލައިގަތް ކަމާމެދު އޭނާ ޝުކުރު ކުރެއެވެ.

 

ހިއްސާ ކުރައްވާ!