އުމްރާ ވިސާ ދޫކުރި އަދަދު ހަތަރު މިލިއަނަށް އަރާފައިވާ ކަމަށް ސައޫދީ ރިޕޯޓުތައް ބުނެއެވެ. މި އަދަދަކީ އުމުރާގެ މޫސުން ފެށުނުފަހުން ފަސް މަސް ދުވަހުގެ ތެރޭގައި އުމުރާއަށް ދީފައިވާ ވިޒާގެ އަދަދެވެ. އަދި މިއީ ކުރީގެ އަދަދުތަކާ އަޅާ ބަލާއިރު ރެކޯޑް އަދަދެއް ކަމަށް ދައްކައެވެ. ރެކޯޑްތައް ދައްކާ ގޮތުން އެންމެ ގިނައިން ޢުމްރާ ވިސާ ދޫކޮށްފައިވަނީ ޕާކިސްތާނާއި އިންޑޮނޭޝިއާ، އިންޑިއާ، އިރާޤު އަދި މިޞްރުގެ ރައްޔިތުންނަށެވެ.
ސަޢޫދީ ޢަރަބިއްޔާގެ ހައްޖު އަދި ޢުމްރާ މިނިސްޓްރީން ވަނީ، މުޅި ދުނިޔޭގެ މުސްލިމުންނަށް ޚިދުމަތް ދިނުމަށް އުފައްދާފައިވާ ޑިޖިޓަލް މަންސަ ނުސުކް އެޕްލިކޭޝަން މެދުވެރިކޮށް، ރަސްމީކޮށް ޢުމްރާގެ ވިސާ ހޯދުން ފަސޭހަކޮށްދީފައެވެ. މި އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ބުކިން ހެދުމާއި، ހުއްދަ ހޯދުމުގެ އިތުރުން މުހިންމު ޑިޖިޓަލް ޚިދުމަތްތައް ލިބެން ހުރެއެވެ. ދެ ޙަރަމްފުޅަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ރައްކާތެރިކަމާއި ފަސޭހަކަން ކަށަވަރު ކުރުމަށްޓަކައި، އެތައް ބަހަކުން ޑިޖިޓަލް އަދި ހޭލުންތެރިކުރުމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ވެސް ސައޫދީން ދަނީ ކުރަމުންނެވެ.
2024 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 35 މިލިއަނަށް ވުރެ ގިނަ މީހުން ޢުމްރާވެފައިވެއެވެ. މި އަދަދަކީ 2023 ވަނަ އަހަރު ޢުމްރާ ކުރި 26.86 މިލިއަން މީހުންނާ އަޅާބަލާއިރު، 34 އިންސައްތައިގެ އިތުރުވުމެކެވެ.
އަހަރުގެ ނިޔަލަށް ޢުމްރާ ކުރި މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޢުމްރާ ކުރާ މީހުންގެ ތެރޭން 57.8 އިންސައްތަ އަކީ ފިރިހެނުންނެވެ؛ އަދި ރައްޔިތުންގެ ނިސްބަތުން ބަލާއިރު، ސަޢޫދީ މީހުންގެ ނިސްބަތަކީ 13.3 އިންސައްތަ އެވެ.







